ކައު އިތުރު ރަސޫލާ (ﷺ) އަށް ލޯބިކުރާކަމަށް ބުނާއިރު ރަސޫލާ (ﷺ) އެންމެ ބޮޑަށް ލޯބި ކުރެއްވެވީ ކޮން ކަމަކަށް ކަން އެނގެނީ ކިތައް މީހުންނަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކައު އިތުރު ރަސޫލާ (ﷺ) އަށް ލޯބިކުރާކަމަށް ބުނާއިރު ރަސޫލާ (ﷺ) އެންމެ ބޮޑަށް ލޯބި ކުރެއްވެވީ ކޮން ކަމަކަށް ކަން އެނގެނީ ކިތައް މީހުންނަށް؟
މުސްލިމުން ވާހަކަ ދައްކާއިރު އެންމެ ގިނައިން ބުނާ އެއްބަހަކީ އެމީހަކު ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލޯބިކުރާކަމުގެ ވާހަކައެވެ.

ދުނިޔަވީ ހަމަތަކުން ބެލި ނަމަވެސް މީހަކަށް ލޯބިކުރާނަމަ އެމީހާ އެންމެ ލޯބިކުރާ ކަންތައްތައް ދަސްކުރެއެވެ. އެކަންތައްތައް ކޮޕީވެސް ކުރެއެވެ. އެމިހާގެ އުޅުމާއި އެމިހާގެ ސިފަތައްވެސް ކޮޕީ ކުރެއެވެ. އަދި މިހާރަކަށް އައިސް އެމީހާ ލޯބިކުރާ ކުލަތައްވެސް ކޮޕީ ކުރެއެވެ.

މިއީ ހުރިހާ މުސްލިމުންނަށްވެސް އެނގޭނެ ކަމެކެވެ. އެހެން ކަމާއިއެކުވެސް ހަނދުމަކޮށްލައި ދޭނަމެވެ.

"ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އެންމެ ފަހުން ކުރެއްވެވީ ހުކުރު ވިލޭރެއެއްގެ މަޣްރިބް ނަމާދެވެ. އެހިސާބުން ހޭފުޅު ނެތުނީއެވެ."

ކޮންމެ މީހަކުވެސް ބަލި ޙާލު ބޮޑުވެ ހޭނެތިއްޖެނަމަ ހޭއެރުމުން ފުރަތަމަ ސުވާލުކުރާނީ އެމީހަކު އެންމެ ލޯބިކުރާ ކަމަކުންނެވެ. އެމީހަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކުންނެވެ. ހޭފުޅު ނެތި އޮންނެވުމަށްފަހު ހޭފުޅު އެރުމުން އިތުރު މާތް ނަބިއްޔާ (ﷺ) އެންމެ ފުރަތަމަ ވެސް ސުވާލުކުރެއްވެވީ މީސްތަކުން ނަމާދުކޮށްފިތޯއެވެ؟ އަދި ނުކުރާ ކަމަށާއި އިތުރު މާތް ނަބިއްޔާ (ﷺ) ގެ އިންތިޒާރުގައި މަޑުކޮށްގެން ތިބީ ކަމަށް ދެންނެވުމުން ވިދާޅުވީ ހަށިކޮޅަށް ފެން އުޅުއްވުމަށެވެ. މަސައްކަތްޕުޅު ކުރެއްވެވީ ނަމާދު ކުރެއްވެވުމަށް މިސްކިތްކޮޅަށް ވަޑައިގަތުމަށެވެ. ވަޑައި ނުގެންނެވުނީއެވެ.

އެގޮތަށް 3 ފަހަރު މަސައްކަތްޕުޅު ކުރެއްވެވުމަށްފަހުގައިވެސް ވަޑައިގެންނެވޭނެ ގޮތެއް ނުވުމުން އިމާމުވެ ނަމާދުކުރެއްވެވުމަށް އަބޫބަކުރުގެފާނަށް އެންގެވިއެވެ. ބުނެވޭގޮތުން ލޮބުވެތި ރަސޫލާ މުޙައްމަދު (ﷺ) ދުނިޔެ ދޫކުރެއްވެވުމާއި ހަމައަށް އަބޫބަކުރުގެފާނު މީސްތަކުންނާއިގެން އިމާމުވެވަޑައިގެން 17 ފަރުޟު ނަމާދު ކުރެއްވެވިއެވެ.

ފަރުޟު 5 ނަމާދުގައިވަނީ ވެސް 17 ރަކްއަތެވެ. މި ދެ ޢަދަދު އެބަ ދިމާވެއެވެ. ޙިކުމަތް މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.

ހޭފުޅު އަރާވަޑައިގަތުމުން ސުވާލުކުރެއްވެވީ އެންމެ ލޯބިފުޅުވެވަޑައިގަންނަވާ ޢައިޝާ (رضي الله عنه) އާއި ބެހޭ ގޮތަކުން ނޫނެވެ. ދަރިކަނބަލުން ފާޠިމަތުގެފާނާއިބެހޭ ގޮތަކުން ވެސް ނޫނެވެ. އަދި އެހެންވެސް ދުނިޔަވީ އެއްވެސް ކަމަކާއިގުޅޭ ގޮތަކުން ނޫނެވެ. ނަމާދާއި ބެހޭ ގޮތުންނެވެ.

މިއީ އެންމެންނަށް އެނގޭ ކަންކަމަށްވާއިރު އަދި އަހަރެން އެން ލޯބިކުރަނީ މާތް ﷲ އަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ކަމަށްބުނާއިރު ނަމާދުކުރުމަށް މިއަދު އަހަރެމެންނަށް މިދެވެނީ ކިހައިވަރެއްގެ ސަމާލުކަމެއް ހެއްޔެވެ؟ ނަމާދުކުރުމަށް ދޭންޖެހޭ ސަމާލުކަން ދެވެނީ ކިހައިވަރަކަށްބާވައެވެ؟ ކިތައް މީހުންނަށް ހެއްޔެވެ؟

މިއީ ހަމައެކަނި އަހަރެން ތިއަބައިމީހުންނާއި ކުރާ ސުވާލުތަކަކަށް ހަދައިގެން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތެވެ. ކުރިއެރުމެއް ލިބޭނީ ތިއަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ނަފުސާއި މިސުވާލުތައް ކޮށްގެންނެވެ. އެންމެ މުހިންމީ ނަމާދަށް ދޭންޖެހޭ ސަމާލުކަން ތިމާއަށް ދެވޭތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްގެންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން