ބައެއް މީހުން ދުވާލު ނުކައި ތިބެއެވެ. ނަމަވެސް އެމީހުންގެ ބެލުންތަކާއި އަޑުއެހުންތައް ހުންނަނީ ހުންނާނެ ގޮތަކަށެވެ. އެފަދަ މީހުންނަށް ރޯދައިގެ ރޫހާނީ މޭވާއެއް ނުލިބޭނެއެވެ.
ދުވާލު ނުކައި ހުރެފައި އިރުއޮއްސުމުން ކެއުމަށްފަހު މުންކަރާތްތަކަށް އަރައިގަންނަ ބައަކުވެސް އެބައުޅެއެވެ. އެފަދަ މީހުން ރޭގަނޑުވުމުން މާތް ﷲ ޙަރާމް ކުރެއްވެވި ކަންތައްތައް ކުރެއެވެ. އެފަދަ މީހުންނަކަށްވެސް ރޯދައިގެ ރޫޙާނީ މޭވާއެއް ނުލިބޭނެއެވެ.
ރޭގަނޑު ނިދާފައި ދުވާލު ލަހުން ހޭލައި މަދު ގަޑިއިރުކޮޅަކު ނުކައި ހުރުމަކީ ހަމަ ވަރަށް ގިނަ ބައަކަށް ވަރަށް ފަސޭހަކަމާއިއެކު ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެއީ ރޯދަ ހިފުމެއް ނޫނެވެ. ރޯދަ ހިފުމަކީ އެއަށްވުރެ މާބޮޑު މަސްއޫލިއްޔަތެކެވެ. ތިމާގެ ބަނޑު ފަދައިން ދުލާއި ކަންފަތާއި އަމަލުތައްވެސް ރޯދަ ހިއްޕަން ޖެހެއެވެ.
ރޯދައިގެ ރޫޙާނީ މޭވާ ލިބޭނީ އެކަމަށް އެދި ގަދައަޅައި މަސައްކަތްކުރާ ބައަކަށެވެ. އެމަސައްކަތްކުރަންޖެހޭނީ ވަރަށް ސާބިތުކަާއިއެކުގައެވެ. ކެތްތެރިކަމާއިއެކުއެވެ. މާތް ﷲ އަށް ބިރުވެތިވުމާއިއެކުގައެވެ.
ރޯދައިން ލިބޭ ޙަޤީޤީ މޭވާ ޙާޞިލުކުރެވޭނީ ހިތުން ރޯދަ ހިފާ މީހުންނަށެވެ. ހިތުން ރޯދަ ހިފުމަކީ ރޯދައަށް ހުންނަ ވަގުތުގައާއި ރޯދަ ވީއްލުމަށްފަހުގައިވެސް މާތް ﷲ އަށް ފުރިހަމައަށް ބިރުވެތިވެގެން ހުރުމެވެ. އެފަދަ މީހުން މާތް ﷲ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރާނެއެވެ. ދުނިޔޭގެ އެދުންތައް ޙާޞިލު ނުކުރެވިގެން ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. އަބަދުވެސް އުޅޭނީ އަޅުކަމެއް ނުކުރެވިގެންނެވެ.
ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތައް ކުރި ނަމަވެސް އެމީހުންގެ ހުރިހާ ސަމާލުކަމެއް ހުންނާނީ ރޯދައަށެވެ. އަބަދުވެސް އުޅޭނީ ވީހައި އަވަހަކަށް މަސައްކަތްތައް ނިންމާލައިފައި އަޅުކަމެއް ކުރުމުގެ ބޭނުމުގައެވެ. ވީހައި ގިނައިން އަޅުކަން ކުރުމުގެ ޝައުޤުވެރިކަމުގައެވެ.
ރޯދައިގެ ރޫހާނީ މޭވާ ޙާޞިލުކުރެވޭނީ އެފަދަ މީހުންނަށެވެ. ހިތުން ރޯދަ ހިފާ މީހުންނަށެވެ. ރޯދައިގެ ރޫޙާނީ މޭވާއަކީ ކޮބައިކަން އަދިވެސް އެންމެ ފުރިހަމައަށް ބުނެއެއް ނުދެވެއެވެ. ރޯދައިގެ ރޫހާނީ މޭވާއަކީ ތަޤްވާވެރިކަމެވެ. ރޯދަ ހިފުމުން ތަޤްވާވެރިކަން އިތުރު ނުވާނަމަ އެއިގެ މާނައަކީ ރޯދަ ހިފަންވީ ގޮތުގައި ނުހިފޭކަމެވެ. ރޯދައިގެ ރޫޙާނީ މޭވާއަކީ އަނގައަށް ލައިގެން ކެވޭ މޭވާއެއް ނޫނެވެ. އެ މޭވާއަކީ ތިމާގެ ހިތަށާއި ސިކުނޑިއަށް ލިބޭ ރޫޙާނީ ބާރެކެވެ. އެ ރޫޙާނީ ބާރަކީ ކޮންމެ ނުބައިކަމަކަށް ނޫނެކެވެ ބުނުމުގެ ޤާބިލުކަން ލިބުމެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ހަމަ ވަގުތުން ނޫނެކެވެ ބުނުމުގެ ބާރުލިބުމެވެ.
އަހަރެންގެ އިލްތިމާސަކީ ރޯދަ ހިފަން މާތް ﷲ އަންގަވާފައިވާ ގޮތުގައި ރޯދަ ހިފުމެވެ. ރޯދައިގެ ރޫޙާނީ މޭވާ ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -