އަންހެން ކަނބަލުން އައުރަ ނިވާ ކޮށްގެން ތިބުމަކީ އިސްލާމްދީން ނުހަނު ބާރު އަޅާ ނަސޭޙަތްތެރިވާ ކަމެކެވެ.
އެއީ އައުރަ ނިވާ ނުކޮށް ހުރުމުން ލިބޭނެ ގެއްލުމާއި ފާފައިން އެކަނބަލުން ސަލާމަތް ކުރުމަށެވެ. އެހެނީ އައުރަ ނިވާ ނުކުރާ އަންހެނަކާއި ހަމައަށް ސުވަރުގޭގެ ވަސްވެސް ނުފޯރާނެކަމަށާއި ސުވަރުގޭގެ ވަހަކީ އެތައް އެތަކެއް މޭލު ދުރުމިނަށް ފެތުރިފައިވާ ވަހެއް ކަމުގައި ކީރިތި ޤުރްއާނުގައި ވެސް މާތް ﷲ ވަޙީ ކުރައްވާފައިވާތީއެވެ.
އައުރަ ނިވާ ކުރުމަކީ ތިމާމީހާގެ ބޮލުގައި ހަމައެކަނި ފޮތިކޮޅެއް އޮޅާލުމެއް ނޫނެވެ. ތިމާގެ ހަށިގަނޑުގެ ވަނާތައް އެހެން މީހުންނަށް ފާޅު ނުވާނޭހެން ވެސް ހެދުން އެޅުމެވެ. ބުރުގާ އަޅާފައި ގަޔަށް ބާރު ޓޮޕު ކޮޅާއިއެކު ފަޔަށް ބާރު ޖީންސް ލާފައި ހުރުމަކަށް އައުރަ ނިވާ ކުރުމެކޭ ނުކިޔާނެއެވެ. އަދި އެފަދައިން ބުރުގާ އަޅާފައި ހުރުމަކުން ވާފައިދާއެއް ވެސް ނެތެވެ.
ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވި އާޔަތެއްގެ މާނައިގައިވަނީ
"އަދި މުޢުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރްޖްތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވާ (އެބަހީ: މޫނާއު ދެއަތްތިލަ ފިޔަވާ) އެކަނބަލުންގެ ޒީނަތް ފައުޅު ނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކު ވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރު ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުޢުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތަޢުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަސީބު ލިބުމަށްޓަކައެވެ." (ސުރާތުލް ނޫރްގެ 31 ވަނަ އާޔަތް)
ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ޝެއިޚް އަހްމަދު ނާޒިހް ދެއްވި ނަސޭޙަތުގެ ބަސްފުޅެއްގައި ވެއެވެ.
"އޭ އުޚްތާއެވެ! އައުރަ ނިވާ ކުރުމަށް އަވަސްވާށެވެ. ބަޔަކު އައިސް ތިބާގެ އައުރަ ނިވާ ކުރާނެ ދުވަސް ކައިރި އެބަ ވާކަން ހަނދާނުގައި ބަހައްޓާށެވެ!"