ސޫރަތުލްއަންޢާމް ބާވައިލެއްވެވިއިރު އެ ސޫރަތުގެ މާތްކަމަށްޓަކައި އެ ސޫރަތް "އެސްކޯޓް ކުރައްވައިގެން" ޖިބްރީލްގެފާނުގެ އަރިއަހުގައި 70،000 މަލާއިކަތުން ފައިބާ ވަޑައިގެންނެވިއެވެ.
ކީރިތި ޤްރްއާނުގެ މާތްކަމަށްޓަކައި ތަފާތު އެތައް ކަންތައްތަކެއް ވަނީ ހިނގައިފައެވެ. ކީރިތި ޤްރްއާން ބާވައިލެއްވެވުމަކީ އާދައިގެ ކަމެއް ނޫނެވެ. ޖަމަލުކޮޅެއްގެ މަތީގައި އިންނަވަނިކޮށް ވަހީ ލިބިވަޑައިގަތުމުން އެ ޖަމަލުކޮޅަށް ކެތް ނުކުރެވިގެން ތެޅިގަނެ ބަނޑުޖެހުން ފަދަ އެތައް ގިނަ މުޢުޖިޒާތްތަކެއް މާތް ﷲ ވަނީ ދައްކަވައިފައެވެ.
ކަންކަން މިފަދައިން ފެންނަން ހުރިއިރުވެސް އެފަދަ މަތިވެރި ކީރިތި ޤްރްއާނަށް ދޭންޖެހޭ ސަމާލުކަން މިއަދު އަޅުގަނޑުމެންނަށް ދެވޭބާވައެވެ! ކީރިތި ޤްރްއާން ކިޔަވަމުންދާއިރު ދުލުން މިކިޔަނީ ކިހައި މަތިވެރި ލަފުޒުތަކެއްކަން އިޙްޞާޞްކުރެވޭ ބާވައެވެ! އެންމެ ކުޑަމިނުން ދުލުން މިކިޔަނީ މާތް ﷲ ގެ ވަހީ ބަސްފުޅުތައްކަން ހިތަށް އިޙްޞާޞްކުރެވޭބާވައެވެ!
ކޮންމެ މީހަކަށް އެންމެ ފުރިހަމައަށް ތަޖުވީދުމަގުން ނުކިޔެވިދާނެއެވެ. އަދި އަޑު މަޚުރަޖުވެސް އެކިމީހުންގެ ހުންނާނީ އެކި ގޮތަށެވެ. ކިޔެވޭގޮތް ވެސް ތަފާތުވެދާނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ކީރިތި ޤްރްއާން ކިޔަވާއިރު ހިތަށް ގެންނަން މަސައްކަތްކުރަންވީ މިކިޔަނީ މާތް ﷲ، 7 އުޑުގެމަތިން ބާވައިލެއްެވެވި އާޔަތްތަކެއް ކަމެވެ.
ކީރިތި ޤްރްއާން ކިޔަވާއިރު ރިވެތިކޮށް ކިޔަން ސަމާލުކަންދޭންވީ ހަމައެކަނި ޚަޠިމުން ބަލައިގެން ކިޔާ އިރު އެކަންޏެއް ނޫނެވެ. ނަމާދުގައި ކިޔަވާއިރުވެސް ސަމާލުކަން ދޭންޖެހޭނެއެވެ. ލަފުޒުތަކަށް ނުވިސްނައި އަވަސް އަވަހަށް ކިޔަވައިލުމުން ކިޔެވުމުގެ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ. އެހެނީ ކިޔަވަން ފަރިތަ މީހަކު ނަމަވެސް ތަޖުވީދުމަގުން ތަރުތީބުކޮށްގެން ކިޔަވަންޖެހޭނެތީއެވެ.
ނަމާދު ފުރިހަމަވާނީ އަލްޙަމްދު ކިޔަވައި އަދި ކީރިތި ޤްރްއާނުންވެސް މިންވަރެއް ކިޔަވައިގެންނެވެ. އެހެންކަމުން ކުރާ ނަމާދު ފުރިހަމަކުރަން އެދޭނަމަ މިކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާންމެހެވެ. ނަމާދު ފުރިހަމައަށް އަދާކުރަން ޚާއްޞަ ސަމާލުކަން ދިނުމަކީ އެމަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ކުރަން ކޮންމެހެން ޖެހޭ ކަމެކެވެ.
- އިސްލާމީ ތިލފަތުގެ ދަރުސަކުން -