ބައެއް މީހުން އަބަދުވެސް ކަންބޮޑުވެގެން އުޅެނީ އެމީހުންގެ އީމާންކަން ކުޑަވާތީއެވެ. އެންމެ ގިނަ ބައަކު އެންމެ ގިނައިން ސުވާލުކުރަނީވެސް އެކަމަށް އޮތް ފަރުވާ އާއި ބެހޭ ގޮތުންނެވެ.
އީމާންކަން ކުޑަވާނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަންތަކެވެ. އެހެނީ އީމާންކަމަކީ ކުޑަވެގެން ދެކޮޅު ޖެއްސޭނެ ކަމެއް ނޫނެވެ. އަބަދުވެސް މަސައްކަތްކުރަންޖެހޭނީ އީމާންކަން އިތުރުކުރުމަށެވެ. އެއީ ހުއްޓައިލެވެން އޮތް މަސައްކަތެއް ނޫނެވެ. އަބަދުވެސް، މެދުކެނޑުމެއް ނެތި މަސައްކަތްކުރަން ްޖެހޭނީ އީމާންކަން އިތުރުކުރުމަށެވެ.
އީމާންކަން ކުޑަވާނީ މާތް ﷲ އާއި އޮންނަ ގުޅުން ކުޑަވުމުންނެވެ. ޖެހޭނީ އެ ގުޅުން ބަދަހިކުރަން އިތުރަށް މަސައްކަތްކުރާށެވެ. އީމާންކަން ކުޑަވެގެން ވާހަކަދައްކާ މީހުންނާއި އަހަރެން ކުރާ ފުރަތަަ ސުވާލަކީ އެންމެފަހުން ދަމުނަމާދުކުރީ ކޮން ރެއަކުތޯއެވެ! އެހެނީ ތިމާ އާއި މާތް ﷲ އާއި އެންމެ ބޮޑަށް ކުއްތަން ކުރުވައިދެނީ ދަމުނަމާދު ކަމަށްވާތީއެވެ.
ރޭގަނޑުގެ ނިދި ޤްރްބާންކޮށްފައި ދަމު ނަމާދުކުރުމަކީ އީމާންކަން ކުޑަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެމީހެއްގެ ހިތުގައި ފުރިހަމައަށް މާތް ﷲ އަށް ލޯބި ނެތި ކުރެވޭނެ ނަމާދެއް ނޫނެވެ. ކަންދައްކަން ޢާންމުކޮށް ކުރެވޭނެ ނަމާދެއް ނޫނެވެ.
ބަރަކާތްތެރި ރަމަޟާން މަސް މިވަނީ ފެށިފައެވެ. ދަމު ނަމާދު ކުރުމުގެ މޫސުން މިވަނީ ފެށިފައެވެ. އަޒުމް ކަނޑައަޅަންވީ ހަމަ ރަމަޟާން މަހުގެ ކޮންމެ ރެއަކުވެސް ދަމު ނަމާދުކުރުމަށެވެ. އަދި ރަމަޟާން މަސް ނިމުމުންވެސް ޤަވާއިދުން ދަމުނަމާދު ކުރަމުން ގެންދިއުމަށެވެ. ދަމުނަމާދު ޤަވާއިދުން ކުރަމުން ގެންދާ މީހާގެ އީމާންކަން ދާނީ އަބަދުވެސް އިތުރަށް ވަރުގަދަވަމުންނެވެ. އެއީ މާތް ﷲ އާއި ގުޅުންބަދަހިވަމުންދާނެތީއެވެ.
ވިސްނަންވީ ރޭގަނޑުގެ އަރާމު ނިންޖަކަށް ނޫނެވެ. މަރުވުމަށްފަހު ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދެވި އާޚިރަތާއި ހަމައަށް އަރާމުގައި ނިދައިލުމަށެވެ. ނަޞީބުވެރިންނަކީ އެނިޢުމަތް ލިބޭ މީހުންނެވެ. އެ ނިޢުމަތް ލިބޭ މީހަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -