ރޯދަ ހިފައި ނިމުމުން މަހުޖަނުން ރޯދަމަތިން ހަނދާން ހުރޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރޯދަ ހިފައި ނިމުމުން މަހުޖަނުން ރޯދަމަތިން ހަނދާން ހުރޭތަ؟
"ރޯދަ ހިފަންޖެހެނީ ކީއްވެގެންތޯ މާތް ބޭކަލުންތަކުންތަކާއި ސުވާލު ކުރެވުނެވެ. ޖަވާބުގައި އެބޭކަލުން ވިދާޅުވީ ރޯދައިގެ ސަބަބުން މަހުޖަނުންނަށް ވެސް ބަނޑުހައި ހޫނުކަން އިޙްޞާޞްކުރަން ޖެހެއެވެ. އެހެންކަމުން ހައިހޫނުކަމުގައި އުޅެންޖެހިފައިވާ މީހުންގެ މަތިން މަހުޖަނުން ހަނދާނެއް ނުނެތޭނެއެވެ!"

މިއީ މާތް ﷲ ރޯދަ ފަރުޟުކުރެއްވެވި އެއް މަޤްޞަދުކަން ކީރިތި ޤްރްއާނުންވެސް އެނގެން އެބައޮތެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރޯދަ ހިފައި ނިމުމުން މަހުޖަނުން ރޯދަމަތިން ހަނދާން ހުރޭހެއްޔެވެ؟ އެންމެ ކުޑަމިނުން ރޯދަ މަހު ރޯދަ ހިފަމުންދާއިރު ރޯދަ ވީއްލޭނެ ފަދަ ނެތް ނިކަމެތި ފަޤީރުންގެ މަތިން ހަނދާން ހުރޭ ހެއްޔެވެ؟



މަހުޖަނުން ނެތް އެއްވެސް މުޖުތަމައުއެއް ނެތެވެ. މުޅި މުޖުތަމައުގެ ހައިހޫނުކަން ފިލުވައިލަދެވޭވަރުގެ ތަނަވަސްކަން މާތް ﷲ މިންވަރު ކުރައްވަވާފައިވާ މަހުޖަނުންތައް ބައިވަރެވެ. އެ މަހުޖަނުންތައް ނިކަމެތިންނަށް އެހީތެރިވެދޭނަމަ މުޖުތަމައުގެ ހަމަ އެކަކަށްވެސް ހައިހޫނުކަންމަތީގައި އުޅެންޖެހޭނެ ހެއްޔެވެ؟

މިއަދު ފެންނަ މަންޒަރުތަކަށްބަލާއިރު ޞަދަޤާތްކުރަން އުޅޭތަންވެސް ގިނައިން ފެންނަނީ ނިކަމެތިންނެވެ. އެމީހުންނަށް ލިބޭ މަދު މިންވަރުންވެސް ބައެއް ފަޤީރުންނަށް ހަދިޔާކުރާ ވަރަށް ނަމަވެސް މަހުޖަނުން ހަދިޔާކުރާނަމަ، ޞަދަޤާތްކުރާނަމަ ކޮންފަދަ ހެއްޔެވެ؟

ފަޤީރުން ފަޤީރުވެދާނެތީ ބިރެއް ނުގަނެއެވެ. ނަމަވެސް އަބަދުވެސް މިފެންނަނީ މުއްސަނދިން އެމީހުން މާދަމާ ގަންނަން ނިންމާފައި އޮތް ޕްރައިވެޓް ޖެޓް ނުގަނެވިގެން ތެޅިފޮޅޭތަނެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަނުވެދާނެތީ ބިރުން އުޅޭތަނެވެ. އަޅަން ފަށާފައި ހުރި މަލްޓި މިލިއަން ޑޮލަރުގެ ގެ ފުރިހަމަ ނުކުރެވިގެން ކަންބޮޑުވެގެން އުޅޭތަނެވެ.

ސުވަރުގެއަށް ވައްދަވާ މީހުންގެ ތެރޭގައި ގިނަވާނީ ފަޤީރުންކަމަށް ބަޔާންވެގެންވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން