"ރޯދަ މަހު ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމެއް ނެތެވެ. އޮތީީ ހެޔޮ ކަމުގައި ވާދަކުރުމެވެ."
މާތް ﷲ ރޯދަ ފަރުޟުކުރައްވަވާފައި މިވަނީ ހުރިހާ މުސްލިމުން އެކުގައި ރޯދަ ހިފުމަށް ކަމަށާއި އެކަން އެގޮތަށް ބަޔާންކުރައްވަވާފައި އެވަނީ އެކަން އެގޮތުމުން ލުއިފަސޭހަތަކެއް ލިބިގެންދާނެތީ ކަމަށް މަސްޖިދު މުޙއްމަދު ތަކުރުފާނުލްއަޢުޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ދީނީ ނަޞޭޙަތް ދެއްވަމުން ޝައިޚް ލަޠީފް ވިދާޅުވީ މީސްތަކުންނާއި މަސްތަކާއި ދުވަސްތައް އަދި ރޭތައް މާތް ﷲ އުފައްދަވާފައިވަނީ މާތްކަން އިތުވެގެންވާ މީސްތަކުންނާއި ދުވަސްތަކާއި މަސްތަކާއި ރޭތައް ހިމެނޭ ގޮތަށް ކަމަށެވެ.
ޝައިޚް ލަޠީފް ވިދާޅުވީ ރަމަޟާން މަސް މާތްކުރައްވަވާފައިވާ އެއްސަބަބަކީ އެ މަހުގައި ކީރިތި ޤްރްއާން ބާވައިލެއްވެވުމުގެ އިތުރުން މާތްﷲ ބާވައިލެއްވެވި އެހެން ފޮތްތައްވެސް އެމަހުގައި ބާވައިލައްވަވާފައިވާތީ ކަމަށެވެ.
ޝައިޚް ލަޠީފް ވިދާޅުވީ މީސްތަކުންނަކީ އަބަދުވެސް ފާފަތައް ކުރެވިކުރެވި ތިބޭ ބައެއް ކަމަށްވުމުން މާތް ﷲ ރަމަޟާން މަސް ލައްވަވާފައިވަނީ މީސްތަކުން ކުރާ އަމަލުތަކުގެ ކައްފާރާއެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ރޯދަ މަހަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ މުބާރާތްތައް ބާއްވައި އެކަންކަމުގައި ބައިވެރިވެ ވާދަކުރަން އޮތް މައްސަރެއް ނޫން ކަމަށާއި އެއީ އަޅުކަމުގައި ވާދަކުރަން އޮތް މައްސަރު ކަމަށެވެ.