ރަމަޟާން މަހަކީ ކީރިތި ޤްރްއާނުގެ މައްސަރު ކަމަށްވާއިރު ހިތަށް މަޑުކޮޅިކަމާއި އޯގާތެރިކަން ނާންނަނަމަ އެއީ އެމީހެއްގެ އީމާންކަމާއި އަދި ކީރިތި ޤްރްއާނާއި އެމީހަކާއިމެދު މައްސަލައެއް އޮތްކަން އަންގައިދޭ ކަމެކެވެ.
އެހެނީ 1000 ރެއަށްވުރެ ބާރުގަދަވެގެންވާ ރޭ ވަނީ އެމަހުގައެވެ. އެއީ ރޭތަކުގެ ތެރެއިން މާތް ﷲ އެންމެ މަތިވެރިކުރައްވަވައި މާތް ކުރެއްވެވި ރެއެވެ. އެރޭގެ ޙުރުމަތަށްޓަކައި ވެސް މީހާގެ ހިތަށް އޯގާތެރިކަމާއި މަޑުމޮޅިކަން ވަންނަން ޖެހޭނެއެވެ.
މާތް ﷲ ކީރިތި ޤްރްއާނުގައި އަންގަވާފައިވަނީ ކީރިތި ޤްރްއާނަކީ އެންމެހައި މީސްތަކުންނަަށް އޮތް ހަނދުމަކޮށްދެއްވެވުމެއް ކަމަށެވެ. އެ ހަނދުމަ ކޮށްދެއްވެވުމުގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް މަޑުމޮޅިކަން އަންނާނެއެވެ. އަދި މީސްތަކުންނަށް ހަމައެކަނި މުހިންމީ ދުނިޔެ ކަމަށްނުވެ އާޚިރަތް ވެސް މުހިންމުވެގެންދާނެ ކަމަށެވެ.
"އެހެންވީމާ ކާމިޔާބު ހޯދުނު މީހަކީ މިދުނިޔެއާއި އަދި މިދުނިޔެއަށްވުރެ އިތުރަށް އާޚިރަތް ދުވަހުން ބާއްޖެވެރިކަން ހޯދިއްޖެ މީހެކެވެ. ބަޤަރާ ސޫރަތުގައިވާ ރައްބަނާ އާތިނާ ދުޢާއިން މިކަން އެނގިގެންދޭ. އަޅުގަނޑުމެން ދުޢާ ކުރަނީ މިދުނިޔެއާ ޢާޚީރަތް ދެއްވެވުން އެދި."
ކީރިތި ޤްރްއާނަކީ މީސްތަކުންގެ ބަލިތަކަށް، އެމީހުންގެ ހިތްތަކަށް ރޫޙާނީ ބަލިތަކަށް އޮތް ޝިފާއެކެވެ. ކީރިތި ޤްރްއާން ކިޔެވުމާއި އަޑުއެހުމަކީ ބަލިތަކަށް އޮތް ޝިފާއެކެވެ. މިއަދު ހުޅަނގުގެ ޤައުމުތަކުގައި ކީރިތި ޤްރްއާނަކީ ކޮން އެއްޗެއްކަން ނުވެސް އެނގޭ މުސްލިމުން ނޫން މީހުންނަށް ކީރިތި ޤްރްއާނުން ދަނީ ޝިފާލިބެމުންނެވެ.
މާތް ﷲ އާއި ހަޤީޤީ ކުއްތަންވުމަކުން ކުއްތަން ވެވޭނީ ކީރިތި ޤްރްއާނުންނެވެ. ތިމާގެ ޝަޚްޞިއްޔަތަކީ ހަރުކަށި ޝަޚްޞިއްޔަތެއްނަމަ އެއިގެ މާނައަކީ ތިބާއަކީ ކީރިތި ޤްރްއާނަށް ހަރުކަށި މީހެއް ކަމެވެ.
މީސްތަކުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހުގައި ސާބިތުވެ ދެމިތިބީ ރަސޫލާގެ ކިބައިގައިވާ މަޑުމައިތިކަމާއި ރިވެތި ޚުލްޤުފުޅުން ކަމާއި އެހެން ނޫންނަމަ އެމީހުން ދުރަށް ދާނެކަމަށް މާތް ﷲ ވަޙީ ކުރައްވަވާފައި އެވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ހަރުކަށިވުމަކީ އެމީހެއްގެ ހިތުގައި އެހެން މީހުންނަށް އަނިޔާވެރިވުމަށް ޝައުޤުވެރިކަން އޮތްކަން އަންގައިދޭ ސަބަބެކެވެ. ކީރިތި ޤްރްއާނަކީ މަޑުމޮޅިކަމަށް މަގުދައްކާ ފޮތެއް ނަމަވެސް އިސްލާމް ދީނުގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ބައަކު އެގެންދަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންނެވެ. އެމީހުންނަށް އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެއީ އިސްލާމް ދީނުގައި އޮތް ގޮތެއް، ނުވަތަ އިސްލާމް ދީން އަންގައިދޭ ގޮތެއް ނޫނެވެ.
ރާއްޖެއަށް އިސްލާމް ދީން އައީ ކިހައި ރިވެތިކޮށްކަން، ހަމަހިމޭންކަމާއިއެކުގައިކަން ބޮޑަށް އެނގޭނީ ތިއަބައިމީހުންނަށެވެ. ދިވެހިންނަށެވެ. އެކަން ދަމަހައްޓަންވާނެއެވެ. ނިކަން އެހެން ބައެއް ޤައުމުތަކަށް އިސްލާމް ދީން ދިއަގޮތަށް ބަލައިލަބަލާށެވެ. އިސްލާމް ދީން ޤައުމުތަކަށް ގެންގޮސްދެއްވި ބޭކަލުންގެ ޚުލްޤާއި އަމަލުކުރެއްވެވި ގޮތަށް ނިކަން ބަލައިލަބަލާށެވެ. މީސްތަކުން އިސްލާމް ދީން ބަލައިގަތީ އެބޭކަލުން އަމަލުކުރެއްވެވި ރިވެތި ގޮތްތަކުން އެ ރިވެތި ގޮތްތައް ބޭނުންވެގެންނެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޚުލްޤްފުޅާއި ބެހޭގޮތުން ޢައިޝާ (ރޢ) އާއި ސުވާލުކުރެއްވެވެވުމުން ޖަވާބު ދެއްވަން ވިދާޅުވާނެ ބަސްފުޅަކާއިމެދު ވިސްނަވައިލެއްވެވުމަށް ފަހު ވިދާޅުވީ އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ ޚުލްޤްފުޅަކީ ކީރިތި ޤްރްއާން ކަމަށެވެ.