ތިބާގެ ތައުބާ ޤަބޫލު ނުކުރެއްވެވި ކަމަށް ޤަބޫލުކުރުމަކީ ކުރެވޭނެ އެންމެ ބޮޑު ފާފަ! ‍- އެގޮތަށް ވިސްނައިދެނީ ޝައިޠާނާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތިބާގެ ތައުބާ ޤަބޫލު ނުކުރެއްވެވި ކަމަށް ޤަބޫލުކުރުމަކީ ކުރެވޭނެ އެންމެ ބޮޑު ފާފަ! ‍- އެގޮތަށް ވިސްނައިދެނީ ޝައިޠާނާ!: މުފްތީ މެންކް
މީސްތަކުން ލައްވާ ފާފަ ކުރުވުމަށްފަހު ޝައިޠާނާ އެންމެ ފުރަތަމަ ހިއްވަރު ދޭނީ ތައުބާ ނުވުމަށެވެ. ތިބާއަށް ކުރެވުނު ކުށް އިޙްޞާޞްކުރެވެވި ތައުބާވުމުން ދެން ވިސްނައިދޭނީ ތިބާގެ ތައުބާ މާތް ﷲ ޤަބޫލުފުޅު ނުކުރެއްވެވި ކަމަށެވެ.

މިވެނި އެވެނި ބޮޑެތި ފާފަތައް ވެސް ތިބާއަށް ކުރެވިފައިވުމުން ތިބާއަށް އާޚިރަތް ދުވަހު އެއްވެސް ސަލާމަތްކަމެއް ނެތް ކަމަށް ޝައިޠާނާ ވިސްނައިދޭނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ދުނިޔޭގައި އުޅެން ލިބޭ ދުވަސްކޮޅު ހިތް އުފާކޮށްލައިގެން އުޅުން ކަމަށް ވެސް ވިސްނައިދޭނެއެވެ.

އެކަން އެގޮތަށް ޤަބޫލުކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. އެހެނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެކަމަށް މާތް ﷲ ވަނީ ވަހީ ކުރައްވަވައިފައެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ!

ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ ހުރިހާ ފާތަކެއް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (53-39)"

މިމޭރުމުން ކީރިތި ޤްރްއާނުގެ އެތައް އާޔަތެއްގައި މާތް ﷲ ބަޔާންކުރައްވަވާފައިވާއިއރު މާތް ﷲ، ތިބާގެ ފާފަތައް ގިނަވެގެން ނުފުއްސަވާނެ ކަމަށް ޤަބޫލުކުރުމަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައެވެ.

މާތް ﷲ އެ އަންގަވަނީ ތިމަން ﷲ ފާފަތައް ފުއްސަވާނެ ކަމަށެވެ. ނަމަވެސް ތިބާ ތިއަ ބުނަނީ މާތް ﷲ ފާފަ ނުފުއްސަވާނެ ކަމަށެވެ. މިއީ ކިހިނަކުން ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ހަމައެކަނި ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމެވެ. ކުރިން ކުރެވުނު ފަދަ ކުށެއް އަލުން ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.

ގިނަގިނައިން ތައުބާވުންމަތީގައި ދެމިހުރުމެވެ. އެގޮތުގައި ސާބިތުވެހުންނަން މަސައްކަތްކޮށްފިނަމަ އެމީހަކަށް މާތް ﷲ ތައުފީޤް ދެއްވަވާނެކަން ޔަޤީނެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން