ކައިވެނި ދެމެހެއްޓެނީ ވަކި ތާރީޚެއްގައި ކުރުމަކުން ނޫން - ކައިވެނީގެ ކުރިންނާއި ފަހުން ބަހައްޓާ އަޚްލާޤުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކައިވެނި ދެމެހެއްޓެނީ ވަކި ތާރީޚެއްގައި ކުރުމަކުން ނޫން - ކައިވެނީގެ ކުރިންނާއި ފަހުން ބަހައްޓާ އަޚްލާޤުން
ބައެއް ފަހަރު ކައިވެނިކުރަން ރަނގަޅު ތާރީޚް ބަލާތީ އެއީ ދީނީ ގޮތުން ކުރަން އޮންނަ، ހުއްދަ ކަމެއްތޯ ނުވަތަ އެފަދަ ކަންކަން ވާނީ ފާލުބެލުމަށްތޯ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ކައިވެނިކުރަން ވަކި ދުވަހެއް ނުއޮންނަ ކަމަށެވެ.

ކައިވެނި ކުރަން ޚާއްޞަ ދުވަސްތައް ހޯދައި ބަލައިގެން ކައިވެނިކުރުމުގެ ކަންކަން މިހާރަކަށް އައިސް ކުރިއަށް ގެންދިއަ ނަމަވެސް އެއީ އިސްލާމް ދީނުގައި ކުރަން ބަޔާންވެގެންވާ ކަމެއް ނޫނެވެ.

ދީނީ ބައެއް އިލްމުވެރިން ވިދާޅުވަނީ ކުރިއަށް ރާވައިގެން ކައިވެނިކުރާނަމަ އެދެމަފިރިއަކަށް ރީތި ނުވަތަ މުހިންމު ތާރީޚެއްގައި ކައިވެނި ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ކައިވެނިކުރަން ތައްޔާރުވެގެން ތިބި ބައަކު ވަކި ތާރީޚެއް އަންނަންދެން ކައިވެނި ފަސްކުރުމަކީ މިޒަމާނަށް ބަލައިފިނަމަ އެކަމުގެ ސަބަބުން މުންކަރާތްތަކަށް އަރައިގަތުމަށް މަގުފަހިވާކަމަކަށްވާތީ ކައިވެނިކުރަން ތައްޔާރުވުމަށްފަހު އޮތީ ވީހައި އަވަހަކަށް ކައިވެނިކުރުން ކަމަށެވެ. އަދި ކައިވެނި ނުކޮށް ލޯބީގެ ގޮތުން ގުޅިގެން އެކުގައި އުޅުމަކީވެސް އިސްލާމް ދީން ތަރުޙީބުދޭ އަދި ހުއްދަކުރާ ކަމެއްވެސް ނޫން ކަމަށެވެ.

ކައިވެނިކުރާނެ ތާރީޚު ބެލުމަށް ނަމަވެސް އަދި އެނޫން ކަމެއްގައި ނަމަވެސް ފާލަބެލުން ކަމުގައި ހިމެނޭ އެއްވެސް ކަމެއް ކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ޣައިބުގައިވާ ކަންތައްތައް ދެނެގަތުމަށް ކުރެވޭ އެފަދަ ކޮންމެ ކަމަކީ ފާލަބެލުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކައިވެނިތައް ކާމިޔާބުކަމާއެކު ދެމެހެއްޓި، ވަރި މަދުކުރެވެނީ ވަކި ތާރީޚެއްގައި ކައިވެނިކުރާތީއެއް ނޫނެވެ. ކައިވެނީގެ ކުރިންނާއި ފަހުން އަމަލުކުރާ އަޚްލާޤްގެ ސަބަބުންނެވެ. ރިވެތިގޮތުގައި ދެމެހެއްޓީފައިވާ ކައިވެނިތަކަށް ބެލުމުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެގެންދާނެއެވެ.
މިއަދު އޮންލައިން