މީސްތަކުންނަށް އެންމެ ބޮޑަށް އަދި އެންމެ ގިނައިން ގޮވައިލެވެނީ ތަޤްވާވެރިވުމަށެވެ. ކޮންމެ ހުކުރު ދުވަހަކު ކިޔާ ހުކުރު ޚުޠުބާތަކުގައިވެސް އެންމެ ގިނައިން ގޮވާލެވެނީ ތަޤްވާވެރިވުމަށެވެ. މިއަދުގެ ޚުޠުބާއަށް ބެލިނަމަވެސް ތަޤްވާވެރިވުމަށް ގޮވާލާ 2 އާޔަތް ވަނީ ކިޔައިފައެވެ.
ތަޤްވާވެރިވުމަކީ މާތް ﷲ ނަހީކުރެއްވެވި އެއްވެސް ކަމެއް އެއްވެސް ސިފައެއްގައި ނުކުރުމެވެ. ފާފަވެރިވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވެހުރުމެވެ. އެއްވެސް މުންކަރާތަކަށް އަރައިނުގަތުމެވެ. ހަމައެއާއިއެކު މާތް ﷲ ގެ އެންމެހައި އެންގެވުންތަކަށް ފުރިހަމައަށް އަމަލުކުރުމެވެ.
ތަޤްވާވެރިވުމަކީ މާތް ﷲ އަށް ބިރުވެތިވުމެވެ. މާތް ﷲ އާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންކަން އާދާކުރުމެވެ. އެކަން ނުކުރެވޭނަމަ އެމީހާގެ ކިބައިގައި ތަޤްވާވެރިކަމެއް ނެތެވެ. ނުވަތަ އެމީހާގެ ތަޤްވާވެރިކަމުން ބޮޑުބައެއް އެވަނީ އުނިވެފައެވެ.
ތަޤްވާވެރިވުމަށްޓަކައި އެންމެ މުހިންމީ އެމީހެއްގެ ލޯ ސަލާމަތް ކުރުމެވެ. އެބަހީ ބެލުންތައް ތިރިކޮށް ބަލަން ނުޖެހޭ ތަންތަނަށް ނުބަލާށެވެ. ބަލަން ނުޖެހޭ ތަންތަނާއި ކަންކަމާއި މަންޒަރު ފެނުމަކީ މުންކަރާތްތަކަށް އަރައިގަންނަން ޝައުޤުވެރިކުރުވާ ކަމަކަށްވާތީއެވެ. އެފަދަ ކަންކަން ބެލުމުން މުންކަރާތްތަކަށް އަރައިގަތުމަށް ޝައިޠާނާ ދޭ ވަސްވާސްތަކަށް އަމަލުކުރެވޭތީއެވެ. ފާފަތައް ކުރުމަށް މަގުފަހިވާތީއެވެ.
ބޮޑެތި ފާފަތައް ކުރުމުން ދުރުހެލިވާށެވެ. ހަމައެއާއިއެކު މާތް ﷲ ގެ މަގުގައި ސާބިތުވެ ހުރުމަށް މަސައްކަތްކުރާށެވެ. ކުދި ފާފަތައް ކުރުމުން މާތް ﷲ ތިބާ ސަލާމަތް ކުރައްވަވާނެއެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ ގައި އައްޝައިޚް ޖައްފަރު ފާއިޒް ދެއްވެވި ދަރުސުން