އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހާއަކީ އެއްވެސް ކުށެއް ނެތް މަޢްޞޫމް މީހެއްގެ ގޮތުގައެވެ. އަދި އެހެން މީހުންނަކީ ބައިވަރު ކަންކަން އިޞްލާޙްކުރަންޖެހިފައި ތިބި ބައެއް ކަމަށެވެ.
މީސްތަކުންނަށް މާތް ﷲ ގެ ޙުކުމްފުޅުތައް އަންގައި ދިނުމަށް ނަޞޭޙަތުގެ ބަސްކޮޅެއް އިއްވުމުގެ ފުރުޞަތު ލިބުމުން ވެސް ބައެއް މީހުންނަށް މިފަދަ އިޙްޞާޞްތައް ކުރެވެއެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ގޯހެކެވެ. ކުށް ވިސްނުމެކެވެ. އެއްވެސް މީހަކީ އެއްވެސް އުނިސިފައެއް ނެތް ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް އުނި ސިފަތަކެއް ހުންނާނެ މީހެކެވެ. އެކިމީހުންގެ ގައިގައި އެކިވަރަށެވެ. އެހެންވީމާ އެއްވެސް މީހަކަށް އެމީހާއަކީ މުޅިން، ހުރިހާ ކަމެއް ފުރިހަމަ މީހެއް ކަމަށް ޤަބޫލުކުރެވޭނަމަ އެއީ ޝައިޠާނާ އެމީހަކަށް ދޭ ވަސްވާހެކެވެ. ބިރުވެތިވެ އަވަހަށް ތައުބާވާށެވެ.
ތިމާއަކީ އެންމެ މާތް، ނުވަތަ މާތް މީހެއް ކަމަށް ޤަބޫލުނުކުރާށެވެ. މިވެނި މީހާއަކީ ކާފަރެއް ކަމަށާއި އެމީހާއަށް މާތް ﷲ ގެ ޙަޟްރަތުގައި އެއްވެސް ދަރަޖައެއް ނެތް ކަމަށް ނުވިސްނާށެވެ. މިއަދު އޭނާއަކީ ކާފަރަކަށްވެދާނެއެވެ. ނަމަވެސް އޭނާގެ ހަޔާތް ނިމިގެންދާއިރު އޭނާއަކީ ތިމާއަށްވުރެ މާބޮޑު ތަޤްވާވެރިއަކަށްވުމުގެ ސަބަބުން މާތް ﷲ ގެ ޙަޟްރަތުގައި ތިމާއަށްވުރެ ޤަދަރު އުފުލިގެންވާ މީހަކަށްވެސް ވެދާނެއެވެ.
މިތަނަށް އެއްވެ ތިބި މީހުންނަށް ނިކަން ބަލައިލަބަލާށެވެ. އެހެން ދީންތަކުން އިސްލާމް ދީނަށް އައިސް ތިބީ ކިތައް މީހުންތޯ ބަލައިލަބަލާށެވެ. ހަމަ އެއާއިއެކު އިސްލާމެއްގެ ގޮތުގައި އުފަންވި ނަމަވެސް އިސްލާމް ދީނަށް އަމަލުނުކުރުމުން ފެއިލްވެގެން ގޮސްފައިވަނީ ކިތައް މީހުންތޯވެސް ބަލައިލަބަލާށެވެ! އެއިރުން މިދައްކާ ވާހަކައަށް ހެކި ލިބޭނެއެވެ.
އެހެންވީމާ އަބަދުވެސް ދުޢާކުރަންވީ ތިމާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކޮށްދެއްވަވުން އެދިއެވެ. ޙަޤީޤީ ކާމިޔާބެއް ޙާޞިލުކުރަން އެދޭނަމަ އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ތިމާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކުރުމަށެވެ.
މާތް ﷲ ގެ މަގުގައި ސާބިތުވެ ހުރި މީހަކު އަމަލުކުރާ ގޮތް ފެނުމުން އެމީހާ އަމަލުކުރާ ގޮތަށް އަމަލުކުރަން މީސްތަކުން ޝައުޤުވެރިވާނަމަ އެވަނީ ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ހޯދިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ަމަލުކުރާ ގޮތަށް އަމަލުކުރަން އަމިއްލަ ޢާއިލާގެ މީހުންވެސް އެއްބަހެއް ނުވެއެވެ. އެހެންކަމަށްވާނަމަ އެމީހެއްގެ ކިބައިގައި އިޞްލާޙްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަން ޤަބޫލުކުރަންވާނެއެވެ. އަދި އެކަންކަން އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން -