"އަހަރެންނަކީ ފިލިޕިންސް އަންހެން ކުއްޖަކީމެވެ. އުމުރަކީ 32 އަހަރެވެ. މިދިއަ ރޯދަ މަހު އަހަރެންގެ ހުރިހާ ފޭސްބުކް ފްރެންޑުންނަށް އިސްލާމް ދީނާއިބެހޭ ގޮތުން މައުލޫމާތު ފޮނުވަން ފެށީމެވެ. ކޮންމެ ދުވަހަކުވެސް އެއް މެސެޖު ފޮނުވަން މަސައްކަތްކުރީމެވެ.
އެ މަސައްކަތްތަކުގެ ސަބަބުން މިއަހަރުގެ ރޯދަމަސް އައިއިރު 2 މީހުން ވަނީ އިސްލާމްވެފައެވެ. މިއީ އެމީހުންގެ ފުރަތަމަ ރޯދަމަހެވެ. 5 މީހެއްގެ ހިތުގައި ވަނީ އިސްލާމް ދީނަށް ޝައުޤުވެރިކަން އުފެއްދިފައެވެ. އެމީހުން އިސްލާމް ކުރުވޭތޯ މިދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. ތައުފީޤް އެދެނީ މާތް ﷲ ގެ ޙަޟްރަތުންނެވެ."
ރޯދަ މަސް ކައިރިވެގެން އަންނަ އިރުގައާއި ރޯދަ މަހުގައިވެސް ގިނަ ބައަކު އަވަދި ނެތި އުޅެނީ ބައިވަރު ސަވާބުތަކެއް ހޯދަން ކުރާނެ ކަމެއް ހޯދުމުގެ މަސައްކަތުގައެވެ. ނެޓަށް ވަދެ ސަރޗް ކުރެއެވެ. އެއް ސައިޓެއް ބަލާފައި ކަންތައްތަކެއް ފެނުމުން ހިތް ނުފުރިގެން އަނެއް ސައިޓުވެސް ބަލައެވެ. އިލްމުވެރިންނާއި ސުވާލުވެސް ކުރެއެވެ.
މިއަދު ދުނިޔޭގެ އެންމެން މިވަނީ ގުޅިލާމެހިފައެވެ. އެކަމަށް މިކިޔަނީ ދުނިޔެ ބަވަނަވެފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ރައްޓެހި ރަޙްމަތްތެރިންގެ ގޮތުގައި އެހެން ދީންތަކުގެ އެތައް ބައިވަރު ބައަކު ތިބެއެވެ. ފޭސްބުކުގައި ތިބޭ ރައްޓެހިންނަށް ބަލައިލުމުންވެސް އެކަން ފެނިގެންދާނެއެވެ.
އެހެންކަމަށްވާއިރު ނިކަން ކޮންމެ މުސްލިމަކު އޭނާ ދަންނަ އެހެންދީންތަކުގެ މީހުންނަށް އިސްލާމް ދީނަށް ދައުވަތު ދީބަލާށެވެ. ފުރަތަމަ ސީދާ ދައުވަތު ދޭނީއެއް ނޫނެވެ. އިސްލާމް ދީނުގެ މަތިވެރި ކަމުގެ ބަސްތައް މެސެޖުކުރާނީއެވެ. ކީރިތި ޤްރްއާނުގެ އާޔަތްތަކާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުތައް މެސެޖުކުރާނީއެވެ. ދީނީ އިލްމުވެރިންގެ ބަސްފުޅުތައް މެސެޖުކުރާނީއެވެ.
މެސެޖެއް ކުރުމަކީ މިހާރު ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މެސެޖު ލިޔެފައި ހުރިހާ ރައްޓެހިންނަށް ޓެގްކޮށްފައި އެއްފަހަރާ ފޮނުވައިލުމަކީ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެގޮތަށް މެސެޖުތައް ފޮނުވަން ފެށުމުން ފޭސްބުކުގައި ތިބި ފްރެންޑުންގެ ތެރެއިން މީހަކު އިސްލާމް ދީނަށް ޝައުޤުވެރިވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ތިބާއަށް މާތް ﷲ ގެ ޙަޟްރަތުން ލިބޭނެ ސަވާބާއި މަތިވެރި ދަރަޖަ ނިކަން ހިތަށް ގެނެސްބަލާށެވެ.
މިދެއްކީ އިސްލާމުން ނޫން މީހުން އިސްލާމް ކުރަން މަސައްކަތްކުރުމުގެ ވާހަކައެވެ. އެމަސައްކަތާއިއެކު އިސްލާމުން އިސްލާމް ކުރުމުގެ މަސައްކަތްތައްވެސް ހަމަ އެހައި ބާރުމިނުގައި ކުރިއަށް ގެންދަންވީއެވެ.
ފްރެންޑުންނާއި ޗެޓްކުރާއިރު ދުރުދުރުން އޭނާ އިސްލާމް ދީނުގެ ކަންކަމަށް ސަމާލުކަންދޭ މިންވަރު އޮޅުންފިލުވިދާނެއެވެ. އޭނާއަކީ ފަރުޟު ނަމާދުކުރާ މީހެއްތޯ ސުންނަތް ނަމާދުތައް ކުރާ މީހެއްތޯ އަދި ކީރިތި ޤްރްއާން ކިޔަވާ މީހެއްތޯ ފަދަ ކަންކަން ބެލިދާނެއެވެ.
އެފްރެންޑަކީ އެފަދަ ކަންކަމަށް އިހްމާލުވަމުން އަންނަ މީހަކު ނަމަ ހަމަ ދުރުދުރުން މެސެޖުދީގެން އެމީހަކު އިޞްލާޙްކުރަން އެހީތެރިވެދެވިދާނެއެވެ. އެފަދަ ކަމެއް ކުރެވުނު ނަމަވެސް އެ ހޯދުނީ ހާދަހައި ގިނަ ސަވާބާއި ދަރުމަތަކެކެވެ.
ސޯޝަލް މީޑިއާ ބޭނުންކުރަންވީ މިފަދަ ކަންކަކަން ކުރުމަށެވެ. ރައްޓެހިންގެތެރޭގައި މުންކަރާތްތަކަށް އަރައިގަންނަ މީހަކު ހުރިނަމަ އެކަމެއް ހުއްޓުވައި އެމީހަކު އިޞްލާޙްކުރެވުނު ނަމަވެސް އެކުރެވުނީ ހާދަހައި މަތިވެރި ކަމެކެވެ.
މި ބުނެދިން ކަންކަމަކީ މުއުޖިޒާތެއް ނޫނެވެ. މިހާރުވެސް ހަމަ ކުރެވެމުން އަންނަ ކަންކަމެވެ. ސޯޝަލް މީޑިއާގައި އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ އެތައް ބައަކު އެބައުޅެއެވެ. ވާހަކަ ދައްކަން ފަށަމުން މިކިޔައިދިނީ ހަމަ ސޯޝަލް މީޑިއާގައި މިދިއަ ރޯދަ މަހު އަންހެންކުއްޖަކު ކުރި މަސައްކަތުގެ ވާހަކަ އާއި ހޯދުނު ނަތީޖާގެ ވާހަކައެވެ. ވީއިރު ތިބާއަށްވެސް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ!
އަދި ބުނަން ހެއްޔެވެ؟ އެއަންހެން ކުއްޖާއަކީ މީގެ 7 އަހަރުކުރިން އުމުރުން 25 އަހަރުގައި އަލަށް އިސްލާމްވެގެން ހުރި އަންހެން ކުއްޖެކެވެ. ހަމަ ގައިމުވެސް އިސްލާމް ދީންމަތީގައި އުފަންވެފައި ތިބި ބައަކަށް އެ މަސައްކަތްކުރަން މާފަސޭހަވާނެއެވެ! އިސްލާމް ދީނާއި ބެހޭ ގޮތުން މާގިނަ މައުލޫމާތު ހުންނާނެ ކަމަށް އުންމީދުކުރާތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -