ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތާއި ޚިލާފަށް މައްސަލަތައް ބަލައި ފައިޞަލާކޮށް ޙުކުމް ކުރާ މީހުންނަށް ނަރަކަ ނޫންތަނެއް ނެތެވެ. ޝަރީއަތް ކުރުމުގައި ޙުކުމްކުރަންޖެހޭނީ ހަމައެކަނި ކީރިތި ޤްރްއާނަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށެވެ. އެނޫން ގޮތަކަށް ހަމައެއްވެސް ކަމެއް ބެލުމެއް ނެތެވެ؟
ޤާޟީންނަކީ މައްސަލަ ޖެހިގެން އުޅޭ ދެމީހުންގެ މައްސަލަ ބަލައި އެމީހަކު އިއްވާ ޙުކުމް އެހެންމީހުންގެ މައްޗަށް ލާޒިމްވެގެންވާ މީހާއެވެ. ކޯޓެއްގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސްމެއެވެ.
އެކަކީ ޙައްޤަށް ޙުކުމްކުރާ މީހާއެވެ. އެއީ ޙައްޤަކީ ކޮބައިކަން އެނގިހުރެ ހައްޤާއި އެއްގޮތަށް ޙުކުމްކުރާ މީހާއެވެ. އެމީހާ ވަނީ ސުވެރުގޭގައެވެ.
ދެވަނަ މީހަކީ ހައްޤު އެނގިހުރެ އެއާއި އެއްގޮތަށް ޙުކުމް ނުކުރާ މީހާއެވެ. އެއީ ޢާއިލީ ސަބަބަކާއިހުރެ، ނުވަތަ ރިޝްވަތު ނަގަންވެގެން ނުވަތަ އޮންނަ ޒާތީ ދުޝްމިނުކަމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މިހާރަށް ބަލައިފިނަމަ އެމިހާ ތާއީދުކުރާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މީހެއް ކަމަށްވުމުންވެސް ޙުކުމްކޮށްފާނެއެވެ. "އޭނާއަށް ހައްޤު އެނގިހުރެ ހައްޤާއި އެއްގޮތަށް ޙުކުމެއް ނުކުރިއެވެ. އަދި ޙުކުމް ކުރުމުގައި އޭނާ އަނިޔާވެރިވިއެވެ. ފަހެ އެމިހާ ވަނީ ނަރަކައިގައެވެ."
ވިސްނަވާށެވެ. އަދުލަށް ޙުކުމް ނުކުރާ މީހާއަށް ކައުއިތުރު ރަސޫލާ މިވަނީ ވައީދުގެ ބަސްފުޅު އިއްވަވައިފައެވެ. އެދެއްވަވަނީ ބިރުވެރިކަމުން ފުރިގެންވާ ނަރަކަ އެމީހަކަށް ހުރިކަމުގެ އިންޒާރެވެ. މިފަދަ އިންޒާރު ދެއްވަވާފައި މިވަނީ އެގޮތަށް ޙުކުމްކުރާނެ މީހުން އުޅޭނެކަން އެނގިވަޑައިގަންނަވާތީއެވެ.
ނަރައިކައިގައި ކާނާއަކީ ޒައްޤޫމެވެ. ޙަދީޘްފުޅުން އެނގޭ ގޮތުގައި ޒައްޤޫމްގެ އެންމެ ތިއްކެއް ދުނިޔެއަށް ވައްޓައިލެވުނު ނަމަވެސް ދުނިޔޭގައިވާ ހުރިހާ ކާތަކެއްޗެއް ފަސާދަވެގެންދާނެއެވެ. ކަންމިހެން އޮތް ނަމަވެސް ޤިޔާމަތް ދުވަހުން ނަރަކައިގެ އަހުލުވެރިން ކައި ބަނޑުފުރާނީ ޒައްޤޫމުންނެވެ.
3 ވަނަ މީހުންނަކީ ހައްޤާއި ބާޠިލު ވަކިކުރަން ނުއެނގޭ މީހުންނެވެ. ހައްޤު އެނގޭނީ ޙައްޤު ދަސްކުރީމައެވެ. ޤާޟީ ކަމަށް ދާންޖެހޭނީ ޙައްޤު ދަސްކޮށްގެންނެވެ.
މީސްތަކުންގެ މައްޗަށް ޙުކުމްކުރަންޖެހޭނީ ކީރިތި ޤްރްއާނާއި ސުންނަތުގެ އަލީގައެވެ. ބައެއް ޤާޟީންނަކީ ބޭރުން ލޯ ކިޔަވައިގެން އައިސް ތިބޭ ބައެކެވެ. ކީރިތި ޤްރްއާނާއި ސުންނަތުގައި އޮތް ގޮތެއް އެމީހުންނަކަށް ނުއެނގެއެވެ.
މިއީ ކަމުދާ ގޮތެއް ނޫނެވެ. ތިމާ ޙުކުމް ކުރަނީ މާތް ﷲ ކަނޑައަޅުއްވަވާފައިވާ ގޮތަށްކަން އެމީހަކަށް އެނގެންޖެހޭނެއެވެ. ކީރިތި ޤްރްއާނާއި ސުންނަތާއި ޚިލާފަށް ކުރެވޭ ކޮންމެ ހުކުމަކީ ބާޠިލު ޙުކުމެކެވެ.
މިކަމުގެ ޙުކުމް މާއިދަތު ސޫރަތުގެ 3 އާޔަތެއްގައި މާތް ﷲ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއް އާޔަތުގައި އަންގަވަނީ އެއީ އަނިޔާވެރިން ކަމަށެވެ. އަނެއް އާޔަތުގައި އަންގަވަނީ އެއީ ފާސިޤުންނެވެ. އަނެއް އާޔަތުގައި އަންނަގަވަނީ އެއީ ކާފަރުންނެވެ. ޙުކުމް ކުރުމަށް މާތް ﷲ ބާވައިލެއްވެވި ގޮތް ދޫކޮށް ބޮލާލައި ޖަހައި ޙުކުމްކުރާ މީހުންނަކީ ދީނުން ބަރީޢަވެގެންވާ ބައެކެވެ. އެމީހުން އެވަނީ ދީނުން ބޭރުވެފައެވެ.
"ހަޤީޤަތް އެނގުނު ނަމަވެސް އަދުލުވެރި ޙުކުމަކީ ކޮބައިކަން އެނގުނު ނަމަވެސް އަދުލުވެރި ނުވެވޭނެ ނަމަ ކައިރިނުވޭ. މިއީ ވަރަށް ބޮޑު މައްސަލައެއް. އެއްބައަކަށް ހައްޤުދީފައި އަނެއް ބައެއްގެ ހައްޤު މިނިގުޅައިގަންނަނީ. އަނިޔާލިބުނު ހުރިހާ ޚަޞްމުން އެމީހަކާއި ޤިޔާމަތް ދުވަހު ކުރިމަތިލާނެ. ސަލަފުއްޞާލިޙުންނަށް ޤާޟީކަން ހުށަހެޅުނު. ކިތައްބޭކަލުންތޯ ދުރުވެވަޑައިގެންނެވީ؟ އިމާމް އިބްނު ޙަނީފާ އަށް ޤާޟީކަން ހުށަހެޅުނު ހިނދު ވަނީ އަމިއްލަފުޅު ވަޒަން ދޫކުރައްވައި އެހެން ވަޒަނަކަށް ވަޑައިގެންފަ. އެކަމަކު މިއަދު އަޅުގަނޑުމެން އަމިއްލައަށް އެދިގެން ގޮސްފަ ބޭނުންހައި ގޮތަކަށް މި ޙުކުމް ކުރަނީ. މިއީ ކިހައި ނުރައްކާތެރިކަން ބޮޑުކަމެއްތޯ؟"
ޖާހިލުކަންމަތީގައި ހުރެ ޙުކުމްކުރި މިހާ ވަނީ ނަރަކައިގައެވެ. މިއީީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވާ ގޮތެވެ.
މޮޅަށް ވަކާލާތުކުރާ ވަކީލުންވެސް ބިރުގަންނަން ޖެހޭނެއެވެ. މޮޅަށް ވަކާލާތުކޮށްގެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިއްޖެނަމަ ސަލާމަތެއް ނުވެވޭނެއެވެ.
- މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން
(ޝައިޚް މުޙައްމަދު ލަޠީފްގެ މި ދަރުސަށް ބަލާއިރު މިވެނި ޤަވާއިދެއްގެ ދަށުން، މިވެނި ޤާނޫނެއްގެ ދަށުން ހުށަހަޅާ ސިއްރު ހެކިތަކާއި އިންޓެލިޖެންސް ރިޕޯޓަށް ބަލައިގެން ޙުކުމް އިއްވުމަކީ ކޮން ގޮތަކުން ކުރެވޭނެ ކަމެއްބާވައެވެ! ދިފާއުގައި ހުށަހަޅާ ހެކިންނަށް ފުރުޞަތު ނުދީ ނިންމާ މައްސަލަތައް ފައްތާނީ ކޮން ތަނަކަށްބާވައެވެ!)
ގުޅުންހުރި ވީޑިއޯ: