ރޯދައަށް ހުރުމުން ހަށިގަނޑަށް ވަރުބަލިކަން ލިބޭނެއެވެ. ނަމަވެސް ރޯދަ ހިފުމުން މާތް ﷲ ދެއްވަވާ ސަވާބާއި ދަރުމަ އެނގުމުން އެކަން ނެތިގެންދާނެއެވެ. ވަރުބަލިކަން ހަށިގަނޑުން ފިލައިގެން ދާނެއެވެ.
"ރޯދަ ހިފުމުން އަޅުގަނޑުމެންގެ ހަށިގަނޑަށް ލޮޑުކަން ލިބޭނެއެވެ. ނަމަވެސް ރޯދައިން ލިބޭ ސަވާބާއި ދަރުމަ އިޙްޞާޞްކުރެވުމުން އެ ލޮޑުކަން ހަށިގަނޑުން ނެތި ފިލައިގެންދާނެއެވެ."
ރޯދަވެރިންނަކީ ކަންނެތްވާންޖެހޭ ބައެއް ނޫނެވެ. އެއި ހީވާގިކަމާއިއެކު އަޅުކަމުގައި އުޅެންޖެހޭ ބައެކެވެ. ފަރުޟު ނަމާދުތައް ކުރުމާއި އަޅުކަންކުރުމުގައި ވަގުތުތައް ހޭދަކުރަންޖެހޭ ބައެކެވެ. އެހެންވީމާ ރޯދަ ހިފައިގެން ރޯދަ ވީއްލަން ވަންދެން ނިދާފައި އޮތުމެއް ނެތެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ރޯދައަށް ތިބޭ ބައެއްމީހުން ދާދި ކުޑަކަމަކާއިހުރެ އިންތިހާއަށް ރުޅިގަދަވެގެން އެބަދެއެވެ. އެމީހާގެ ނަފުސު އެމީހާއަށް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް އެބަދެއެވެ. ބުނެވޭ ކުޑަކުޑަ އެއްޗަކުން އަތްފައި އިސްކުރެވޭތަން އެބަ އާދެއެވެ. ހަޑިހުތުރު ބަސްތައް ދުލުން ބުނެވޭތަން އެބަ އާދެއެވެ. އެކަމުގެ އަސަރު އަނބިމިހާއަށް، ފިރިމީހާއަށް އަދި ދަރިންނަށާއި ޢާއިލާގެ މީހުންނަށާއި އެތައް ބައަކަށް އެބަކުރެއެވެ.
ކޮންމެ މީހަކީވެސް ތަފާތު އެތައް ކަމެއްގައި އެތައް ބައަކާއި މުޢާމަލާތުކުރަންޖެހޭ މީހެކެވެ. މާރުކޭޓަށާއި ފިހާރަތަކަށް އަދި އެނޫންވެސް ތަންތަނަށް ދާންޖެހޭ މީހެކެވެ. ތަކެތި ގަތުމަށާއި އަދި އެނޫންވެސް ކަންކަމުގައި މުޢާމަލާތުކުރަންޖެހޭ މީހެކެވެ.
އެއީ އެއްޗެއް ގަންނަ މީހާ ނަމަވެސް ވިއްކާ ނަމަވެސް އެމީހާއަކީ ރޯދަވެރިއެއްކަން އެމިހާއަށް އެބަ އެނގެންޖެހެއެވެ. "ވިއްކާއިރުގަ އާއި ގަންނައިރުގައާއި ދަރަނި އަނބުރާ ދެއްކުމަށް އެދޭއިރު އޯގާތެރި ގޮތެއް ގެންގުޅޭމީހާއަށް މާތް ﷲ ރަޙްމަތް ލައްވަވައެވެ." މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅެކެވެ. އެކަމަށް އެދި އިތުރު މާތް ނަބިއްޔާ (ޞޢވ) ވަނީ ދުޢާކޮށް ދެއްވަވައިފައެވެ. އެގޮތަށް އަމަލުކުރާ މީހުންނަށް ރަސޫލާ (ޞޢވ)ގެ ދުޢާ ލިބެމުންދާނެއެވެ.
- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން -