"މުސްލިމް ޤައުމެއްގައި އެޤައުމެއްގެ ސަރުކާރުން ނުވަތަ ވެރިކަމުން ރަމަޟާން މަހުގެ ހަނދާއި އަދި ޢީދާއިމެދު ގޮތެއް ނިންމައިފިނަމަ ރައްޔިތުންނަށް ޖެހޭނީ އަމަލުކުރާށެވެ. ވެރިކަމުން އެންގީމާ އޮތީ ރޯދަ ހިފުމެވެ. ވެރިކަމުން މުލަ ރޯދަ ދުވަސް ކަނޑައެޅީމާ އެދުވަހު ރޯދަ ހިފުމުން ރޯދަވެރިޔާއަށް މާތް ﷲ ޙައްޤު މިންވަރު ދެއްވަވާނެއެވެ. އެންގި މީހާގެ ނިންމުމުގެ މައްސަލަަ ވެސް ބައްލަވާނީ މާތް ﷲ އެވެ. އެއީ އަމުރަށް ކިޔަމަންވެ ރޯދަ ހިފިމީހާ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫނެވެ."
މިއީ ރެއާއި މިއަދު ބައެއް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާ ބަސްފުޅެކެވެ. ރާއްޖެ ފިޔަވައި އެހެން އިސްލާމީ ޤައުމެއްގައި މިއަދު މުލަރޯދަ ދުވަސް ނޫން ކަމަށްބުނެ ގިނަ ބައަކު ދަނީ ޝަކުވާތައް އުފައްދަމުންނެވެ. އެ މައްސަލަތަކުގައި ދީނީ އިލްމުވެރިންނާއި ސުވާލުކުރަމުންނެވެ.
މިފަދަ ބައެއް ސުވާލުތަކާއި ގުޅިގެން ސައުދިއަަރަބިޔާގައި ހުންނެވި ރާއްޖޭގެ ދީނީ އިލްމުވެރިއަކު ވިދާޅުވީ ފަލަކީ އިލްމުން ހިސާބުޖަހައިގެން ނުކުންނަ އަދަދަކަށް ބުރަވެ ރޯދަ ހިފޭނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާއިރު އަނެއްބައި އިލްމުވެރިން އެކަމަށް ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އަދި ސެޓެލައިޓުން ބަލައިގެން ހަނދު ހޯދައިގެން ރޯދަ ހިފުމާއިމެދުވެސް ގިނަ އިލްމުވެރިން ދެކޮޅު ކަމަށެވެ.
"ކައު އިތުރު ރަސޫލާ އެބައޮތް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުބަލަން އަމަލުކުރަންވީ ގޮތް ބަޔާންކޮށްދެއްވަވާފަ. އެހަދީޘްފުޅަކު ނެތް ސެޓެލައިޓާ ފަލަކީ އިލްމާ ނުޖޫމީ އިލްމުގެ ވާހަކައެއް. ދެން ބައެއް އިލްމުވެރިން އެބަ ވިދާޅުވޭ މިޒަމާނުގެ ޓެކްނޮލިޖީ އެއިރަކު ނެތޭ. ބައްލަވަ މިޒަމާނާއި މި ޓެކްނޮލޮޖީ ދުނިޔެއަށް އަންނާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އެނގިވަޑައި ނުގަންނަވަނީތޯ؟ މާތް ﷲ ނުއަންގަވަނީތޯ؟"
"މިސާލަކަށް ދަންނަވާނަމަ މުސްލިމުންގެ އަދަދު އިންތިހާއަށް އިތުރުވުމުންވެސް އެއްވެސް ބާރެއްނެތި ކޯރުގަ ދެމޭ ފޮނު ފަދަ އެއްވެސް ބާރެއް ނެތް ބައަކަށް މުސްލިމުން ވާނެކަން އެއޮތީ ޙަދީޘްފުޅުން ފެންނަން. މިއަދު މިތިބީ އެހާލަތުގައި ނޫންތޯ؟ 1400 އަހަރު ކުރިން މިފަދަ ކަންކަން ދެނެވަޑައިގެން ހުންނެވި ރަސޫލާ (ޞޢވ) އަށް ނުޖޫމީ އިލްމު ތަރައްޤީވެ ކުރިއަރާނެކަން އެނގިވަޑައިނުގެންވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން."
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްލާމީ މިނިސްޓަރުކަމުގައި ހަނދު ބެލުމުގެ ޖަލްސާތަކުގައި ނުޖޫމީ އިލްމަށް ބަލައިގެން ނިންމަން ފުރުޞަތު ދެއްވިކަން އެނގިފައެއް ނެތެވެ. މިއަދުނޫހަށް ކަވަރުކުރަން ފުރުޞަތު ލިބުނު ބައްދަލުވުންތަކުގައި ޙަދީޘް ޢިލްމުވެރިން ވަނީ ނުޖޫމީ ތާއީދު ބަލިކުރައްވައިފައެވެ.
ދީނީ އިލްމުވެރިން ވިދާޅުވީ ކަންކަން މިފަދައިން ފެންނަން ހުރި ނަމަވެސް ދައުލަތުން މުލަ ރޯދަ ދުވަސް ކަނޑައެޅީމާ ރައްޔިތުންނަށް ޖެހޭނީ ރޯދަ ހިފަން ކަމަށެވެ. ނޫންނަމަ މުޖުތަމައުގައި ބައިބައިވުން އުފެދި ބޮޑެތި ހަމަނުޖެހުންތައް ހިނގުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.