އަނިޔާވެރި ޙުކުމް ކުރުމުގެ ރަހަ ވަރަށް ހިތިވާނެ - ތިމާ އެދޭ ގޮތް ކާމިޔާބެއް ވެސް ނުކުރެވޭނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
އަނިޔާވެރި ޙުކުމް ކުރުމުގެ ރަހަ ވަރަށް ހިތިވާނެ - ތިމާ އެދޭ ގޮތް ކާމިޔާބެއް ވެސް ނުކުރެވޭނެ: މުފްތީ މެންކް
އަނިޔާވެރި ޙުކުމް ކުރުމުގެ ރަހަ ވަރަށް ހިތިވާނެއެވެ. އަނިޔާވެރިވެގެން އެއްވެސް ކަމެއް ކާމިޔާބެއްވެސް ނުކުރެވޭނެއެވެ. އަޅުވެތި ކުރުވި ވަރަކަށް ކަންކަން ދާނީ ގޯހަށެވެ.

މުސްލިމުން ބޭނުންވަނީ އިސްލާމް ދީން ވަރުގަދަކުރަންނަމަ އަދި ފަތުރަން ކަމަށްވާނަމަ އެންމެ ކުރިއަށް ނެރެންވީ މީސްތަކުންނަށް ރަޙުމް ކުރުމެވެ. އަދުލުވެރިވުމެވެ. އަމިއްލަ ޢާއިލާގެ ލޯތްބާއި ތާއީދު ހޯދުމަށް ނަމަވެސްމެއެވެ. ވެރިއަކު އޭނާއަށް ތާއީދު އިތުރުކުރުމަށް ނަމަވެސްމެއެވެ.

ރަނގަޅަށް ވިސްނައި ހަނދާންބަހައްޓާށެވެ! އެމީހާ އެދޭ ގޮތަށް މީހެއްގެ ވިސްނުން އަނބުރައިލުމަކީ އަނިޔާވެރިވެގެން ކުރެވޭނެ ކަމެއް ނޫނެވެ. ރަޙްމާއި ކުލުނުން ކުރެވޭނެ ކަމެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އިސްލާމް ދީން ފެތުރުވެވުމުގައި ވަނީ އެކަމުގެ ލާމަސީލު މިސާލު ދައްކަވައި ދެއްވަވައިފައެވެ.

ދެ ޚަޞްމުންގެ މެދުގައި ފައިޞަލާކޮށް ޙުކުމް ކުރުމުގެ ފުރުޞަތު މާތް ﷲ މިންވަރުކުރައްވަވަނީ އިމްތިޙާނަކަށެވެ. އެ ފުރުޞަތުގެ ބޭނުން ހިފާ ގޮތް ބެއްލެވުމަށެވެ. އަނިޔާވެރިވެއްޖެނަމަ ޓެސްޓުން އެކުގައި ފެއިލްވީއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ!" މާތްﷲ ވަހީ ކުރެއްވެވުމުން އަދި އެއަޑު އިވުމުން މީސްތަކުންގެ ހިތަށް ބިރުވެރިކަން ނުވަންނަ ނަމަ އެއީ މައްސަލައެކެވެ. އީމާންވެގެން ތިބި ބައަކަށް އެ އަޑު އިވުމާއިއެކު ޖަވާބަކަށް ވާންޖެހޭނީ "ޔާ ﷲ! އަޅަމެން މިތިބީ އީމާންވެގެންނެވެ. އަޅަމެންގެ މައްޗަށް އަމުރުފުޅު ކުރައްވަވަނީ ކޮން ކަމަކަށްތޯއެވެ؟ އަޅަމެން މިތިބީ އަމަލުކުރަން ތައްޔާރަށެވެ. ނޫން ނަމަ އީމާންކަން ފުރިހަމައެއް ނުވެއެވެ.

ނިކަން މާއިދާ ސޫރަތުގެ 8 ވަނަ އާޔަތް އަޑުއަހައިބަލާށެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ، އަދި އަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އެއީ ތިއަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހަދާށެވެ! ތިއަބައިމީހުން ޢަދުލްވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ޤާތްކަން ބޮޑެވެ. އަދި ތިއަބައި މީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިއަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އިންޞާފަށް، އަދުލުވެރިކަމާއިއެކު ޙުކުމްކުރަންޖެހެނީ ﷲ އަށްޓަކައެވެ. ތިބާ ޢަދުލަށް ޙުކުމް ކުރުމުން ތިބާ އާއި ޢާއިލާގެ، ނުވަތަ ސަރުކާރުގެ ބާރުހުރި މީހަކާއި ގުޅުން ކެނޑިދާނެއެވެ. ނަމަވެސް ބަލަންވީ އެކަމަކަށް ނޫނެވެ. ކަށަވަރުކުރަންޖެހޭނީ ޙުކުމް ކުރަނީ އަދުލަށް ކަމަށެވެ.

"ތިބާ މީހަކާ ނުރުހުމަކީ އެމީހާގެ މައްޗަށް އަނިޔާވެރިވާ ސަބަކަށް ހަދައިގެން ނުވާނެއެވެ." މިއީ ﷲ ގެ "އެންމެ ބާރުގަ" އެއް ވަޙީ ބަސްފުޅެވެ. ތިބާއާއި ހަނގުރާމަކޮށްފައިވާ މީހެއް ކަމަށްވީ ނަމަވެސް އެމީހާ ހުރީ ހައްޤުގައި ނަމަ ޙުކުމް ކުރަންޖެހޭނީ ޙައްޤަށެވެ. މުސްލިމަކާއި ކާފަރަކާއި ދެމެދު މައްސަލައެއް ޖެހިއްޖެ ހިނދެއްގައިވެސް ނުބައި ގޮތުގައި ހުރީ މުސްލިމް މީހާ ކަމަށްވާނަމަ އޭނާއަށް ރަނގަޅުވާ ގޮތަށް ޙުކުމް ކުރުމެއް ނެތެވެ.

ޙައްޤަށް ޙުކުމް ކުރުމަކީ ﷲ އަށްޓަކައި ކުރަންޖެހޭ ކަމެކެވެ. އެކަމުގައި ޒައްރެއްގެ މިންވަރަށް ނަމަވެސް އަނިޔާވެރިވެއްޖެނަމަ އެކަމުގެ ރަހަ އެމީހަކު ދެކޭނެތެވެ. މިއީ ބަރަކާތްތެރި ރަމަޟާން މަހެވެ. ރަޙްމަތުގެ މައްސަރެވެ. މާތް ﷲ އަންގަވަނީ މީސްތަކުންނަށް ރަޙުމް ކުރުމަށެވެ.

ތިމާގެ ގާތް މީހުންނަށާއި ތިމާގެ ވެރިންނަށް ނުވަތަ މުޖުތަމައުގެ ބޮޑުންނަށް ރަޙްކުރުމަކަށް ނޫނެވެ. ދުނިޔޭގެ އެންމެން ހިމެނޭ ގޮތުން އެންމެހައި މީސްތަކުންނަށް ރަޙުމް ކުރުމަށެވެ. ހުރިހާ ދީންތަކެއްގެ މީހުންވެސް ހިމެނޭ ގޮތުންނެވެ. ވީއިރު މި މާތް މައްސަރުގެ ހެޔޮކަމާއި ދަރުމައަށް މާތް ﷲ ގެ ޙަޟްރަތުން އެދޭ މީހާ އެހެން މީހުންނަށް ރަޙުމްކުރާކަށް ނުޖެހޭނެ ހެއްޔެވެ؟

މާއިދާ ސޫރަތަށް ބަލައިފިނަމަ އެ ސޫރަތް އަންގައިދެނީ އިންސާފުން ބޭރުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމެވެ. ކޮންމެ ކަމެއް ވެސް ކުރަންޖެހޭނީ ހަމަ އާއި އިންސާފުން ކަމެވެ. ދެ މީހެއްގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ ހައްލުކުރުމުގައި އެއްވެސް ކޮޅަކަށް ބުރަވެގެން ނުވާނެ ކަމަށެވެ. ބުނެ އިއްވަންޖެހޭނީ ޙައްޤު ބަސް ކަމެވެ.

ކަން މިހެން އޮތް ނަމަވެސް މިއަދު ކަންކަން ނިންމުމުގައި ބެލިފައި ހުންނަނީ ބަރާއި، ނުފޫޒާއި، ފައިސާ އާއި، މަޤާމުގެ ކުރިއެރުމާއި، ވެރިކަމުގެ ބާރުތަކާއި ވެރިކަމުގެ ސަބަބުން ލިބިދާނެ ކުރިއެރުމާއި މިފަދަ ކަންކަމަށެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން