ރަމަޟާން މަސް އައުމުގެ ކުރިން ޝައިޠާނާ ކޮންމެ މީހެއްގެ ހިތުގައިވެސް އޮށެއް އިންދާނެއެވެ. އެ އޮށުގެ އަސަރު ހިތުތެރޭގައި ދާނީ ހެދި ބޮޑުވަމުންނެވެ. އެކަމުން ސަލާމަތްވެވޭނީ މީހާ ރޯދަ ހިފައި އަދި ކުރާ އަޅުކަމުންނެވެ. އެމީހާ ކުރާ ދުޢާއިންނެވެ.
ރޯދައަށް ހުންނައިރު ވީހައި ގިނަގިނައިން ދުޢާކުރަންވާނެއެވެ. ދިރިއުޅެން ކުރާ މަސައްކަތްތައް ކުރުމުގައި ވަގުތު ހޭދަކުރާއިރުވެސް ހުންނަންވާނީ ދުޢާކުރުންމަތީގައެވެ. މާތް ﷲ އަންގަވާފައިވަނީ ވީހައި ގިނަގިނައިން ދުޢާކުރުމަށެވެ. ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ ހަމައެކަނި ކޮންމެ ނަމާދެއްގެ ފަހުގައި ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.
އެއީ އެގޮތަށް އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމާދުގައި ހުރެގެންނާއި ނަމާދަށްފަހުގައި ވެސް ދުޢާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ ދުޢާކުރަން ބޭނުންވާ ކޮންމެ ފަހަރަކު ނަމާދެއް ކުރުމެއް ނޫނެވެ.
ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ވީހައި ގިނައިން ކުރަންޖެހޭނެއެވެ. އެކަން ނުކޮށް ދޫކޮށްލުމެއް ނެތެވެ. ނަމާދުނުކޮށް ރޯދަ ހިފުމެއްވެސް ނެތެވެ. ނަމަވެސް ނުކުތާއަކީ އެއީއެއް ނޫނެވެ. ރޯދައަށް ހުންނައިރު ވީހައި ގިނައިން ޛިކުރުކުރުމާއި ދުޢާކުރުމުގެ މުހިންމު ކަމެވެ. ކޮންމެ ކަމެއްގައި ކޮންމެ ތަނެއްގައި އުޅެންޖެހުނު ނަމަވެސް ވެވުނުވަރަކުން ޛިކުރުކުރުމާއި ދުޢާކުރުން ގިނަކުރަންވީއެވެ.
ރޯދައަކީ ރޯދަވެރިޔާ އާއި ނަރަކަ އާއި ދެމެދުގައި ލެވޭ ވަރުގަދަ ފާރެކެވެ. އެފާރު އިތުރަށް ވަރުގަދަވެގެންދާނީ ރޯދަވެރިޔާ ކުރާ މަސައްކަތުންނެވެ. އެހެންކަމުން ރޯދައަށް ހުންނަ ހުރުމުގައި އަބަދުވެސް މަސައްކަތް ކުރަންވީ އެފާރު ވަރުގަދަކުރުމަށެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -