55 އަހަރަށްފަހު ހެމްބާގް ޖަރުމަން ލީގުން ރެލެގޭޓްވެ ހަމަނުޖެހުމަކަށް ގޮސްފި
ޖަރުމަން ލީގުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ހެމްބާގް 55 އަހަރަށްފަހުގައި ޖަރުމަން ލީގުން ރެލެގޭޓްވެއްޖެއެވެ.
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ވަނީ މި ސީޒަންގެ ލީގުގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ހަމަވެފައެވެ. ލީގުގެ ފަހު މެޗުގައި ރޭ ބޮރުސިއާ މޮންޗެންގްލަޑްބެކްގެ މައްޗަށް 1-2 ގެ ނަތީޖާއިން ހެމްބާގު މޮޅުވި ނަމަވެސް އެ ޓީމަށް ވަނީ ރެލިގޭޝަން ކަށަވަރުވެފައެވެ.
މި ސީޒަންގައި ޖަރުމަން ލީގުގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، ހެމްބާގް އޮތީ ލީގުގެ އެންމެ ފުލުން ދެވަނައިގައި 31 ޕޮއިންޓް ލިބިގެންނެވެ. ޖަރުމަން ލީގުގެ އުސޫލުގައިވާ ގޮތުން، ލީގުގެ އެންމެ ފުލުން ޖާގަ ހޯދާ ދެ ޓީމު ލީގުން ރެލެގޭޓްވާނެއެވެ. ހެމްބާގުގެ އިތުރުން ލީގުން މި ފަހަރު ރެލެގޭޓްވީ އެފްސީ ކޯންއެވެ.
ހެމްބާގުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަހު މިނެޓުގެ ތެރޭގައި ހެމްބާގުގެ ސަޕޯޓަރުން ވަނީ ދަނޑަށް ފަޓާސް އުކައި، މެޗު ކުރިއަށްގެންދަން ހުރަސް އަޅައިފައެވެ. އެއަށްފަހު ސަޕޯޓަރުންގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް ކޮންޓްރޯލްކުރެވުނީ ރިޔަޓު ފުލުހުން ހަރަކާތްތެރިވެގެންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނެތެވެ.
1963 ވަނަ އަހަރުން ފެށިގެން ޖަރުމަން ލީގުގައި ވާދަކުރަމުން އަންނަ ހެމްބާގް އަންނަ ސީޒަނަށް ރެލެގޭޓްވިއިރު، މިދިޔަ 55 އަހަރުގައި ލީގުން ރެލެގޭޓްނުވެ ވާދަކޮށްފައިވާ ހަމައެކަނި ޓީމަކީ ވެސް ހެމްބާގެވެ. ހެމްބާގު ވަނީ މިހާތަނަށް ހަ ފަހަރެއްގެ މަތިން ޖަރުމަން ލީގު ވެސް ކާމިޔާބުކޮށްފައެވެ.