އަނބިމީހާ ފިރިމީހާއަށް، ފިރިމީހާ އަނބިމީހާއަށް ލޯބިން ކުރާ ޢާންމު ކަމެއް ކުރުމަކީ ރޯދަ ގެއްލޭނެ ކަމެއް ނޫން: ޑރ. ޒާކިރު ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
އަނބިމީހާ ފިރިމީހާއަށް، ފިރިމީހާ އަނބިމީހާއަށް ލޯބިން ކުރާ ޢާންމު ކަމެއް ކުރުމަކީ ރޯދަ ގެއްލޭނެ ކަމެއް ނޫން: ޑރ. ޒާކިރު ނައިކް
އަނބިމީހާ ފިރިމީހާއަށް، ފިރިމީހާ އަނބިމީހާއަށް ލޯބިން ކުރާ ޢާންމު ކަމެއް ކުރުމަކީ ރޯދަ ގެއްލޭނެ ކަމެއް ނޫނެވެ. އެއީ ލޯބިން ގާތްކޮށްލުން ކޮލުގައި، ނިތްކުރީގައި އަދި އަތްތިލައިގައި ބޮސްދިނުން ފަދަ ކަންކަމެވެ.

މިފަދަ ކަމެއް ކުރުމުގައި ރޯދަ ގެއްލިދާނެ އެއްވެސް ކަމެއްކޮށްގެން ނުވާނެއެވެ. އަދި އެފަދަ ނިޔަތެއްވެސް އޮވެގެން ނުވާނެއެވެ.

މިކަން އެނގެނީ ޢާއިޝާ (ރޢ) ރިވާ ކުރައްވާފައިވާ ބަސްފުޅަކުންނެވެ. ޢާއިޝާ (ރޢ)ގެ ބަސް ފުޅުން އެނގެން އޮތް ގޮތުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރޯދައަށް ހުންނަވައިގެން މިކަންކަން ކުރެއްވެވިއެވެ. ހަމަކަށަވަރުން އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަކީ ނަފުސު ކޮންޓްރޯލް ކުރެއްވުމުގެ ކުޅަދާނަކަން އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި އިންސާނާއެވެ.

ޢާއިޝާ (ރޢ) ގ މިބަސްފުޅަށް ބާރުލިބޭ ޙަދީޘްފުޅެއް އެބައޮތެވެ. "ޢުމަރުގެފާނު ރޯދައަށް ހުންނަވައި އަނބިކަނބަލުންގެ ގައިކޮޅުގައި ބޮސް ދެއްވެވިއެވެ. ބޮސް ދެއްވެވެވުމަށްފަހު މިކުރެއްވެވުނީ ކުށެއް ކަމަށް ހީފުޅު ކުރައްވަވައި ރަސޫލާ (ޞޢވ)ގެ އަރިއަހަށް ވަޑައިގެން އެކަން ކުރެއްވެވުނު ވާހަކަފުޅު ވިދާޅުވިއެވެ. އެހިނދު ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. ވުޟޫ ކުރައްވަވާއިރު ކަރަށް ފެންލައްވައި ތަޅުއްވައިލައްވަން (ގާގްލްކުރައްވަން) ހެއްޔެވެ؟ އެކަމުން ރޯދަ ގެއްލޭ ހެއްޔެވެ؟ ޖަވާބުގައި ރޯދަ ނުގެއްލޭ ކަމަށް ވިދާޅުވުމުން ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. އެހެންވީއިރު ކަންބޮޑުވެވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ. ރަސޫލާ (ޞޢވ) އެ ބަޔާންކޮށްދެއްވެވީ ރޯދައަށް ހުރެގެން އެފަދަ ކަމެއް ކުރެވިދާނެ ކަމެވެ."

ކަން މިހެން އޮތް ނަމަވެސް ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. އެއް ދުވަހަކު ޒުވާނަކު ގޮސް ރޯދައަށް ހުރެ އޭނާގެ އަނބިމީހާގެ ގައިގާ ބޮސް ދެވިދާނެތޯ ސުވާލުކުރެއްވުމުން ޙަދީޘްފުޅުކުރެއްވެވީ ނުދެވޭނެ ކަމަށެވެ. ނަމަވެސް މުސްކުޅިއަކަށް ވިދާޅުވީ ދެވިދާނެ ކަމަށެވެ. ޒުވާނާއަށް އެ ހުއްދަ ނުދެއްވީ އޭނާގެ ނަފުސު އޭނާއަށް ކޮންޓްރޯލް ނުކުރެވިދާނެ ކަމަށްޓަކައެވެ. މިކަމުން އެނގޭ ކަމަކީ މިކަމުގެ އަސާސީ ޤަވާއިދަކީ މިފަދަ ކަމެއް ކުރަންވާނީ ނަފުސު ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވާ މީހަކު ކަމެވެ.

އެހެންވީމާ އެފަދަ ކަމެއް ކުރަންވާނީ އެކަން ކުރުމުގެ ސަބަބުން ރޯދައަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. އެއްވެސް މިންވަރެއްގެ ޝައްކެއް އޮތް ނަމަވެސް އެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

ރޯދަ ފަރުޟުކުރެއްވެވުނުއިރު ރަމަޟާން މަހުގައި (ރޭގަނޑުވެސް) އަނބިންނާއިއެކު ރޭ ކުރުމެއް ނެތެވެ. އެހެން އެކަންތައް އޮއްވައި ޢުމަރުގެފާނަށް އެއްރޭ އަނބިކަނބަލުންނާއިއެކު ރޭ ކުރެއްވެވުމުން ހެނދުނު ވަޑައިގެން އެވާހަކަ ދަންނަވައި ތައުބާވެވަޑައިގެންނެވޭނެ ގޮތެއް ދައްކަވައިދެއްވެވުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެގޮތެއް ދެއްކެވުން ވަނީ ހަމައެކަނި ﷲ ތަާލާއަށް ކަމަށެވެ.

އެހިނދު ﷲ ތައާލާ ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތް ބާވައިލެއްވެވިއެވެ. އެއީ ރޯދަމަހުގެ ރޭގަނޑު އަނބިން ގާތަށް ގޮސް ރޭކުރުން ހުއްދަކުރެއްވެވި އާޔަތެވެ. (ޢުމަރުގެފާނުގެ އަމަލުފުޅު މާތް ﷲ ދެކެދެނެވޮޑިގެންވާ ކަމާއި އަދި ޢަފޫކުރައްވަވައިފިކަން އެ އާޔަތުން އެނގެއެވެ.)
"ރޯދައަށް ތިބޭއިރު ތިއަބައިމީހުންގެ އަނބިންގެ ގާތަށް ގޮސް ރޭކުރުން ތިއަބައިމީހުންނަށް ހުއްދަ ކުރައްވަވައިފިއެވެ. އެކަނބަލުންނީ ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި، ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިއަބައިމީހުންގެ އަމިއްލަ ނަފުސަށް ޚިޔާނާތްތެރިވަމުން ދިއަކަން، ﷲ ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިއަބައިމީހުންގެ މައްޗަށް ތައުބާ ލައްވައި، ތިއަބައިމީހުންގެ ކިބައިން ޢަފޫ ކުރައްވައިފިއެވެ. ފަހެ، ތިއަބައިމީހުން އެކަނބަލުންގައި ބީހި އުޅޭށެވެ. (އެބަހީ ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިއަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ....."

އަދިވެސް ހަމަ އެއާޔަތުގައިވެއެވެ. "އަދި ތިއަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފައުޅުވެ އެނގިއްޖައުމަށް ދާންދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށްދާންދެން ތިއަބައިމީހުން ރޯދަހިފާހުށިކަމެވެ! އަދި ތިއަބައިމީހުން މިސްކިތުގައި އިޢްތިކާފަށް ތިބޭއިރު އެކަނބަލުންގައި ތިއަބައިމީހުން ބީހިނުއުޅޭށެވެ. (އެބަހީ ޖިމާޢު ނުވާށެވެ!) އެއީ، ﷲ ކަނޑައަޅުއްވަވާފައިވާ އިންތަކެވެ. ފަހެ، އެއިންތަކާއި ތިއަބައިމީހުން ކައިރިނުވާށެވެ! (އެބަހީ، އެއިންތައް ފަހަނައަޅައި ނުދާށެވެ!) އެފަދައިން ﷲ، އެކަލާނގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވަވަނީ އެއުރެން ތަޤްވާވެރިވުމަށްޓަކައެވެ."

މިއާޔަތުން އެނގިގެން މިދަނީ ރޯދަވެރިޔާ އަމަލުކުރަންވީ ގޮތެވެ. ކެތްތެރިވެ ހިފަހައްޓަންވީ ކަންކަމާއި އެކަންކަން ކުރަން ލާޒިމުވެގެންވާ ވަގުތުތަކެވެ.

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން -

ގުޅުންހުރި ވިޑިއޯ:
މިއަދު އޮންލައިން