އެންމެ އަގުބޮޑު އިނާމު ލިބޭ ފުރުޞަތުގެ ފުރުޞަތު ދޫކޮށްލައި "ބިޓްކޮއިން ކާޑަށް" ޕޮއިންޓް ނާޅައިފިނަމަ އޮތީ ނަރަކަ- ވަދެފަ ޝަކުވާ ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
އެންމެ އަގުބޮޑު އިނާމު ލިބޭ ފުރުޞަތުގެ ފުރުޞަތު ދޫކޮށްލައި "ބިޓްކޮއިން ކާޑަށް" ޕޮއިންޓް ނާޅައިފިނަމަ އޮތީ ނަރަކަ- ވަދެފަ ޝަކުވާ ނުކުރާތި!
ދުނިޔޭގެ މާލީ ނިޒާމުގައި މިހިނގާ ކަންކަމަށް ނިކަން ވިސްނާލަބަލާށެވެ. ބޭންކުން ދޭ ކްރެޑިޓް ކާޑަށް ގިނަ ޕޮއިންޓް ލިބި އަޕްގްރޭޑްވަމުން ދަނީ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރި ނިޞްބަތަކުންނެވެ. ކާޑޫ ބޭނުންކޮށްގެން ކުރާ މުޢާމަލާތްތައް އިތުރުވި ވަރަކުންނެވެ.

އެއާލައިންތަކުންވެސް އެފަދަ ކާޑެއް އެބަދޫކުރެއެވެ. އެކާޑަށް ޕޮއިންޓް އިތުރުވަމުންދަނީ އަދި އަޕްގްރޭޑްވަމުން ދަނީ ފްލައިޓުގައި ގިނައިން ދަތުރުކުރިވަރަކުންނެވެ. އަޕްގްރޭޑްވަމުން ގޮސް ވީއައިޕީ ލޫންޖާއި އިތުރު ޚިދުމަތްތައްވެސް ލިބެއެވެ. ކާން ބޯންވެސް ލިބެއެވެ. ބައެއް ފަހަރު ބާޒާރުވެސް ކުރެވެއެވެ. އެ އަދަދަށް ޕޮއިންޓް ލިބުމުންނެވެ.

ދެން ބަލައިލަންވީ މާތް ﷲ ދެއްވަވާފައިވާ ކާޑަށެވެ. މާތް ﷲ ކޮންމެ އިންސާނަކަށްވެސް ވަނީ ކާޑެއް ދެއްވަވައިފައެވެ. މާތް ﷲ ވަނީ އެކާޑަށް ޕޮއިންޓް އަޅަން އަންގަވާފައެވެ. ގިނައިން ޕޮއިންޓް އެޅިވަރަކަށް ފައިދާ ކުރާނީ އެމީހަކަށެވެ. އަޕްގްރޭޑްވަމުން ދާނީ އެމީހަކަށް މާތް ﷲ ދެއްވަވާ ނިއުމަތްތަކެވެ.

އެކާޑަށް ޕޮއިންޓް އަޅަން ކުރަންޖެހޭ ކަންކަންވެސް މާތް ﷲ ވަނީ އަންގަވައިފައެވެ. އެއީ މާތް ﷲ އެކަންކަން ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެކެވެ. މާތް ﷲ އަށް ޝަރީކުނުކުރުމާއި ނަމާދުކުރުމާއި ޛިކުރުކުރުމާއި ވީހައި ގިނައިން އަޅުކަން ކުރުމާއި މުންކަރާތްތަކަށް އަރައި ނުގަތުމާއި ވާޖިބާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް އަމަލުކުރުމާއި މިފަދަ އެންމެހައި ކަންކަމެވެ.

މާތް ﷲ ގެ ދީލަތިވަންތަކަން ބޮޑުކަމުން މީގެ އިތުރުން އެމީހަކު ބަލިވެ އުޅެފިނަމަ އެކަމަށްވެސް ޕޮއިންޓް ޖަމާކޮށްދެއްވަވައެވެ. ދިރިއުޅުމުގައި ކުރިމަތިވާ މުޞީބާތްތަކަށް ކެތްތެރިވުމާއިއެކު މުޞީބާތުގެ ވަގުތުތަކުގައިވެސް މާތް ﷲ އަންގަވާފައިވާ ގޮތަށް އަމަލުކޮށްފިނަމަ އެކަންކަމަށްވެސް ޕޮއިންޓް ދެއްވަވައެވެ. ކުރުކޮށް ބުނާނަމަ މާތް ﷲ އަންގަވާފައިވާ ގޮތުގައި ސާބިތުވެ ހުރެ ކުރާ ކޮންމެ ކަމަކަށް ވެސް ޕޮއިންޓް ދެއްވަވައެވެ.

ޕޮއިންޓް ނުދެއްވަވަނީ ކޮންކަމަކަށް ހެއްޔެވެ؟ ތިމާ ކާން ބޭނުންވެގެން ކާން ފަށަމުން ބިސްމިﷲ ކިޔާފައި ކައި ތިމާގެ އަމިއްލަ ބަނޑުފުރުމުން ވެސް ޕޮއިންޓް ދެއްވަވައެވެ. އަމިއްލަ އުފަލަށް ކައިވެނިކޮށްގެން އުޅޭ އަނބިމީހާއަށް ހެޔޮކޮށް ހިތުމުން ޕޮއިންޓް ދެއްވަވައެވެ. ތިމާގެ ބޭނުންތައް ފުއްދުމަށް ދެމަފިރިންގެ މެދުގައި މާތް ﷲ އެންގެވި ގޮތުގައި ގުޅުންތައް ހިންގުމުން އެކަމަށްެވެސް ޕޮއިންޓް ދެއްވަވައެވެ.

އޮތީ އެމީހަކަށް ކެރުނު ވަރެކެވެ. ޕޮއިންޓްތައް ފުނިފުންޏަށް އެހުރީ ހަމަ އެންމެ ގާތުން އަތްފޯރާފަށުގައެވެ. އޮތީ ލިބިގަންނަން ކެރުނުވަރެކެވެ. އަދި ވިސްނަން ހެއްޔެވެ؟ ޕޮއިންޓް ހޯދަން ކެރުނު މީހާއަށް އޮތީ ޖަންނަތުލްފިރުދައުސް އެވެ. ނުވަތަ އެމީހާއަށް ހޯދަން ކެރުނު ޕޮއިންޓްތަކަށް ސުވަރުގެ އިން އެމީހާއަށް ޙައްޤު މިންވަރެވެ. ހައްޤު ދަރަޖައެވެ.

މިހައި ދީލަތި ކަމާއިއެކު މާތް ﷲ ޕޮއިންޓް ދެއްވެވި ނަމަވެސް މިދުނިޔޭގައި ކާޑުތަކަށް ޕޮއިންޓް އިތުރުކޮށްދޭ ފަރާތްތަކުން ޕޮއިންޓް އިތުރުކޮށްދެނީ އެފަރާތަކަށް ފައިދާވާ ގޮތަށް ކަންކަން ކުރުމުންނެވެ. މާތް ﷲ ޕޮއިންޓް އިތުރުކޮށް ދެއްވަވަނީ މާތް ﷲ އަށް އެކަމުން އެއްވެސް ފައިދާއެއް ލިބިވޮޑިގަންނަވާ ގޮތަކަށް ނޫނެވެ. ހުރިހާ ފައިދާއެއް އެމީހާއަށް ލިބޭނެ ގޮތަށެވެ.

ދުނިޔޭގެ ފަރާތްތަކުން ދޭ ޕޮއިންޓް ބޭނުންކުރީމާ ހުސްވެއެވެ. ޚިދުމަތް ނުލިބި އުޅެންޖެހެއެވެ. އަތުން ޚަރަދުވެސް ކުރަންޖެހެއެވެ. ނަމަވެސް މާތް ﷲ ދެއްވަވާ ޕޮއިންޓް ހޯދައިގެން ސުވަރުގެ ވަދެވުނީމާ ޕޮއިންޓް ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަބަދުވެސް ހުންނާނީ ބޭނުން ކޮންމެ ޚިދުމަތެއް ވެސް ލިބިލިބިއެވެ. އެމީހަކު ބޭނުންހައި ވަރަކަށެވެ. އޮންނާނީ ޚިދުމަތުގެ ބޭނުންކުރަން އެމީހަކަށް ކެރުނު މިންވަރެކެވެ.

މި ބޮޑު ދީލަތިކަން މާތް ﷲ މިންވަރުކުރައްވަވާފައިވާއިރުވެސް އެކަމަށް އަހަރެމެން އެބަ ދެކޮޅު ހަދަމުއެވެ. ޕޮއިންޓް ކާޑުން އަމިއްލައަށް އެބަ މައިނަސްކުރަމުއެވެ. މާތް ﷲ ޙަރާމް ކުރެއްވެވި ކަންކަން ކޮށްގެންނާއި ހުއްދަ ނުކުރައްވާ ކަންކަން ކޮށްގެންނެވެ. ކުރަން އެންގެވި ކަންކަން ނުކޮށް ދޫކޮށްލައިގެންނެވެ.

މިގޮތަށް ޕޮއިންޓް ކަނޑާ މީހުންނަށް އޮތީ ނަރަކައެވެ. ގަދަފަދަ އަޒާބެވެ. ނަމަވެސް ޝަކުވާކުރާނެ އެއްވެސް ޖާގައެއް ނެތެވެ. ނަރަކައިން ޖާގަ ތިއަ ހޯދީ އަމިއްލައަށެވެ. އަމިއްލައަށް ޕޮއިންޓްތައް މައިނަސްކޮށްލައިގެންނެވެ. އަމިއްލައަށް ޕޮއިންޓް އިތުރު ނުކުރުމުންނެވެ.

ވީމާ މާތް ﷲ ދެއްވަވާފައިވާ ޕޮއިންޓް ކާޑަށް ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރާށެވެ! ޚާއްޞަކޮށް މިފެށޭ ރަމަޟާން މަހުއެވެ! ރަމަޟާން މަހަކީ ހިތްވަރުކޮށްލައިފިނަމަ އެންމެ ފަސޭހައިން އެންމެ ގިނަ ޕޮއިންޓް ކާޑަށް އަޅައިލުމުގެ ފުރުޞަތު މާތް ﷲ ދެއްވަވާފައިވާ މަހެވެ. ރަނުގެ ފުރުޞަތެވެ. ހަޤީޤީ ފުރުޞަތުގެ ފުރުޞަތަކީ މިއީއެވެ. ވީހައި ގިނަ ޕޮއިންޓް އެމީހެއްގެ ކާޑަށް އަޅައިލުމެވެ. ހުރިހާ ފައިދާއެއް ލިބޭނީ ހަމަ ތިބާއަށެވެ! އެ ފުރުޞަތު ނަގައިލުމަކީ ފުރުޞަތުގެ ފުރުޞަތު ނަގައިލުމެވެ.!

- ލަވް އިސްލާމް/ އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން