މި ޙަދީޘްފުޅަށް އަމަލުކޮށްފިނަމަ މުޖުތަމައުގައި ހުރި ހުރިހާ މައްސަލަތަކެއް ނައްތައިލެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މި ޙަދީޘްފުޅަށް އަމަލުކޮށްފިނަމަ މުޖުތަމައުގައި ހުރި ހުރިހާ މައްސަލަތަކެއް ނައްތައިލެވިދާނެ!
ކޮންމެ މީހަކުވެސް ބުނަނީ އެމީހާ މަސައްކަތްކުރަނީ އީމާންކަން ވަރުގަދަކުރަން ކަމަށެވެ. އަދި ވާހަކަ ދައްކާނަމަ އީމާންކަން ވަރުގަދަކުރަން އެހެން މީހުންނަށް ނަޞޭޙަތް ވެސް ދެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެމީހާ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މި ޙަދީޘްފުޅު ހަނދުމަ ހުރޭ ބާވައެވެ!

އަނަސް (ރޢ)ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އެމީހާގެ އަމިއްލަ ނަފުސު ދެކެ އެމީހާ ލޯބިވާ ފަދައިން އެމީހާގެ މުސްލިމް އަޚާ ދެކެ ލޯބި ނުވާހައި ހިނދަކު އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ."

މި ޙަދީޘްފުޅުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެ ބަޔާން ކުރައްވަވާ އަޚުންނަކީ ހަމައެކަނި އެއްބަނޑު އެއްބަފާ މީހުންނެއް ނޫނެވެ. ހަމަ ކޮންމެ މުސްލިމެކެވެ.

މުޖުތަމައުގައި ކަންކަން ހިނގާ ގޮތަށް ބަލައިފިނަމަ މި ޙަދީޘްފުޅުގެ މަތިން ހަނދާންކުރަނީ ހާދަ މަދު މީހެކެވެ. އެހެންކަމަށްވާއިރު މިއަދު މިއުޅޭ ގިނަ ބައެއްގެ އީމާންކަން ފުރިހަމަވާނީ ކިހިނަކުންހެއްޔެވެ؟

މި ޙަދީޘްފުޅުގެ މަތިން އެންމެން ހަނދާންކޮށް ޢަމަލުކުރާނަމަ މުޖުތަމައުތަކުގައި މިހާރު އުފެދިގެން މިއުޅޭ އެއްވެސް މައްސަލައެއް ނުއޮންނާނެއެވެ. ހުރިހާ މައްސަލަތަކެއް އުފެދެނީވެސް މި ހަދީޘްފުޅުގެ މަތިން ހަނދާން ނައްތައިލުމުންނެވެ.

އެހެން މީހުންގެ ހައްޤުތަކަށް އަރައިގަތުމާއި އަނިޔާވެރިވުމާއި ވައްކަމާއި ފަސާދައާއި މިފަދަ ހުރިހާ ކަމެއް ގޮސް ގުޅެނީ ހަމަ ހަދީޘްފުޅަށް ކަމަށް ބުނެވިދާނެއެވެ. މި ހަދީޘްފުޅަށް އަމަލުކުރާނަމަ އެފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރާނެއެވެ.

އެފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރާނަމަ މުޖުތަމައުގައި އޮންނާނީ ކޮން މައްސަލައެއް ހެއްޔެވެ؟ ކޮން ހަމަނުޖެހުމެއް ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -


މިއަދު އޮންލައިން