އެކި އުމުރުގެ ތުއްތު ކުދިންގެ ޖަނާޒާގައި ބައިވެރިވެފައި ނުކުމެގެން އަންނައިރު ގިނަ މީހުން މިތިބެނީ ހެވިފައެވެ. މާ ބޮޑު ފިކުރެއް ނުހުރެއެވެ. މާބޮޑު ކަމެއް ވެގެންދިއަ ކަމުގެ އިހްސާސްތައް މޫނުމައްޗަކުން ނުފެނެއެވެ.
ހަޤީޤަތަށް ބުނާނަމަ ބުނަންޖެހޭނީ އުމުރުން ދުވަސްވީ މީހަކު މަރުވުމުން ކުރާ އިހްސާސް ވެސް ކުޑަކުއްޖަކު މަރުވުމުން ގިނަ ބައަކަށް ނުކުރާ ކަމަށެވެ. ނަމަވެސް ހަޤީޤަތުގައި މިއީ ވަރަށް ބޮޑު ގޯހެކެވެ. މަރުވި ކުއްޖާގެ އުމުރު ހަގުވި ވަރަކަށް ކަންބޮޑުވުން އިތުރުވާންޖެހޭނެއެވެ.
ކުޑަކުއްޖެއްގެ ޖަނާޒާއިން ނުކުންނައިރު އެމީހާގެ ހިތް ބިރުން ތުރުތުރު ނުއަޅާނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ނަމަވެސް އެ ބިރުވެރިކަން ހިތަށް އިޙްޞާޞްކުރެވޭނީ މަރާއިމެދު ވިސްނާނަމައެވެ. ވިސްނާ މީހުންނަށެވެ.
ތިބާގެ އުމުރަކީ ،50،40 ،60 70 އަހަރު ކަމަށްވެދާނެއެވެ. މަރުވެގެން ވަޅުލާފައި ތިއަ ނުކުންނަނީ އަދި 10 އަހަރު ވެސް ނުފުރޭ ކުޑަކުއްޖެއް ކަމަށްވެދާނެއެވެ. ،20 30 އަހަރު ނުފުރޭ ޒުވާނެއް ކަމަށްވެސް ވެދާނެއެވެ. އަދި ހަމަ އެންމެ އަހަރެއް ނުފުރޭ ތުއްތު ކުއްޖެއް ކަމަށްވެސް ވެދާނެއެވެ.
އެ އުމުރުގެ ކުއްޖާގެ އުމުރު ހަމަވެ މާތް ﷲ ގެ ޙަޟްރަތަށް އެދިއައީއެވެ. އަދިވެސް ތިބާ ތިހިރީއެވެ. މަރެއް ނުވެއެވެ. ތިބާ މަރުވުމުގެ ވަގުތު އަދި ނުޖެހޭތީއެވެ. ނަމަވެސް އެ ވަގުތު ޖެހޭނީ މިވަގުތުކަން މިރޭކަން ނުވަތަ މާދަމާކަން ތިބާއަށް އެނގޭހެއްޔެވެ؟ ނޫނީ އަދި އިތުރަށް ކިތައް އަހަރު ދުނިޔޭގައި ތިބާއަށް ހުރެވޭނެކަން ތިބާއަށް އެނގެނީ ހެއްޔެވެ؟
މީސްތަކުންނޭވެ. ޖަނަޒާއަށް ދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ ފިކުރުތައް ތިމާގެ ހިތަށް ގިނަގިނައިން ވެއްދުމެވެ. މަރާއިމެދު ބިރުވެރިކަން ހިތަށް ގެނައުމެވެ. އަމަލުތައް އިޞްލާޙްކުރުމެވެ. މަރަށް ތައްޔާރުވާން ކުރާ މަސައްކަތްތައް އިތުރު ކުރުމަށް ހިތްވަރު ލިބިގަތުމެވެ. މިކަންކަން ހިތަށް ނުގެނެވޭމީހާއަށް ކާމިޔާބެއް ނެތެވެ! ކާމިޔާބުކުރެވޭނީ ގިނަގިނައިން މަރު ހަދުމަކޮށް މަރާއިމެދު ބިރުވެތިވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -