ހައްޖުވުމަކީ ވަކި ދުވަސްތަކެއްގައި ކުރަންޖެހޭ ކަމެކެވެ. ރޯދަ ހިފުމަކީވެސް ވަކި ދުވަސްތަކެއްގައި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ މުސްލިމުންނަކީ ވަކި މޫސުމެއް އައުމުން އަޅުކަންކުރާ ބައަކަށް ވުމެއް ނޫނެވެ.
މުސްލިމުންނަކީ އަބަދުވެސް ފަރުޟާއި ސުންނަތް އަޅުކަންތައްތައް ކުރުންމަތީގައި ދެމިތިބެންޖެހޭ ބައެކެވެ. ޚާއްޞަ މޫސުން އައުމުން އެ މޫސުމާއި ގުޅިގެން ކުރަންޖެހޭ އަޅުކަންތައްތަކަކީ ޢާންމުކޮށް ކުރާ އަޅުކަންތަކުގެ އިތުރުން ކުރަންޖެހޭ ކަންތައްތަކެކެވެ.
މިސާލަކަށް ބުނާނަމަ ރަމަޟާން މަސް އައުމުން ތަރާވީޙް ނަމާދު ކުރުމަކީ އިތުރަށް ކުރާ ކަމެކެވެ. ރޯދަހިފުމަކީ އިތުރަށް ކުރާ ކަމެކެވެ. ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރުމާއި ދަމުނަމާދުކުރުމަކީވެސް ޚާއްޞަ ކަންކަމެވެ.
ރަމަޟާން މަސް އައުމުން މުސްލިމުންގެ ވަރަށް ގިނަ ބައަކު ރޯދަ ހިފައި އަޅުކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެއީ ހަމަ ކުރާ ވަރަށް ރަނގަޅު ކަންތައްތަކެވެ. އެހެންނަމަވެސް އެކަމުގެ ޙަޤީޤީ ފައިދާ ކުރާނީ ރަމަޟާން މަސް ދިއުމުން ވެސް ތިމާ ކުރަންޖެހޭ އަޅުކަންތައްތައް ކުރުންމަތީގައި ދެމިހުރެގެންނެވެ.
"ފަލާޙް ލިބިގަތުމަށް އަންނާށެވެ!" މުދިމު ދުވާލަކު 5 އިރު ގޮވާލަނީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. މާތް ﷲ ގެ އެންގެވުމަށް ގޮވައިލެވޭ މި ގޮވާލުމަށް އިޖާބަދޭންޖެހެނީވެސް ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. ރަމަޟާން މަހު އިޖާބަ ދީފައި އެހެން މަސްމަހު އިޖާބަ ނުދިނީމާ ކުރިއަށް އެދެވެނީ މާތް ﷲ ގެ މަގަކު ނޫނެވެ. އަމިއްލަ މަގެއްގައެވެ.
ކަންކަން އޮތީ މިހެންކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އިހްމާލްވެވެނީއެވެ. އަޅާނުލެވެނީއެވެ. ފަރުވާ ކުޑަކުރެވެނީއެވެ. އެހެންވީމާ ދޭން މިއުޅޭ ނަޞޭޙަތަކީ މިފެށޭ ރޯދަމަސް އައު ފެށުމަކާއިއެކު ފެށުމަށެވެ. ރޯދަ މަސް ނިމުނު ނަމަވެސް އަޅުކަންކުރުން ހުއްޓައިނުލާނެ ކަމުގެ އަޒުމުގައެވެ.
ރޯދައަށް ހުރެ އެކަމަށް ދުޢާކުރުން ގިނަކުރާށެވެ. އަޅުކަންކުރުމުގައި ސާބިތުކަމާއިއެކު ދެމިހުރުމުގެ ތައުފީޤް ދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ. ތިބާގެ ނިޔަތަކީ އިޚްލާޞްތެރި ނިޔަތެއްނަމަ ތިބާގެ ދުޢާ މާތް ﷲ އިޖާބަކުރައްވަވާނެއެވެ. އެކަން ޔަޤީންކޮށްގެން ހުރެ ދުޢާކުރަމުން ގެންދާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން -