ތިބާގެ އެންމެ ދުޢާއެއް މާތް ﷲ ޤަބޫލުފުޅުކުރެއްވެވިކަން އެނގުނު ނަމަވެސް އެއީ ދެދުނިޔެ ލިބުންފަދަ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތިބާގެ އެންމެ ދުޢާއެއް މާތް ﷲ ޤަބޫލުފުޅުކުރެއްވެވިކަން އެނގުނު ނަމަވެސް އެއީ ދެދުނިޔެ ލިބުންފަދަ ކަމެކެވެ!
ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންކަމަށް އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާކުރާ މީހެކެވެ. އެއިގެ ތެރެއިން އެންމެ ދުޢާއެއް މާތް ﷲ ޤަބޫލުފުޅުކުރެއްވެވިކަން މީހަކަށް ޤަބޫލުކުރެވުނު ނަމަވެސް އެއީ ދެ ދުނިޔެ ލިބުންފަދަ ކަމެކެވެ!

އެހެނީ މާތް ﷲ ކަންކަން ޤަބޫލުފުޅުކުރައްވަވާހުށީ ތަޤްވާވެރިންގެ ކިބައިންކަން މާއިދާ ސޫރަތުގެ 27 ވަނަ އާޔަތުންކަން ވަރަށް ސާފުކޮށް އެނގެން އޮތުމުންނެވެ.

ތިބާގެ ދުޢާތަކުގެ ތެރެއިން އެންމެ ދުޢާއެއް މާތް ﷲ އިޖާބަކުރެއްވެވިކަން ތިބާއަށް ޤަބޫލުކުރެވޭނަމަ ފުރަތަމަވެސް ގަދައަޅައި މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. އެހެނީ ތަޤްވާވެރިކަމަކީ މީހާ ކުރާ އަމަލުތަކުގެ ސަބަބުން ބަދަލު އަންނަކަމެކެވެ. އުނި އިތުރުވާ ކަމެކެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރަން މާތް ﷲ ދެއްވަވާ ރަނުގެ ފުރުޞަތެކެވެ. އެފުރުޞަތުގެ ބޭނުން ނުހިފިއްޖެ މީހާއީ ގެއްލެނިވެގެންވާ މީހެއްކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެކަން އަބަދުވެސް ހިތުގައި ބާއްވައިގެން މަސައްކަތްކުރާ މީހުންނަށް މާތް ﷲ މަގު ދައްކަވާނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން