ރޯދަ ހިފުމުގެ ބޭނުމަކީ ކޮބައިހޭ ބުނެފިނަމަ އެންމެ ގިނައިން ލިބޭނެ ޖަވާބަކީ ތަޤްވާވެރިކަން އިތުރުކުރުން ނުވަތަ ތަޤްވާވެރިވުން ކަމަށެވެ. ރޯދަ މަކްރޫހަވާ ނުވަތަ ރޯދަ ގެއްލޭ ކަންތައްތައް ކިޔައިދޭއިރުވެސް އަނިޔާވެރިވުމުގެ ވާހަކަ ދައްކާނީ ވަރަށް މަދުންނެވެ.
އެގޮތަށް އެކަންތައްތައް މިއަދާއި ހަމައަށް އައިސްފައި މިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޞަހާބީންގެ ޒަމާނަށް ބަލައިފިނަމަ މުސްލިމުންގެ މެދުގައި މިހާރު މިފެންނަފަދަ އަނިޔާވެރި އެއްވެސް ކަމެއް ނުފެނެއެވެ. ކޮންެމެ ބޭކަލަކުވެސް ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވެވީ ވީހައި އަދުލުވެރިވެވަޑައިގަތުމަށެވެ.
އެކަން އެހެންވެފައި އޮތީ ސަބަބެއް ނެތިއެއް ނޫނެވެ. އަނިޔާވެރިކަން މާތް ﷲ ވަނީ އެކަލާނގެ ޒާތުފުޅަށް ވެސް ޙަރާމް ކުރައްވަވައިފައެވެ. އަދި އިސްލާމް ދީން ބާވައިލެއްވެވުނު އެންމެ ބޮޑު އެއް މަޤްޞަދަކީވެސް އަނިޔާވެރިކަން ނައްތާލައި އަދުލުވެރިކަން ޤާއިމުކުރުމެވެ. މީސްތަކުންނަށް އަމާންކަން ފޯރުކޮށްދިނުމެވެ.
އަނިޔާވެރިކަމާއެކު އެއްވެސް ކަމެއް ކުރުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. ވަލުޖަނަވާރަށް ވެސް އަނިޔާވެރިވުމެއް ނެތެވެ. ގޭގައި ގެންގުޅޭ ޖަނަވާރަށްވެސް އަނިޔާވެރިވުމެއް ނެތެވެ.
މި ވިސްނުމުން ބަލައިފިނަމަ އެމީހެއްގެ ޢާއިލާއަށް އަނިޔާވެރިވުމާއި އެމީހެއްގެ ބެލެނިވެރިކަމުގެދާށުގައި ތިބި އިންސާނުންނަށް އަނިޔާވެރިވުމުގެ ހުރި ނުބައިކަން އެނގިގެންދާނެއެވެ. އަދި އަދުލުވެރިވާންޖެހޭ މިންވަރުވެސް އެނގިގެންދާނެއެވެ.
އިސްލާމް ދީނުގައި ކަންކަން އޮތީ މިމަގުން ނަމަވެސް ގިނަ ބައަކު މިއަދު މިކަން ދެކެނީ މުޅިން ތަފާތު ނަޒަރަކުންނެވެ. އަމިއްލަ އާއިލާއަށްވެސް އަދި އެމީހެއްގެ ބެލެނިވެރިކަމުގައި ތިބި ބައަކަށްވެސް އަނިޔާވެރިވަމުން ރޯދަ ވެސް އެބަހިފައެވެ. އަހަރެން ބުނާނީ އަނިޔާވެރި އަމަލުތައް އެއްވެސް މިންވަރަކަށް ކުރަމުން ރޯދަ ހިފުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
ކުރިއަށް މިއޮތީ ބަރަކާތްތެރި ރޯދަމަހެވެ. މުސްލިމުން އެމަހެއްގައި ރޯދަ ހިފާ މަހެވެ. އެހެންވީމާ ހިފާ ރޯދަ ރޯދައަކަށް ހެދުން ވަރަށް މުހިންމެވެ. ނޫންނަމަ ރޯދަ ހިފުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
ތިމާ ކުރާ ކޮންމެ ކަމެއްގައި އަދުލުވެރިވުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ރޯދަމަހު އެކަމަށް ޚާއްޞަ ސަމާލުކަމެއް އިތުރަށް ދޭންޖެހޭނެއެވެ. ތިމާއަށް ލިބޭ މަދު މިންވަރުން ކުރާ ޚަރަދުތައް ކުރުމުގައިވެސް އަދުލުވެރިވާންވާނެއެވެ. މާނައަކީ އާއިލާގެ މެދުގައި ކަންކަން ކުރަންވާނީ ހަމަހަމަކަމާއިއެކުގައެވެ.
އަމިއްލަ ދަރިންނާއިމެދުގައިވެސް މެއެވެ. އެއްވެސް ދަރިއެއްގެ މެދުގައިވެސް ތަފާތެއް ކޮށްގެން ނުވާނެއެވެ. އެފަދަ ތަފާތުކުރުންތައް ވާނީ އަނިޔާވެރިވުމަށެވެ. އެއީ އިންސާފު ނުލިބޭ ދަރިފުޅަށް އަނިޔާވެރިވެވޭތީއެވެ. ގާތުގައި ހުރިނަމަވެސް ދުރުގައި ހުރިނަމަވެސް ދަރިފުޅުގެ ހަށިގަނޑުގައި ހިނގާނީ ހަމަ ތިބާގެ ލެއެވެ. މާތް ﷲ ގެ ހަޟްރަަތުގައި އުފުލަންޖެހޭ ޒިންމާއަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ.
މުސްލިމުންނަކީ ގިނަގިނައިން ކައިވެނިކުރާ ބައެކެވެ. ގިނަ ބަނޑުތަކަށް ދަރިން ހޯދާ ބައެކެވެ. ނަމަވެސް ގިނަ ފަހަރަށް މީރުހައި ތަކެތި ހޯދާފައި ކާންދެނީ އެމީހެއްގެ ގާތުގައި ތިބި ދަރިންނަށެވެ. ދުރުގައި ތިބި ދަރިންގެ ޙާލެއް ނުބަލައެވެ. ރޯދަ ހިފަނީ ކޮން ފެންވަރެއްގައި ކައިބޮއި ހަދައިގެންތޯއެއްވެސް ނުބަލައެވެ. މިއީ ހާދަ ބޮޑު ގޯހެކެވެ. ގާތުގައި ތިބި ދަރިންނަށް ހޯދައިދޭ ތަކެތި ދުރުގައި ތިބި ދަރިންނަށްވެސް ހޯދައިދޭންޖެހޭނެއެވެ. ނޫންނަމަ އެވެވެނީ އަނިޔާވެރިއެވެ. އަނިޔާވެރިވަމުން ރޯދަ ހިފުމުން ރޯދައިގެ މަޤްޞަދު ހާޞިލެއް ނުކުރެވޭނެއެވެ. ވީމާ މިކަމަށް އިތުރަށް ވިސްނައިލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
- މުފްތީ މުޙައްމަދު މުނީރުގެ ދަރުސަކުން -