އެންމެ މުހިންމު ނަމާދަކީ ފަރުޟު ނަމާދެވެ. ފަރުޞު ނަމާދުގައި ކުރެވޭ ބައެއް ކުށްތަކަށް ކުށު ސަޖިދަ ޖަހަން މާތް ﷲ އަންގަވާފައި އެވަނީ ނަމާދުގައި މީހުންނަށް ކުށް ކުރެވޭނެތީއެވެ.
ކަށު ނަމާދުގައި ގުދުވުމެއް ނެތެވެ. ނަމަވެސް ބައެއް މީހުންނަށް ބައެއް ފަހަރު ދެވަނަ ތަކުބީރާއިއެކު ގުދުވެވެއެވެ. ޢާންމުކޮށް އެކަން އެގޮތަށް ދިމާވަނީ ކަންބޮޑުވެފައި ހުންނަވަރުން ފުރިހަމައަށް ނަމާދަށް ސަމާލުކަން ނުދެވޭތީއެވެ.
މީހަކަށް ނަމާދުގައި ކުރެވޭ ކުށްތައް ވީޑިއޯކޮށް ފުރައްސާރަކުރުމަކީ ފުރައްސާރަކުރާ މީހާއަށް ލިބޭނެ ވަރަށް ބޮޑު އަނިޔާއެކެވެ. އަދި ފުރައްސާރަ ކުރެވޭ، ނުވަތަ ކުރެވުނު، ނުވަތަ ފުރައްސާރަ ރައްދުވާ ފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ.
އެފަދަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހާމަކުރުމަށްފަހު އެ ބަލައި އެއިގެ ސަބަބުން އުފެދޭ ފުރައްސާރަކުރުމާ ފިތުނައިގެ ހުރިހާ ޒިންމާ ތަކެއް ވީޑިއޯ ލީ މީހަކަށް އުފުލަން ނުޖެހި ނުދާނެއެވެ. ހަމައެއާއިއެކު މަލާމާތާއި ފުރައްސާރަ ކުރެވުނު މީހާއަށް އެކަމުގެ ސަވާބާއި ދަރުމަ މާތް ﷲ ދެއްވަވާނެތެވެ. މިއީ އިތުރަށް ޝައްކުކުރަންޖެހޭ ކަންކަމެއް ނޫނެވެ. ކީރިތި ޤްރްއާނުން އެނގެންހުރި ކަންކަމެވެ.
ރޭގެ ކަށުނަމާދާއި ގުޅުވައިގެން ދައުރުކުރުވަމުން ގެންދާ ވީޑިއޯއަކީ ސިޔާސީ ވާދަވެރިކަމަކަށް ހަދަން އުޅުނު ނަމަވެސް އެއްވެސް ނަމާދެއްގައި ސިޔާސީ މަސްލަހަތެއް ނުއޮންނާނެއެވެ. ނަމާދާއި ގުޅިފައިވާ އެއްވެސް ކަމަކީ ސިޔާސީ ކަންކަމެއް ނޫނެވެ. ވީމާ ސިޔާސީ ފިތުނައިގެ ތެރެއިން ނަމާދާއި ގުޅުވައިގެން މިފަދަ ކަންކަން ކުރަން ބިރު ނުގަންނަ މީހާ ކުރަން ބިރުގަންނާނެ ކަމެއް މިދުނިޔޭގައި އޮންނާނެ ބާވައެވެ!
މިކަމާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދީނީ ޢިލްމުވެރިއަކު ވިދާޅުވީ ފައުޅުވެގެން މިދިއައީ ވަރަށް ބޮޑު ބިރުވެރި ކަމެއް ކަމަށާއި ނަމާދުގައި މީހަކަށް އިޚްތިޔާރުން ބޭރުން ކުރެވޭ ކަންކަން ދުނިޔެއަށް ހާމަކޮށް ފުރައްސާރަ ކުރުމަކީ ވަރަށް ބިރުހުރި ކަމެއް ކަމަށެވެ. މާތް ﷲ ގެ ކޯފާއަށް ބިރުވެތިވުން އިސްކުރުމަށް ގޮވާލައްވާ ކަމަށެވެ.