ރޯދަ މަހު ދުޢާކުރުމުންވެސް އިޖާބަ ނުކުރައްވައިގެން ކަންބޮޑުވާ މީހުން ޗެކްލިސްޓް ބުއްދީގެ ތިލަފަތުން ކިރަންޖެހޭނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ރޯދަ މަހު ދުޢާކުރުމުންވެސް އިޖާބަ ނުކުރައްވައިގެން ކަންބޮޑުވާ މީހުން ޗެކްލިސްޓް ބުއްދީގެ ތިލަފަތުން ކިރަންޖެހޭނެ: މުފްތީ މެންކް
ރޯދަ މަހު ރޯދައަށް ހުރެގެންނާއި ރޭގަނޑު ދުޢާ ކުރުމުން އިޖާބަ ނުކުރައްވައިގެން ކަންބޮޑުވާ ބައަކު އުޅެއެވެ. އެފަދަ މީހުން ހަދަންޖެހޭ ޗެކްލިސްޓެއް އޮވެއެވެ. އެހެންކަމުން އެ ލިސްޓާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ.

އެންމެ ފުރަތަމަ ބަލަންވީ ތިމާއަށް އަމަލުކުރެވޭ ގޮތަށެވެ. މާތްﷲގެ އެންގެވުންތަކަށް އަމަލުކުރެވޭ މިންވަރެވެ. ތިމާގެ އަމަލުތައް ބެހެއްޓެނީ ހަމަ މާތްﷲ އެންގެވިގޮތަށްތޯއެވެ. ދުނިޔަވީ އުޞޫލަކުން ބެލި ނަމަވެސް މީހެއްގެ ކިބައިން ކަމަކަށް އެދުމުން އެކަން ފުރިހަމަވުމުގައި އެންމެ މުހިންމީ ތިމާ އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކޮށްފައި އޮތުމެވެ.

ނިކަން ވިސްނައިލަބަލާށެވެ. އަހަރެމެންނަށް މިއުޅެވެނީ ކިހިނަކުން ހެއްޔެވެ؟ މިކުރެވެނީ ކޮންފަދަ އަމަލުތަކެއް ހެއްޔެވެ؟ މާތްﷲ އެންގެވި ގޮތާއި ގާތަކަށްވެސް އަމަލުތައް ބެހެއްޓޭ ހެއްޔެވެ؟ އެހެންކަމާއިއެކުވެސް މާތްﷲ ކިހައި ދީލަތިވަންތަ ހެއްޔެވެ؟ އަހަރެމެންގެ އަމަލުތައް މިހައި ނުބައިކޮށް ހުންނަ އިރުވެސް މާތްﷲ އަހަރެމެންގެ ދުޢާ އެބަ އިޖާބަ ކުރައްވަވައެވެ. އަދި އެވަރުން ފުއްދަވައި ލައްވަވަނީއެއްވެސް އެއްވެސް ނޫނެވެ. އަހަރެމެން ނުއެދޭ އެތައް ބައިވަރު ނިޢުމަތްތަކެއްވެސް އެބަ މިންވަރު ކުރައްވަވައެވެ. އެއީ އެކަލާނގެއީ ޣަފޫރުއްރަޙީމް ވީމައެވެ.

ދެން އޮތީ ދުޢާކުރުމެވެ. ކަންކަމަށްއެދި ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތަކާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ވާރިދުވެގެންވާ ދުޢާތައް ކުރުން ވަރަށް މުހިންމެވެ. އެހެނީ އަހަރެމެންގެ ކޮށި ޢިބާރާތްތަކުން ދަންނަވާ ބަސްތަކަށްވުރެ އެ ދުޢާތައް މާ ބޮޑަށްވެސް ފުރިހަމަވީމައެވެ.

ކީރިތި ޤްރްއާނަށް ބަލައިފިނަމަ މާތްﷲ މާތް ކުރެއްވެވި ރަސޫލު ބޭކަލުންގެ ދުޢާތައް ފެންނާނެއެވެ. މާތްﷲ މާތް ކުރައްވަވައި މަތިވެރި ކުރެއްވެވި ބައެއް ބޭކަލުންގެ ދުޢާތައްވެސް ފެންނާނެއެވެ. އެފަދަ ދުޢާތައް ކީރިތި ޤްރްއާނުގައި ވަޙީކުރައްވަވާފައި އެވަނީ އެ ދުޢާތަކުގެ ފުރިހަމަކަމުންނެވެ. އެ ދުޢާތަކަށް މާތްﷲ ލޯބިކުރައްވަވާތީއެވެ. އެބަހީ އެދުޢާތައް މީސްތަކުން ގިނަގިނައިން ކުރުމަށް މާތްﷲ ލޯބިކުރައްވަވާތީއެވެ.

މާތްﷲގެ މި ބަސްފުޅަށް ބަލާށެވެ. މާތްﷲ އަންގަވަނީ "ތިއަބައިމީހުންގެ ކިބައިން ތިމަން ﷲ އެއްވެސް ކަމަަކަށް ބޭނުންފުޅުވެވޮޑިގެންނުވަމެވެ. ނަމަވެސް ތިއަބައި މީހުން ތިމަންﷲގެ ހަޟްރަތުން ހުރިހާ ކަންކަމަށް ބޭނުންވެގެންވެއެވެ." ހަމައެއާއިއެކު މާތްﷲ ވަނީ އަހަރެމެން ކުރުމަށް ކަންތައްތަކެއް އަންގަވައިފައެވެ. އެކަންތައްތައް ކުރުމުން އެކަމުގެ ހުރިހާ ފައިދާއެއްވެސް ހަމަ އަހަރެމެންނަށް ލިބޭ ގޮތަށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަހަރެމެންނަށް އަންގަވާފައިވަނީ މާތްﷲ އެންގެވި ގޮތުގައި ސާބިތުވެ ހުރެ މާތްﷲއަށް ދުޢާކޮށް ކަންކަމަށް އެދިދެންނެވުމަށެވެ. ނަމަވެސް މިހާރަކަށް އައިސް މިވާގޮތަކީ ތިމާކުރަންޖެހޭ ކަންކަން މަތިން ހަނދާނެއް ނުހުރެއެވެ. ނަމަވެސް އިންތިހާއަށް ގިނަ ކަންތައްތަކަށް ބޭނުންވެގެން މިދަނީ ދަންނަވަމުންނެވެ.

ޞަޙާބީންގެ ދައުރަށް ވިސްނާށެވެ. އެބޭކަލުންގެ ހުރިހާ ވަގުތެއްހެން ހޭދަކުރެއްެވެވީ މާތްﷲ އެންގެވި ކަންކަން ކުރުމަށެވެ. ނަމަވެސް އެބޭކަލުން މާތްﷲގެ ޙަޟްރަތުގައި އެދި ދެންނެވީ ވަރަށް މަދުކަމަކުއެވެ. މައިގަނޑު ގޮތެއްގައި ފާފަފުއްސެވުން އެދިއެވެ. ނަރަކައިން ސަލާމަތްކުރެއްވެވުން އެދިއެވެ. ސުވަރުގެ ދެއްވެވުން އެދިއެވެ.

މިޒަމާނަށް ބަލައިފިނަމަ އިންސާނުންގެ ބޭނުންތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. އިންސާނުންގެ ދުނިޔަވީ ބޭނުންތައް މިވަނީ ބޮޑެތިވެފައެވެ. އެހުރިހާ ކަންކަމަށް އެދި ތަކުރާރުކޮށް ދަންނަވަމުން ދުޢާކުރަމުންގެންދާއިރު މާތްﷲ އެންެގެވި ކަންކަން ކުރެވެނީ އެހައި މަދުންނެވެ. ވީއިރު މިކަންތައްތައް ހަމަޖެހޭ ހެއްޔެވެ؟ ބުއްދީގެ ތިލަފަތަކުން ކިރީމާވެސް މިވާގޮތް އެނގޭނެއެވެ.

(މުފްތީ މެންކުގެ ދަރުސަކުން)
މިއަދު އޮންލައިން