ރޯދައަށް މަކަރު ހެދި ޒުވާނެއްގެ ގޮހޮރު ނަގަންޖެހުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ރޯދައަށް މަކަރު ހެދި ޒުވާނެއްގެ ގޮހޮރު ނަގަންޖެހުނު ގޮތުގެ ވާހަކަ!
ޢީސާ އަލްބާރީ އަކީ އަބަދުވެސް ރޯދައަށް މަކަރު ހަދަމުން އައި ޒުވާނެކެވެ. މައިންބަފައިންނަށް ބިރުން ރޯދަ ކަމަށް ހެދިގެން ހުންނައިރުވެސް ސިއްރުން ކައި ބޮއި ހަދައެވެ. ޒުވާނަކަށްވެ ވަޒިފާ އަދާކުރަން ފެށިފަހުންވެސް ރޯދައެއް ނުހިފައެވެ. ބޭރު ފުށުން ރޯދަ ކަމަށް ހެދިގެން ހުންނަނީއެވެ.

ކައިވެންޏަށްފަހުވެސް ޢީޞާ އަމަލުކުރަމުން އައީ ހަމަ އެގޮތަށެވެ. އަނބިމީހާއަށް ޝައްކުވެގެން އެގޮތަށް އެކަން ނުކުރުމަށް ޢާދޭސްކުރުމުން ވެސް އައީ ކޮންމެވެސް އުޒުރެއް ދައްކައި ރެކިގަންނަމުންނެވެ.

ޢީޞާ އަކީ އަބަދުވެސް ކެއުމަށް ވަރަށް ބޮޑަށް ލޯބިކުރާ ޒުވާނެކެވެ. ރޯދަ ހިފަން އެންމެ އުނދަގޫވަނީވެސް އެ ސަބަބަށްޓަކައި ކަމަށްވެދާނެއެވެ. ދޭތެރެއަކުން ކޮންމެވެސް މީރު އެއްޗެއް ކައި ނުލައި ހުރުން އީސާއަށް ވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.

އީސާގެ އުމުރުން 32 ވަނަ އަހަރު ބަނޑުގައި ރިއްސާތީ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ނިންމިއެވެ. ގޮހޮރުގެ ކޮޅުގައި ކުޑަ ފާރުކޮޅެއް އިންނަ ކަމަށް ޓެސްޓްތަކުން ދެއްކުމުންނެވެ.

ވަރަށް ކުޑަކުޑަ އާދައިގެ އޮޕަރޭޝަނަކަށް ތައްޔާރުވެގެން ކުރި އޮޕަރޭޝަން ނިމުނީ ގޮހޮރުގެ 80 އިންސައްތަ ނަގައިގެންނެވެ. އެކުގައި ފާރުވެފައިވާތީއެވެ. ނުނަގައިފިނަމަ ކެންސަރަށް ބަދަލުވާނެކަމަށް ޤަބޫލުކުރެވުމުންނެވެ.

އޮޕަރޭޝަނަށްފަހު ޢީސައަށް ހުންނަން ޖެހުނީ އޭނާ ކުރިން ކައި އުޅުނު ގޮތަށް ބަލައިފިނަމަ ނުކައެވެ. 4 ވަރަކަށް ސަމުސާ ބަތް ކައިލާއިރަށް ބަނޑުފުރެއެވެ. 100 ވަރަކަށް އެމްއެލް ފެން ބޮއިލުމުން ބަނޑު ފުރެއެވެ.

ޢީސައަށް ރޯދަ ހިފުމުގައި އަމަލުކުރެވުނު ގޮތް އެންމެ ރަނގަޅަށް އެނގެނީ ވެސް އީސައަށެވެ. އެވާހަކަތައް ދައްކަން މިއަދު ޢީސަ ބޭނުމެއް ނުވެއެވެ. ނަމަވެސް ޢީސަ އަބަދުވެސް ހުންނަނީ އެކަމާއިމެދު ހިތާމަކުރުމުގައެވެ. ޢީސަގެ ކުށް އީސައަށް މިހާރު ޤަބޫލުކުރެވެއެވެ. ފާއިތުވި އަހަރުތަކުގެ ޜޯދަތައް ޤަޟާކުރަން ޢީސަ ދަނީ މަސައްކަތްކުރަމުންނެވެ. ވީހައި ގިނައިން ރޯދަ ހިފަމުންނެވެ. ޢީސަ މިހާރު ރޯދަ ހިފަމުންދަނީ އެތައް ބައިވަރު ތަކްލީފްތަކާއިވެސް އެކުގައެވެ.

(މިއީ މިޞުރުގެ ނޫހެއްގައި ޝާޢިއުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާއެކެވެ.)

(ޢީސައަށް ދިމާވި ފަދަ މައްސަލައެއް ރޯދައަށް މަކަރު ހަދާ ކޮންމެ މީހަކަށް ކުރިމަތިނުވެ ހިނގައިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީކަމަކީ އެމީހާގެ އަމަލުތައް މާތް ﷲ ބައްލައިވޮޑިގެންވާކަމެވެ. މިދުނިޔޭގައި މުޞީބާތްތައް ކުރިމަތި ނުކުރެއްވެވުމަކީ އާޚިރަތް ދުވަހު ޙައްޤު އަދަބު ނުލިބި ސަލާމަތް ވެވޭނެ ސަބަބެއް ކަމަށް ޤަބޫލުކުރުމެއް ނެތެވެ.)
މިއަދު އޮންލައިން