"ބޭރު ޤައުމުތަކުގަ ނަމާދުކުރަނީ ވަޒަންތަކުތެރޭގަ - ވާރޭފެން ފޮދަކަށް ނަމާދު ދޫކޮށްލަންވީ ކީއްކުރަން؟ މިއީ މާތް ﷲ ދެއްވެވި ބޯނަސްއެއް." މިއީ މިރޭގެ ތަރާވީސް ނަމާދުން ފޭބި ބައެއް ޒުވާނުން ބުނަމުންދިއަ ބަސްކޮޅެކެވެ. ދިވެހި ޒުވާނުން ނަމާދު ކުރުމަށް މި ޢަޒުމް ހުރެއްޖެނަމަ ޤައުމުގެ ކަންކަން ކުރިއަށްދާނީ މާތް ﷲ ގެ ވާގިފުޅާއިއެކު ހަމަ ބަރާބަރަށެވެ.
ހުކުރު މިސްކިތުގެ ގޯތިތެރޭގައި އެތައް ސަތޭކަ ބައަކު މިރޭ ޢިޝާ ނަމަދާއި ތަރާވީސް ނަމާދުކުރީ ތެމިފޯވެގެން ތިބެއެވެ. މެދު ނުކެނޑިހެން އެވަގުތު ވާރޭ ވެހެމުންނެވެ. ޖީބުތަކުގައި އަގު ބޮޑު ސްމާޓް ފޯންތައް ހުރި ނަމަވެސް ހަމަ އެކަކުވެސް ނަމާދު ދޫކޮށްލާފައި ނުދާކަން ފާހަގަކުރެވުނެވެ.
ނަމާދުކޮށް ނިމުމުން ވެސް އަވަސް އަރުވާލާފައި ދިއުމުގެ ބަދަލުގައި ކުނާ ހިފައިގެން ވަޅުދޮށަށް ގޮސް ވެލި ދޮވެ ސާފުކުރި މަންޒަރު އެއީ ވަރަށް އުފާވެރި މަންޒަރެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.
ހިތާމައަކީ ނަމާދުކުރުމަށް މިފަދަ ރޫޙު ހުންނަ ޒުވާނުންގެ ފައިގައި ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ޓެގް އަޅުވާކަމެވެ. ނަމާދު ނުކޮށް ޝައިޠާނީ ޝޯތަކާއި ކުޅިވަރުތަކުގައި އުޅޭ ޒުވާނުން ބަރާބަރު ކަމަށް ހަދައި ނަމާދުކުރާ ޒުވާނުންނާއިމެދު ބަލާގޮތް ތަފާތުކަމެވެ.
އެޒުވާނުން ނަމާދުން ފައިބައި ދެއްކި ވާހަކަ އަޑުއެހި ދެތިން މުސްކުޅިއަކު ބުނީ އެމީހުންގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެކުދިންނަށް ވަގުތުން އިނާމު ދޭނެ ކަމަށެވެ.
އިނާމު ދޭންވީ އެފަދަ ކުދިންނަށެވެ. އެފަދަ ކުދިންނަށް އެގޮތުގައި ކުރިއަށްދާން ހިތްވަރު ދިނުމަކީވެސް ދެވޭނެ އެންމެ ބޮޑު އިނާމަށްވާނެއެވެ!