ޕީއެސްޖީގެ ކޯޗުކަމަށް ޑޮޓްމަންޑްގެ ކުރީގެ ކޯޗު ޓުޝެލް ހަމަޖައްސައފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޕީއެސްޖީގެ ކޯޗުކަމަށް ޑޮޓްމަންޑްގެ ކުރީގެ ކޯޗު ޓުޝެލް ހަމަޖައްސައފި
ފްރާންސްގެ ފުޓުބޯޅަ ކްލަބް ޕީއެސްޖީގެ ކޯޗުކަމަށް، ބޮރުޝިއާ ޑޮޓްމަންޑްގެ ކުރީގެ ކޯޗު ޓުޝެލް ހަމަޖައްސައިފިއެވެ.

ޕީއެސްޖީގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް މިކަން ކަށަވަރުކޮށްފައިވާއިރު، ޕީއެސްޖީގެ ކޯޗުކަމަށް ޓުޝެލް ހަމަޖެއްސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޖަރުމަންގެ ބޮރުޝިއާ ޑޮޓްމަންޑްގެ ކޯޗުކަމުން ޓުޝެލް ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ އެއްވެސް ޓީމެއްގެ ކޯޗުކަމާ ހަވާލެއް ނުވެއެވެ. ޑޮޓްމަންޑާއެކު ޓުޝެލް ވަނީ ޖަރުމަން ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީއިން އެ ޓީމުގެ ކޯޗަކަށް ޓުޝެލް ހަމަޖެއްސިކަން އިއުލާންކުރީ، މިދިޔަ ދެ އަހަރު އެ ޓީމުގެ ކޯޗުކަމުގައި ހުރި އުނާއީ އެމެރީގެ އެއްބަސްވުން ހަމަވެ އޭނާގެ ކޮންޓްރެކްޓް އާނުކުރުމަށް ނިންމުމަށް ފަހުގައެވެ.

އުނާއީ އެމެރީގެ އިރުޝާދުގެ ދަށުން ދަށުން ޕީއެސްޖީއިން މި ސީޒަން ނިންމާލާފައިވަނީ ފްރާންސްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ގޮތުން، ޕީއެސްޖީއިން ވަނީ ފްރާންސް ލީގާއި، ފްރާންސް ލީގު ކަޕް، އަދި ފްރާންސް ކަޕް ކާމިޔާބުކޮށްފައެވެ.

އެހެން ނަމަވެސް، ޔޫރަޕްގައި ޕީއެސްޖީއަށް މި ސީޒަންގައި ވެސް ކުރިމަތިވެފައިވަނީ ނާކާމިޔާބީއެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޕީއެސްޖީ ކެޓީ މިދިޔަ ދެ އަހަރު އެ މުބާރާތް ކާމިޔާބުކުރި ރިއާލް މެޑްރިޑް އަތުންނެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ރެއާލް ތަށި ހޯދުމަށް ވާދަކުރާނެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ކުއާޓާ ފައިނަލަށްވުރެ ދުރަށް ދަތުރުކުރެވިފައިނުވާ ޕީއެސްޖީއިން މިހާރު ކުރާ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. އެ ގޮތުން، ޕީއެސްޖީއިން ވަނީ މިދިޔަ ޓްރާންސްފާ ބާޒާރުތަކުގައި ވެސް ކުޅުންތެރިން ގެނައުމަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ.
މިއަދު އޮންލައިން