ރަސޫލުބޭކަލުން ކުރެއްވެވި ދުޢާތަކަށްވުރެ ފުރިހަމަ ދުޢާ ހޯދަން ތިއުޅެނީ ކާކަށް އެނގޭނެކަމަށްތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ރަސޫލުބޭކަލުން ކުރެއްވެވި ދުޢާތަކަށްވުރެ ފުރިހަމަ ދުޢާ ހޯދަން ތިއުޅެނީ ކާކަށް އެނގޭނެކަމަށްތަ؟: މުފްތީ މެންކް
ފުރަތަމަ ދުނިޔަވީ މިސާލަކުން ފަށާނަމެވެ. ތިބާގެ އަތުގައި ނަމްބަރު ތަޅެއް އެބައޮތެވެ. ނަމަވެސް ތިބާއަކަށް ނަމްބަރެއް ނުއެނގެއެވެ. އެހެން ނަމަވެސް އެތަޅު ކުރިން ގެންގުޅުނު މީހާ ގާތުގައި އޮޅުން ފިލުވާކަށް ބޭނުމެއް ނުވިއެވެ. ފަހަރަކު ނަމްބަރެއް ބަދަލުކޮށްގެން ކިޔާ އަޑު އަހަނީއެވެ. ނަމްބަރު ދިމާވީމާ އެނގޭނެ ކަމުގެ އުންމީދުގައެވެ.

ބުއްދިވެރިއަކީ އެގޮތަށް ނަމްބަރު ބަދަލުކޮށްގެން ތަޅު ހުޅުވަން މަސައްކަތްކޮށްކޮށް އެތައް ވަގުތެއް ހޭދަކުރާ މީހާ ހެއްޔެވެ؟ ނޫނީ ހުޅުވޭނެ ނަމްބަރު އެނގޭ މީހާ ގާތު އަހައިގެން ނަމްބަރު އޮޅުން ފިލުވައިގެން އަވަހަށް ތަޅު ހުޅުވަން މަސައްކަތްކުރާ މީހާ ހެއްޔެވެ؟

ލޮބުވެތި މުސްލިމުންނޭވެ. މާތް ﷲ ކީރިތި ޤްރްއާނުގައި ރަސޫލުބޭކަލުން ކުރެއްވެވި ދުޢާތައް ބާވައިލައްވަވާފައިއެވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. ފުރަތަމަ ކަމަކީ އެ ދުޢާތަކުގެ ފުރިހަމަކަމުން އެ ދުޢާތަކަކީ މާތް ﷲ ގެ ޙަޟްރަތުގައި މަޤްބޫލް ދުޢާތަކަކަށްވާތީއެވެ. އެ ދުޢާތަކަކީ މާތް ﷲ އިޖާބަކުރައްވަވާފައިވާ ދުޢާތަކަކަށްވާތީއެވެ.

ހަމައެއާއިއެކު އަހަރެން ޤަބޫލުކުރާ އެހެން ޙިކުމަތެއްވެސް އެބައޮތެވެ. އެއީ މާތް ﷲ މީސްތަކުންގެ ތެރެއިން އެންމެ މާތްކުރެއްވެވި ރަސޫލުބޭކަލުންވެސް ކަންކަމަށް އެދިވަޑައިގަތީ މާތް ﷲ ގެ ޙަޟްރަތުންކަން ބަޔާންކޮށް ދެއްވެވުމެވެ. އަދި ވީހައި ގިނައިން ދުޢާކުރުމުގެ މުހިންމުކަން މީސްތަކުންނަށް ބަޔާންކޮށްދެއްވެވުމެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އެތައް ބައިވަރު ދުޢާތަކެއް ދަސްކޮށްދެއްވަވައިފައެވެ. މިސާލަކަށް ހިމާޔަތަށް އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. މާތް ﷲ އިތުރު މާތް ނަބިއްޔާ (ޞޢވ) އަށް ޙިމާޔަތް ދެއްވަވާފައިވީއިރުވެސް މެއެވެ. ކަންނެތްކަމުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރެއްވެވިއެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) އަކީ ހީވާގިކަމުގެ ލާމަސީލު ބޭކަލެއްކަމުގައި ވެވަޑައިގެންނެވި ހިނދުގައިވެސްމެއެވެ. ތެދުމަގު ދެއްކެވުން އެދި ދުޢާ ކުރެއްވެވިއެވެ. މާތް ﷲ އިތުރު މާތް ނަބިއްޔާއަށް ތެދުމަގު ދައްކަވާފައިވީހިނދުގައިވެސްމެއެވެ.

އިތުރު މާތް ނަބިއްޔާ (ޞޢވ) އަށް ބޭނުންފުޅުވެވަޑައިގެން ނުވާ އެތައް ކަމަކަށް ދުޢާ ކުރެއްވެވިއެވެ. ކީއްވެގެން ހެއްޔެވެ؟ އެފަދަ ކަންކަމަށް ބޭނުންވާނެ މީހުންނަށް، ކުރަންވީ ދުޢާ ދަސްކޮށްދެއްވެވުމަށެވެ.

މިހާރަކަށް އައިސް ކަމަކަށް ބޭނުންވުމުން އެކަމަށް ކުރަންވީ ދުޢާ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުން އެނގެން އޮތްތޯ ބަލައިވެސް ނުލައި އަވަހަށް ދަނީ ކޮންމެވެސް މީހެއްގެ ގާތަށެވެ. ކުރަންވީ މޮޅު ދުޢާއެއް ހޯދުމަށެވެ.

ކީރިތި ޤްރްއާނާއި އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ ސުންނަތުން އެނގެން ހުރި ދުޢާތަކަށްވުރެ ފުރިހަމަ ދުޢާއެއް ބުނެދެވޭނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ. އެމީހަކު އުފަންވެފައެއްވެސް ނުވެއެވެ. ނުވެސް އުފަންވާނެއެވެ!

ކޮންމެ މީހަކީ ކީރިތި ޤްރްއާނާއި ސުންނަތުން ދުޢާ ހޯދަން ނުއެނގޭ މީހަކަށްވެދާނެއެވެ. އެފަދަ މީހާ، ޢިލްމުވެރިންގެ ކިބައިން އެދެންވީ އެމީހާގެ ޙާލަތާއި ގުޅުވައިގެން ކީރިތި ޤްރްއާނާއި ސުންނަތުން އެނގެން އޮތް ދުޢާއަކަށެވެ. ލޯބީގެ ލަވައެއްހެން މީހަކު ކިޔައިދޭ އެއްޗަކަށް ނޫނެވެ.

- މުފްތީ މެންކުގެ ދަރުސަކުން ‍-
މިއަދު އޮންލައިން