ނަމާދަކީ ކޮންމެ ދުވަހަކުވެސް މަދުވެގެން 5 ވަގުތު ކުރަންޖެހޭ އަޅުކަމެކެވެ. ނުކޮށްފި ނަމަ ދަރަނިވެރިވެސް ވެއެވެ. ދަރަނި ބޮޑުވެގެން ހިނގައްޖެނަމަ ސަލާމަތްކަމެއްވެސް ނެތެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު އަބަދުވެސް ބުނަނީ ނަމާދުކުރަން ފާށާނީ "އަދުނޫން މާދަމާ" ކަމަށެވެ.
އެހެން ތިއްބައި ރަމަޟާން މަސް އައިސް ކުރިމަތިލުމުން ނަމާދުކުރާ މީހުންގެ އަދަދު އިތުރުވެއެވެ. އެއީވެސް ހެޔޮފާލެކެވެ. އެއީ އެކަން ކުރަން މާތް ﷲ އެންގެވި ގޮތް ނޫން ނަމަވެސްމެއެވެ. އެހެނީ އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކު 5 ނަމާދު ނުކޮށް ދޫކޮށްލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.
ދެން ބަލައިލަންވީ ނަމާދުކުރާނެ ގޮތަށެވެ. ނަމާދު ފުރިހަމަ ނަމާދަކަށް މިހެދެނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. ނަމަވެސް އެކަންކަމަށް ވިސްނަނީ މަދު މީހެކެވެ. ބަންގި ގޮވީމާ މިސްކިތަށް އަރައި މާބޮޑު ސަމާލުކަމެއް ނުދީ ހަރަކާތްތަކެއް ކޮށްލާފަ ފައިބައިގެންދަނީއެވެ. ދުލުން ކިޔޭ ތަކެއްޗާއިމެދުވެސް ރަނގަޅަށް ވިސްނައެއް ނުލައެވެ. އެންމެ ކުޑަމިނުން ހަރަކާތްތައް ވެސް ކުރަނީ މާބޮޑު ސަމާލުކަމެއް ދީގެނެއް ނޫނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އެގޮތަށް ކަންކަން ކުރީމާ އަދި އެއީ ނަމާދެއް ކުރެވުނީ ކަމަކަށް ނުވާނެއެވެ. ނަމާދު ނަމާދަކަށް ހެދޭނީ ހަމަ ވަރަށް ފަރުވާތެރިކަމާއިއެކު އެކަން ކުރުމުންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދަސްކޮށްދެއްވެވި ގޮތަށް އެކަން ކޮށްގެންނެވެ.
ނަމާދު ނަމާދަކަށް ހެދުމަށްޓަކައި ކުރަން އެންމެ ރަނގަޅު ގޮތަކީ އެފަހަރު އެކުރެވޭ ނަމާދަކީ ހަޔާތުގައި ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށް ވިސްނައިގެން މަޑުމޮޅިކަމާއި ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ކުރުމެވެ.
އަވަސް އަރުވާލައިގެން ފަރުވާ ކުޑަކޮށްލައި ނަމާދުކޮށްލައިގެން މިސްކިތުން ފައިބައިގެންދާއިރު، ޖެހިގެން އޮތް ނަމާދު ވަގުތު އަންނައިރު އެ ނަމާދުކުރަން ތިބާ ދިރިހުންނާނެކަމުގެ އޮތީ ކޮން ގަރަންޓީއެއް ހެއްޔެވެ؟ އެކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އެހެންކަމަށްވާއިރު ކޮންމެ ނަމާދެއްވެސް ކުރަން ޖެހޭނީ އެއީ ތިމާއަށް ދުނިޔޭގައި ހުރެ ކުރެވޭ އެންމެ ފަހު ނަމާދު ކަމަށް ބަލައި ވީހައި ފުރިހަމައަކަށެވެ. ނޫންނަމަ ހަމަ ފަހުން އޮންނާނީ އެކަމާއިމެދު ހިތާމަކުރަންޖެހިފައެވެ.
ރަމަޟާން މަސް މިފެށެނީއެވެ. ނަމާދުކުރާއިރު މިކަންކަމަށް ސަމާލުކަން ދިނުމަކީ އަހަރެންގެ ވަރަށް ބޮޑު އިލްތިމާސެކެވެ. އާދޭހެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން -