ނަސޭޙަތެއް: ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް އަވަސްވެ ގަންނާށެވެ!

ކިޔުމަށް ހޭދަވާނީ 2މ 32ސ
ނަސޭޙަތެއް: ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް އަވަސްވެ ގަންނާށެވެ!
ރަމަޟާން މަހަކީ އެހެން ހުރިހާ މައްސަރުތަކަށްވުރެ އެންމެ ބަރަކާތްތެރި މައްސަރެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ރަމަޟާން މަހު ރޯދަ ހިފުމަކީ ފަތިހުގެ ވަގުތުން ފެށިގެން އެދުވަހެއްގެ އިރުއޮއްސުމަށް ދާންދެން އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހަމައެކަނި ހުރުމެވެ. ނަމަވެސް މިފަދައިން ކަންތައް ކުރުމުން، ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު ލިބެންވީ އެންމެ ފުރިހަމައަށް ނުލިބެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. އެހެންކަމުން މިމައްސަރުގައި ގިނަގިނައިން ނަމާދުކޮށް، ޤުރްއާން ކިޔަވާ އަދި ވީހާވެސް ގިނައިން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުންނަން ޖެހެއެވެ. މިފަދަ މާތް މައްސަރެއްގެ ހެޔޮ ދަރުމައާއި ސަވާބު އެންމެ ފުރިހަމައަށް ލިބޭނީ އެއިރުންނެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވި އާޔަތްތަކެއްގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ." (ޤުރްއާން: 2:183)

"(ރޯދަހިފަންވީ) ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެއަދަދު ހަމަކުރާ ހުއްޓެވެ. އަދި އުނދަގޫކަމާއިއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދްޔަ ދިނުމެވެ. (ފިދްޔަ ގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ ތަޠައްވަޢަ ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުމުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ." (ޤުރްއާން 2:184)

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެޤުރްއާން ބާވައިލެއްވީ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލްޤަދްރި ވިލޭރެޔަކީ، ކޮން ރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލްޤަދްރި ވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލް ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަފުޅާއެކު، ހުރިހާ އަމުރު ފުޅަކާއިގެން އެރޭ ފައިބައި ވަޑައިގަންނަވާނެތެވެ. އެއީ ފަޖްރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އީމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ." (ސޫރަތުލް ޤަދްރި 5-1)

ކީރިތި ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވިއެވެ.

"ފަހެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދެއެވެ. އަދި ހަމަ އެހެންމެ ނަރަކައިގެ ދޮރުތައް ބަންދު ކުރެވި ޖިންނީންނާއި ޝައިޠާނުން ކަސްދޮޅު އެޅުވިގެންދެއެވެ." (އިމާމް ބުޚާރީ)

އަބޫ ޙުރެއިރާ ރަޟިއަﷲ އަންހު ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ.

"ފުރިހަމަ އީމާންތެރިކަމާއި ތެދުވެރިކަމާއެކު އަދި މާތް ﷲ ދެއްވަވާ ނިޢުމަތްތައް ފުރިހަމައަށް ލިބިގަތުމުގެ ނިޔަތުގައި ރޯދަ ހިފައިފި މީހާ ދަންނާށެވެ! އެމީހަކަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުހެވޭހުށިކަމެވެ!" (އިމާމް ބުޚާރީ)

މަސްދަރު: މިންޙަޖުލް ޤުރްއާން

މިއަދު އޮންލައިން