އަޅުގަނޑުމެންގެ ތެރެއިން ހަމަ ވަރަށް ގިނަ އަދަދެއްގެ މީހުންނަކީ ސިއްރުން ބޮޑެތި ފާފަތައް ކުރެވިފައިވާ މީހުންނެވެ. މިވެނި އެވެނި ޒާތުގެ ފާފަތަކެވެ ކިޔުމުގެ އެއްވެސް ބޭނުމެއް ވެސް ނެތެވެ. އެހެނީ ސިއްރުން ކުރެވިފައިވާ ބައެއް ފާފަތަކުގެ ތެރޭގައި އަލުން އެކަމެއްގެ ނަން ގަނެވެން ވެސް ބޭނުން ނުވާނެ ކަންތައްތައް ހިމެނޭނެތީއެވެ.
ރަނގަޅަށް ވިސްނާށެވެ. ތިބާ އެފާފަތައް ކުރިއިރު ހަމަ މާތް ﷲ ބައްލަވައި ވޮޑިގެންވެއެވެ. އެކަމަކު އަޒާބެއް ކޯފާއެއް ވެސް ބާވައި ނުލެއްވެވިއެވެ. އަދި މީސްތަކުންގެ ތެރެއަށް ބޭޒާރުކޮށެއް ވެސް ނުލެއްވެވިއެވެ. ވީއިރު ތިބާއަށްޓަކައި މާތް ﷲ ކިހައި ދީލަތިވަންތަހެއްޔެވެ؟
ދެން އޮތީ މާތް ﷲ ގެ ދީލަތިވަންތަކަމަށް ޝުކުރުވެރިވުމެވެ. ތިބާއަށްޓަކައި މާތް ﷲ އެހުރިހާ ކަންކަން ކޮށްދެއްވެވުމަށްފަހުގައިވެސް ތިބާގެ ކިބައިން އެއްވެސް ބަދަލަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެހެންކަމާއިއެކުވެސް ތިބާއަށް ދެއްވަވަނީ އިތުރު ހަދިޔާއެކެވެ. އިތުރު ފުރުޞަތެކެވެ.
އެ ފުރުޞަތަކީ ތިބާ ތައުބާވުމުގެ ފުރުޞަތެވެ. މިއީ އެކަމަށް އެންމެ ޚާއްޞަ ވަގުތެވެ. ރޭގަނޑުން ބައެއްގައި ނިދާލުމަށްފަހު ނިދީން ހޭލާށެވެ. ތެދުވެ ވުޟޫކޮށްލައިގެން ހުރެ 2 ރަކްއަތް ނަމާދެއް ކޮށްލާށެވެ.
މިހެން ބުނާއިރަށް ސުވާލުކުރަން ފަށާނީ ކިޔާނީ ކޮން ނިޔަތެއްތޯއެވެ؟ ކިޔަވާނީ ކޮން ސޫރަތެއްތޯއެވެ. މާތް ﷲ އަށް އަޅުކަން ކުރުމަށް ދެ ރަކްއަތުގެ ސުންނަތް ނަމާދެއް ކުރާކަމަށް ހިތަށް އަރުވާލައިގެން ޙަރަމް ބަނުމުން ފުދޭނެއެވެ. ކިޔަވާނެ ސޫރަތާއިމެދު ވެސް ކަންބޮޑުވާނެ ކަމެއް ނެތެވެ. އެވަގުތަކު ތިމާގެ މޫޑް ހުރި ގޮތަށް ބަލައި ކިޔެވުމުން ނިމުނީއެވެ. ސޫރަތެއް ކިޔަވަން އުނދަގޫވެގެން އުޅޭނަމަ ކީރިތި ޤްރްއާނުން އާޔަތެއް ކިޔަވައިލި ނަމަވެސް ފުދޭނެއެވެ.
އެއަށްފަހު ދެ އަތް އުފުލައިލާށެވެ. ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާ އަށް ދަންނަވާށެވެ. އެގޮތުން ދަންނަވާއިރު އެއްވެސް ދެވަނަ މީހަކު މެދުވެރިކުރާކަށް ނުޖެހޭނެއެވެ. ދެވަނަ މީހަކަށް އެކަމުގެ ވާހަކަތައް ކިޔައިދޭކަށްވެސް ނުޖެހޭނެއެވެ. ދެ އަތް އުފުލާލައި ސީދާ ތިމާ އާއި މާތް ﷲ އާއި ދެމެދުގައި މުޢާމަލާތުތައްކޮށް ނިންމައިލާށެވެ.
ހަމަ ކޮންމެ ރެއަކުވެސް މިމޭރުމުން ކަންތައްތައް ކުރާށެވެ. ފޫހި ކަމެއް ނެތިއެވެ. މާތް ﷲ އިރާދަކުރެއްވެވިއްޔާ ތިބާގެ ދުޢާ މާތް ﷲ އިޖާބަކުރައްވަވާނެތެވެ. ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ ރަމަޟާން މަސް ނިމިގެންދާއިރު ތިމާއަކީ ފާފަތައް ފޮހެވި، ފުރިހަމަ ގޮތުގައި ތައުބާވެގެން ހުރި މީހަކަށް ވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -