ރުޅިގަދަ މޫސައަށް މަގުދައްކަން އަނބިގޮއްޔެ ބޭނުންކުރި ދަރުސް - އެންމެންނަށް އިބްރަތްތެރި ދަރުސެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ރުޅިގަދަ މޫސައަށް މަގުދައްކަން އަނބިގޮއްޔެ ބޭނުންކުރި ދަރުސް - އެންމެންނަށް އިބްރަތްތެރި ދަރުސެއް!
މޫސައަކީ ޢާންމު ގޮތެއްގައިވެސް ރުޅިގަދަ ފިރިއެކެވެ. ރޯދަ މަސް އައުމުން މޫސަގެ ރުޅި ޖެހެނީ ތަންކޮޅެއް މައްޗަށެވެ. ކޮންމެވެސް ކަމެއް ހޯދައިގެން ނަމަވެސް ރުޅި އިސްކޮށްލުމަކީ މޫސަގެ ހަމަ އާދައެކެވެ. އަނބިގޮއްޔެ ރަޙްމާ އަށް މޫސަ އާއިއެކު ދިރިއުޅެވެނީ ހަމަ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދީގެން ދިރިއުޅެން މަސައްކަތްކުރާތީއެވެ.

ރޯދަ މަހުގެ 5 ވަނަ ދުވަހެވެ. ހަވީރު 5 ޖަހައި ބޮޑުވެއްޖެއެވެ. ރަޙްމާ އެއިރުވެސް އުޅެނީ ބަދިގެ ތެރޭގައެވެ. ވީހައި އަވަހަކަށް ބަދިގޭ މަސައްކަތް ނިންމައިލެވޭތޯއެވެ. ބަންގި ގޮވުމުގެ ކުރިން ފެންވަރާލައި ދަރިންނާއިއެކު ޤްރްއާން ކިޔަވައިލާނެ ވަގުތުކޮޅެއް ހޯދައިލެވޭތޯ ރަޙްމާ ދިއައީ މަސައްކަތްކުރަމުންނެވެ.

މޫސަ ބޭރުން އައިސް ގެއަށްވަދެ ސިޓިން ރޫމުގައި އިށީނދެލުމާއިއެކު ފުރަތަމަ ސުވާލަކަށްވީ ރޯދަވީއްލަން ހަދަނީ ކޮންއެއްޗެއްތޯއެވެ. އެދުވަހު ހެދި ތަކެތި ކިޔައިދީ ނިންމާލުމުން ބުނީ އެޕްރިކޮޓް ހަލްވާ ކޮޅެއް މިއަދުވެސް ނެތް ކަމަށެވެ.

ޖަވާބުގައި ރަޙްމާ ބުނީ މިއަދު ހަދަން މެނޫގައި ލިޔެފައި ހުރި ތަކެތީގެ ތެރޭގައި އެޕްރިކޮޓް ހަލްވާ ނެތް ކަމަށެވެ. އަދި އެ މެނޫއަކީ މޫސަ ބަލައި ޗެކްކޮށް އެއްބަސްވެފައިވާ މެނޫއެއް ކަމަށެވެ. މޫސަ ބޭނުންވީ އޭނަގެ ބަސް ކުރިއަރުވާށެވެ. މެނޫގައި ނެތް ނަމަވެސް ހަދަން އެނގެންޖެހޭނެކަމަށް ބުނެ ރުޅިގަދަކުރަންފެށިއެވެ.

އެވަގުތު ރަޙްމާ ސުވާލުތަކަކާއިއެކު މޫސައަށް ފުރުޞަތު ނުދީ ވާހަކަ ދައްކަން ފެށިއެވެ. "މޫސަ އަޅެ މިއަދު ނަމާދުކުރީ މިސްކިތުގައި ހެއްޔެވެ؟ މިސްކިތުގައި ދިން ދަރުސް އަޑުއެހިން ހެއްޔެވެ؟ ނޫނީ އެރީ ފައްޅިއަކަށް ހެއްޔެވެ؟ މޫސަ ތިގޮތަށް އަބަދު ރުޅި ގަދަކޮށް މޫނު ކުނިކުރާތީ މޫސަގެ މޫނުގެ ރީތިކަން ވެސް މިހާރު އެދަނީ ގެއްލެމުންނެވެ. މޫސަގެ މޫނު ހަޑިވީމާ ރަޙޫ ވަރަށް ދެރަވާނެއެވެ. މޫސަވެސް ދެރަވާނެއެވެ.

މޫސާއެވެ. މޫސަގެ ކަންފަތް ޑޮކްޓަރަށް މިދިއަ ހަފްތާގައިވެސް ދެއްކީމެއް ނޫންހެއްޔެވެ؟ ބޭސްކައި ބޭސް އެޅުމަށްފަހު މިހާރު ރަނގަޅުވެއްޖެ ކަމަށްވެސް ބުނީމެއް ނޫންހެއްޔެވެ؟ ނަމަވެސް ރަނގަޅުވިކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި މޫސަގެ ކަންފަތް ޑޮކްޓަރީ ބޭހުން ރަނގަޅުކުރެވޭނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. މޫސަގެ ކަންފަތް ޖެހޭނީ ރުޤްޔާ ކިޔަވާފައި ފެން އަޅައި ރަނގަޅަށް ދޮންނާށެވެ. އިބިލީސް އެވަނީ މާބޮޑަށް ކަންފަތަށް ވަސްވާސް އަޅައިފައެވެ. ދީނީ އިލްމުވެރިން ދެއްވާ ނަޞޭޙަތްތަކުގެ އަޑު އިވުނު ނަމަވެސް ކަންފަތުގައި ހަރުލާފައި ނުހުންނަނީ އެހެންވެގެންނެވެ. އަޅެ ނިކަން ގޮތް ބަލަން ނަަމަވެސް މި ދަރުސް އަޑުއަހައިލަބަލާށެވެ."

ރަޙްމާ ޓީވީ ޓިޔުންކޮށްލީ އެދުވަހު ހެނދުނު އޭނާ ރެކޯޑްކޮށްފައި އޮތް ޕްރޮގްރާމަކަށެވެ.

"ރޯދަ ރޯދައިގެ ގޮތުގައި ހިފަން ބޭނުންނަމަ ވިސްނަންވީ ކައިބޮއި ހަދާނެ ތަކެއްޗަކަށް ނޫނެވެ. ވިސްނަންޖެހޭނީ ކުރާނެ އަޅުކަމަށެވެ. ކިތަންމެ ގިނަ އަދި މީރު ތަކެތި ކައި ބޮއި ހެދި ނަމަވެސް އެކަމުން ރޯދައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ކުރާނީ ކުރި އަޅުކަމަކުންނެވެ.

ޤިޔާމަތް ދުވަހު މާތް ﷲ ހިސާބު ބައްލަވާއިރު ރޯދަ ވީއްލުމަށާއި ހާރަށް އަދި އެނޫން ވަގުތެއްގައި ނަމަވެސް ކައި ބޮއި ހެދި ތަކެތީގެ މޮޅުކަމުގެ ނުވަތަ އަގުބޮޑުކަމުގެ ފެންވަރަށް ބައްލަވައި ހަމަ އެންމެ މާކްއެސް އެއްވެސް ނުދެއްވަވާނެއެވެ. މާކްސް ދެއްވަވާނީ ކަދުރު ފަޅިއެއް ކާލައިގެން ހުރެ ނަމަވެސް ކުރި އަޅުކަމަށެވެ.

މިފަދަ ކަންކަމުގެ އިތުރަށް އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ރުޅި ކޮންޓްރޯލް ކުރުމަށެވެ. ރޯދައަށް ހުރެ ރުޅިގަދަކުރާ މީހާ ރޯދަ ހިފުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ ރުޅިއަކީ ހަމަ ސީދާ ޝައިޠާނާގެ ކިބައިން އަންނަ ކަމަކަށްވާތީއެވެ. މީހުންގެ ރުޅި ގަދަ ކުރުވައި އެމީހުންލައްވައި ނޭދެވޭ ކަންކަން ކުރުވަނީ ހަމަ ޝައިޠާނާއެވެ.

ޢާންމު ގޮތެއްގައި ރުޅި ގަދަކުރާނީ ނުވަތަ ރުޅި އިސްކުރާނީ ޝައިޠާނާގެ ބައިވެރިންނެވެ. މާތް ﷲ އާއި ދުރުހެލިވެގެން އުޅޭ މީހުންނެވެ. މާތް ﷲ އާއި ކުއްތަންވާން މަސައްކަތްކުރާ މީހާ އަބަދުވެސް މަސައްކަތްކުރާނީ ރުޅި އިސް ނުކުރުމަށެވެ. ދޫ ރައްކައުތެރިކުރުމަށެވެ. އަތް އިސް ނުކުރުމަށެވެ. ރުޅި އިސްކުރުމާއި ދުލުން ނުބައި ބަސްތައް ބުނުމާއި އަތް އިސްކުރުމަކީ މާތް ﷲ ކަނޑައެޅިގެން ނަހީކުރައްވަވާފައިވާ ކަންކެމެވެ. ނަމަވެސް ޝައިޠާނާ އެންމެ ބޭނުންވާނީ އެކަންކަން ކުރުވާށެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ އެކަންކަމަކީ މުޖުތަމައުގައި ހަމަނުޖެހުން އުފެދި ބޮޑެތި މައްސަލަތައް ކުރިމަތިކުރުވާނެ ކަންކަން ކަމަށްވާތީއެވެ.

ޢާއިލާތަކުގެ މެދުގައި މައްސަލަތައް ބޮޑުވެ ޢާއިލީ ގުޅުންތައް ކެނޑޭނެ ކަންކަން ކަމަށްވާތީއެވެ. ޝައިޠާނާ އެންމެ ލޯބިކުރާ އެއްކަންތައްކަމަށްވާ ދެމަފިރިކަމުގެ ގުޅުން ކެނޑެން މެދުވެރިވާ ކަންކަން ކަމަށްވެސް ވާތީއެވެ."

މޫސައަކަށް ކެތެއް ނުކުރެވުނެވެ. ރިމޯޓް ނަގައި ޓީވީ ނިއްވާލިއެވެ. އަނގައިވެސް ނުބުނެ އިރުކޮޅަކު މަޑުން އިނުމަށްފަހު ބުނީ ތިއަ ނަގައިދިނީ ވަރުގަދަ ދަރުސެއް ކަމަށެވެ. ތިއަ ދަރުސް ތަންކޮޅެއް އަޑުވެސް އެހީމެވެ. ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދެމެވެ. އެކަމަކު ދެން މޫސަގެކިބައިން ރަޙޫ ތިއަ ފާހަގަކުރި ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ހަނދާންކޮށްލައިދޭށެވެ. ކޮންމެ ފަހަރަކަށް 100 ދިރުހަމް ދޭނަމެވެ.

"ތިއައީ ވަރަށް ރަނގަޅު ގޮތެއް. މާދަމާ ބާޒާރަށް ގޮސް ރަނގަޅު ތިޖޫރީއެއް ހޯދާނަން މޫސަ ދޭ 100 ދިރރްހަމްތައް އަޅަން." ރަޙްމާ ބުނެލިއެވެ. "އެންމެ 100 ދިރުހަމްވެސް ދޭން ޖެހުނިއްޔާނު؟" ހިނިތުންވެހުރެ ޖަވާބުގައި މޫސަ ބުނެލިއެވެ.
މިއަދު އޮންލައިން