ޢިޝާ ނަމާދުގެ ފަހުން ހޭލައިތިބެންޖެހޭނީ އިސްލާމް ދީނުގެ ކަންކަމުގައެވެ. އެއީ މާތް ﷲ އަށް ޛިކުރުކުރުމާއި ދީނުގެ އިލްމު އުނގެނުމާއި ދަރިންނަށް ދީނުގެ އިލްމު ދަސްކޮށްދިނުން ފަދަ ކަންކަމެވެ. ރަމަޟާން މަސް ނަމަ ތަރާވީސް ނަމާދުކޮށްގެން އަވަހަށް ނިދައިލަންވީއެވެ. ދަމު ނަމާދަށް ހޭލުމަށެވެ.
ނަމަވެސް ރޭގަނޑު ހޭލައި ތިބެގެން މުނިފޫހި ފިލުވުމުގެ ނަމުގައި ތަފާތު ޝޯތައް ބާއްވައި ލަވަކިޔައި މިޔުޒިކް ކުޅެ ތަފާތު ކުޅިވަރުތައް ކުޅެއުޅޭ ބައަކު އެބަ އުޅެއެވެ. އެކަންކަން ކުރަން ހިއްވަރުދީ ކުރުވާ ބައަކު އެބައުޅެއެވެ.
މިޔުޒިކާއި ލަވައަކީ ޝައިޠާނާ މީސްތަކުން މަގު ފުރައްދަން އެންމެ ގިނައިން ބޭނުންކުރާ ހަތިޔާރެވެ. ނުވަތަ ވަސީލަތެވެ. ލަވައާއި މިޔުޒިކާ ކުޅިވަރުން މުނިފޫހިފިލުވީމާ މިވާގޮތަކީ އެދުވަހު ހިފި ރޯދައިން ލިބުނު ސަވާބު އެދަނީ ގެއްލިގެން ނުވަތަ ބޮޑު ބައެއް އުނިވެގެންނެވެ. ދުވާލު ހިފި ރޯދައިގެ ދަރުމަ ބޭނުންނަމަ ޖެހޭނީ އިބިލީހުގެ މިޔުޒިކާއި ލަވަ ދޫކޮށްލާށެވެ. އިބިލީހަށް ކިޔައިދޭ ލަވަތަކާއި އިބިލީހަށް ޖަހައިދޭ މިޔުޒިކުތައްވެސް ދޫކޮށްލާށެވެ.
މުނިފޫހި ފިލުވަން ބޭނުންނަމަ ވީހައި ގިނައިން އަޅުކަންކުރާށެވެ. ކީރިތި ޤްރްއާން ކިޔަވާށެވެ. ބަދަލެއް ކޮށްލަން ބޭނުންވެއްޖެނަމަ ހުއްޓާލުމަށްފަހު ނަމާދު ކުރާށެވެ. ދެންވެސް ބަދަލެއް ކޮށްލަން ބޭނުންވެއްޖެނަމަ ދުޢާކުރާށެވެ. ޛިކުރުކުރާށެވެ.
މާތް ﷲ އެންގެވި ގޮތުގައި މުނިފޫހިފިލުވައިގެންއަދި އެނޫންވެސް އަމަލުތައް ބަހައްޓައިގެން ދިރިއުޅެން މަސައްކަތްކުރާ މީހާއަށް ތަފާތު މުޞީބާތްތައް ކުރިމަތިވާނެއެވެ. ނަމަވެސް ޔަޤީންކުރާށެވެ. މާތް ﷲ އެންގެވި ގޮތުގައި އަމަލުތައް ބަހައްޓާ މީހުންނަށް މާތް ﷲ ގިނަގުނަވެގެންވާ ނިޢުމަތްތައް މިންވަރުކުރައްވަވާނެއެވެ.
މިފަދަ އަމަލުތައް ކުރާ މީހުންެގެ ވާހަކަ އެނގެން އެބައޮތެވެ. އެފަދަ މީހުން ހީކުރަނީ އެމީހުންނަށް އަބަދުވެސް ކުޅިވަރާއި މަޖަލުގައި މިދުނިޔޭގައި ތިބެވޭނެ ކަމަށެވެ. މަޖާކުރަން ތިބެވޭނެކަމަށެވެ. ނަމަވެސް ހަމަހިލާ އެހެނަކުން ނުވާނެއެވެ. ޖެހޭނީ ހަމަ އެނބުރި މާތް ﷲ ގެ ޙަޟްރަތަށް ދާށެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ޝައިޚް އަޙްމަދު މޫސާ މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތުގައި) ދެއްވި ދަރުސުން -