ރޯދަ ވީއްލުން އަވަސް ކުރުމަކީ އުންމަތްތައް ހެޔޮކަންމަތީގައި ދެމިތިބޭނެ ކަމެއް ކަމަށާއި ހާރުކެއުމަކީ އެކަމުގައި މާތް ﷲ ބަރަކާތް ލެއްވެވި ކަމެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
މިދެ ކަންތަކަކީ އަޅުގަނޑުމެންނަށް ފައިދާ ހޯދިދާނެ ދެކަންތަކެވެ. އަވަހަށް ރޯދަ ވީއްލުމަކީ އަބަދުވެސް އަޅުގަނޑުމެން ކުރަމުން އަންނަ ކަމެކެވެ.
އިރު އޮއްސުމާއިއެކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރޯދަ ވީއްލެވުން އަވަސް ކުރެއްވެވިއެވެ. އަދި ރޯދަ ވީއްލަވައި އުޅުއްވީ ރޯ ކަދުރު އޮށަކުންނެވެ. ރޯކަދުރު ނުލިބޭނަމަ ހިކިކަދުރު އޮށަކުން ރޯދަ ވީއްލާނީއެވެ. ކަދުރު އޮށެއް ނުލިބިއްޖެނަމަ ފެންފޮދަކުން ރޯދަ ވީއްލާނީއެވެ.
ރޯދަ ވީއްލުން އަވަސް ކުރަން އޮތް ނަމަވެސް ރޯދަ ވީއްލަންވާނީ އިރުއޮއްސުނުކަން ޔަޤީންކުރުމަށްފަހުއެވެ. މިޒަމާނުގައި އިރުއޮއްސުނުކަން ޔަޤީން ކުރެވޭނެ ވަސީލަތްތައް ވަރަށް ގިނައެވެ. ނަމަވެސް އެއްވެސް ސަބަބެއް ދިމާވެގެން އެފަދަ ވަސީލަތެއް ނެތް ނަމަ އިރުއޮއްސުނުކަން ޔަޤީންކުރަން މަޑުކޮށްލަންޖެހޭނެއެވެ. ކަށަވަރު ނުކޮށް ރޯދަ ވީއްލާފަހުން އިރު ނުއޮއްސޭކަން އެނގިއްޖެނަމަ އެ ރޯދަ އަލުން ހިފަންޖެހޭނެއެވެ. އެއީ އިތުރު ތަކްލީފެކެވެ.
މިހާރަކަށް އައިސް ބައެއް މީހުން ވަރަށް އަވަހަށް ހާރުކައިގެން އެބަ ނިދައެވެ. އަނެއް ބައަކު ހާރު ނުކައި އެބަ ރޯދަ ހިފައެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ހާރުކެއުން ފަސްކުރަންޖެހޭނެއެވެ. އަދި ކޮންމެވެސް އެއްޗެއް ކާންވެސް ޖެހޭނެއެވެ.
ހާރުކެއުމާއި ހާރު ކެއުން ފަސްކުރުމަކީ ވަރަށް ގިނަ ފައިދާތައް ހިމެނޭ ކަމެކެވެ. ހާރު ކެއުމުގެ ގޮތުން އެންމެ ރަނގަޅު ކެއުމެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ކަދުރެވެ. އެހެން އެއްޗެތި ކެއުންވެސް ހުއްދައެވެ.
ހާރު ނުކާނަމަ ވެގެންދާނީ ޖެހިޖެހިގެން ހިފާ ދެ ރޯދައަށެވެ. އެއީ ހުއްދަ ގޮތެއް ނޫނެވެ. ރޯދަ ހިފަން އެންމެ ފަސޭހަވާނީވެސް ހާރުކައިގެންނެވެ. ހާރު ކެއުމަކީ ރޯދަ ހިފުމަށް ހަކަތަ އިތުރުވާ ކަމެކެވެ. ހަކަތަ އިތުރުވުމަކީ ރުޅިގަދަވުން ފަދަ ކަންކަމުންވެސް މީހާ ދުރުހެލިކޮށްދޭ ކަމެކެވެ. ހާރު ކެއުމާއި ހާރުކެއުން ފަސްކުރުމަކީ ސުންނަތެކެވެ. އެހެންވީމާ ސުންނަތް ޙާޞިލުކުރުމުގެ ސަވާބުވެސް ލިބިގެންދާނެއެވެ.
އަވަހަށް ނިދާފައި ހާރުކާން ހޭލުމަކީ އަޅުކަން ކުރަން ވެސް އިތުރަށް މަގުފަހިވެގެންދާނެ ކަމެކެވެ. ފަތިސް ވަގުތާއި ކައިރިކޮށް ހާރުކާ ވަގުތަކީ މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގަންނަވާ ގަޑިއެކެވެ. ދުޢާ އިޖާބަ ކުރައްވަވާ ގަޑިއެކެވެ. މުއުމިނުންނަށް ޞަލަވާތް ލެއްވެވުމަށް މަލާއިކަތްބޭކަލުން އެދިލައްވާ ގަޑިއެކެވެ. އެހެންވީމާ އެގަޑީގައި އަޅުކަންކޮށް ދުޢާކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
ހާރުކެއުމާއި ފަތިސް ނަމާދާއި ދެމެދު ވަގުތުކޮޅެއްދޭންޖެހެއެވެ. އެއީ އާދައިގެ ގޮތަކަށް 50 އާޔަތް ކިޔަވައިލެވޭވަރުގެ ވަގުތުކޮޅެކެވެ!
- ނޫރު މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދިން ދަރުސުން -
ދަރުސްގެ އޯޑިއޯ: