ހިފާ ރޯދަ، ރޯދައަކަށް ހެދުމަށް ހާލުގަޖެހިފައިވާ މުސްލިމުންނަށް އެހީތެރިވެދެއްވާ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހިފާ ރޯދަ، ރޯދައަކަށް ހެދުމަށް ހާލުގަޖެހިފައިވާ މުސްލިމުންނަށް އެހީތެރިވެދެއްވާ!
ދުނިޔޭގެ ކަންކޮޅުތަކަށް ނިކަން ނަޒަރު ހިންގައިލަބަލާށެވެ! ޣޫތާ އާއި އެހެންވެސް ގިނަ ސަރަހައްދުތަކުގައި މުސްލިމުންނަށް މިއަދު އުޅެންޖެހިފައިވާ ނިކަމެތި ޙާލަތަށް ނިކަން ވިސްނައިލަބަލާށެވެ!

ކާނެ އެއްޗެއް ބޯނެ ފެން ފޮދެއް، ބަލިވީމާ ބޭނުންކުރާނެ ބޭސް ގުޅައެއް ނުލިބި ނިކަމެތިކަންމަތީގައި ކޮންމެ ދުވަހަކު ދުނިޔެ ދޫކުރަމުން ގެންދަނީ ކިތައް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންހެއްޔެވެ؟

މިއީ ޣޫތާގެ 10 އަހަރުގެ ކުޑަކުއްޖަކު ކޮށްފައިވާ ސުވާލުތަކެކެވެ. ނޫސްވެރިއަކު އޭނާ ކެމެރާ ކުރިމައްޗަށް ގެނެސް ހިތުގެ އިޙްޞާޞްތަކަކީ ކޮބައިތޯ ސުވާލުކުރުމުން ކުރި ސުވާލުތަކެކެވެ.

"މުސްލިމުންތައް ކޮބައިހެއްޔެވެ؟ ދުނިޔޭގައި މުސްލިމަކު ނެތީ ހެއްޔެވެ؟ ތިބިނަމަ އަހަރެމެންނާއި އަޅައި ނުލަނީ ކީއްވެގެންހެއްޔެވެ؟ އަހަރެމެންނަށް އެހީތެރިނުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންނަށް ކުރަންޖެހޭނެ ހަމައެކަނި ކަމަކީ މާދަމާ ބައަކު އައިސް އިސްލާމް ދީނެވެ ކިޔައިގެން ދައްކާ ވާހަކަތައް އަޑުއެހުން ހެއްޔެވެ؟ އެ އަޑުއަހާނެ ބައަކު ތިބޭނީވެސް ފުރާނަ ސަލާމަތްކޮށްގެން ދިރި ތިބެވިގެން ނޫންހެއްޔެވެ؟"

މިއީ ހަމަ އުމުރުން އެންމެ 10 އަހަރުގެ ކުއްޖެއްގެ އިޙްޞާޞްތަކެވެ. މިފަދަ އިޙްޞާޞްތަކުގައި ހިތްދަތިކަމާއިއެކު ތިބީ ކިތައް މިލިއަން މުސްލިމުން ހެއްޔެވެ؟

ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފައެވެ. މިފަދަ މައްސަލަތަކަށް އެހީތެރިވާން ފަންޑުތައް ހުޅުވައިގެން މަސައްކަތް ނުކުރާ ޤައުމުތަކުގެ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން އެމީހަކަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން ވެގެންދާނީ ހާދަ މަތިވެރި ޞަދަޤާތަކަށެވެ.

ޞަދަޤާތް ހައްޤު ފަރާތަކަށް ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތެއް ކުރުމަކީ ކުރެވޭ ހާދަ ބޮޑު އަޅުކަމެކެވެ. ހިފާ ރޯދައަށް ހާދަހައި ގިނަ ސަވާބުތައް އިތުރުވެގެންދާނެ ކަމެކެވެ. އެހެންކަމުން މިކަންކަމަށް އިތުރަށް ވިސްނައިގެން ރަމަޟާން މަހުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަސިއްޔަތް ކުރަމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން