ދެބަނޑަށް ކައިގެން އަޅުކަމެއް ނުކުރެވޭނެ! ރަމަޟާން މަހުގެ ސަވާބާ ދަރުމަ ބޭނުން ނަމަ ޖެހޭނީ ކެއިން ބުއިން މަދުކުރަން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ދެބަނޑަށް ކައިގެން އަޅުކަމެއް ނުކުރެވޭނެ! ރަމަޟާން މަހުގެ ސަވާބާ ދަރުމަ ބޭނުން ނަމަ ޖެހޭނީ ކެއިން ބުއިން މަދުކުރަން: މުފްތީ މެންކް
ބައެއް މީހުންނަށް މިވާ ގޮތަކީ ރޯދަ ވީއްލުމާއިއެކު ފަށައިގަނެވެނީ ކެއުމުގެ ފެސްޓިވަލަކަށެވެ. ރޯދަ ވީއްލައި ނިމޭއިރު މަޣްރިބް ނަމާދުކުރަން ވެސް ހުންނަނީ ލޮޑުވެފައެވެ. މަޣްރިބް ނަމާދުކޮށްގެން ރޯދަ ވީއްލައިފިނަމަ ބަރުހެލިކަމުން ޢިޝާ ނަމާދަށް ދެވެނީ ވެސް ފުރޮޅެމުންނެވެ.

ތަރާވީސް ނަމާދުގެ ފުރަތަމަ 2 ރަކްއަތް ނުވަތަ 4 ރަކްއަތަށްފަހު ޖާނުން ވަރުގަދަ ބައެއް މީހުން ޖަމާއަތް ދޫކޮށްލާފައި އެ ފިލަނީ ހަމަ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމަކުންނެވެ. ކަންނެތް ކަމަކުންނެވެ. ލޮޑު ކަމާއި ކަންނެތްކަން ލިބެނީ ހަމަ ކެވޭ ވަރުންނެވެ.

ހާރު ކައިގެން ކުރުއަތްމައްޗަށް ސޯފާގައި އޮށޯވެލަނީ ފަތިސް ނަމާދަށް ދިއުމުގެ އުންމީދުގައެވެ. ނަމަވެސް ގިނައިން ކެއުމަކީ ހަށިގަނޑަށް ބަރުހެލިކަން ލިބުމާއިއެކު ނިދިވެސް ގަދައަށް އަންނަ ކަމަކަށްވާތީ ފަތިސް ނަމާދުގެ ކުރިން އޮންނަނީ ނިދިފައެވެ. ދުވަހުގެ އެންމެ މުހިންމު ފެށުން ކަމަށްވާ ފަތިސް ނަމާދު ވެސް ގެއްލިގެން އެދިއައީ އެވެ.

ޢާންމު މަސްތަކަށް ބެލި ނަމަވެސް ގިނައިން ކައިބޮއި ހަދާ މީހުން ތިބޭނީ އަބަދުވެސް ލޮޑުވެ ކަންނެތް ވެފައެވެ. ކާންޖެހޭނެ މިންގަނޑުތައް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށްދެއްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. ކާންޖެހޭނީ ގޮހޮރުގެ 3/1 އަށް ކަމަށާއި ފެންބޯން ޖެހޭނީ ވެސް 3/1 އަށް ކަމަށާއި ބާކީ 3/1 ބައި ބަހައްޓަންޖެހޭނީ ނޭވާލުމަށްޓަކައި ކަމަށް ބަޔާން ކުރައްވަވާފައިވާ ފޯމިޔުލާއަކީ ދުނިޔޭގެ ހުރިހާ ޑޮކްޓަރުންވެސް މިއަދު ބަލައިގެންފައިވާ ފޯމިޔުލާއެކެވެ.

ކެއުން މަދުކުރާށެވެ. ލިބުނުވަރަކުން ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރާށެވެ. ތާޒާ ތަކެތި ބޭނުންކުރާށެވެ. ފާޑުފާޑުގެ އުފެއްދުންތައް ބޭނުން ނުކުރާށެވެ. އެތަކެތި އުފައްދާފައިވަނީ ގިނައިން ކާހިތް ކުރުވާނެ މާއްދާތަކާއެކު އަދި ހަށިގަނޑަށް ގެއްލުންދޭނެ މާއްދާތަކާއިއެކުގައެވެ.

ބައެއް މީހުން ހީކުރަނީ ހަކަތަ ގިނައިން ލިބޭނީ ގިނައިން ކޭވަރަކުން ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ގިނައިން ކޭވަރަކަށް ހަށިގަނޑުން ހަކަތަ ހުސްވުން ވާނެއެވެ. ގިނައިން ކޭވަރަކަށް ބަނޑުހައިވުން އަވަސްވާނެއެވެ. މިއީ ރޯދައިގައި ހިމެނޭ މުހިންމު "ސިއްރު" ތަކުގެ ތެރެރެއިން ހިމެނޭ ކަންކަމެވެ.

ކަދުރާއި ފެނާއި ޕާންކޮޅަކާއި ޔޯގަރޓް ފަދަ ތަކެތި ބޭނުންކުރާށެވެ. ވީހައި ލުއި ކެއުމެއް ކާށެވެ. "މި ޕައީ، އެ ޕައި، މި ސަމޯސާ، އެސަމޯސާ" ޚާއްޞަކޮށް ތެލުލި އެއްޗިއްސާއި ދުރުހެލިވާށެވެ. ރަސޫލާ (ޞޢވ) ގެ ސުންނަތުން އެނގެން ހުރި ތަކެތި ކައިބޮއި ހަދާށެވެ.

ނަމާދަށް ސަފުގައި ހުންނައިރު ދެ ސަފުގެ މެދާއި ހަމައަށް ހުންނަވަރުގެ ބަނޑުތައް މިލަނީ ހަމަ ކައި ބޮއި ހެދޭތަކެއްޗާއި ކައި ބޮއި ހެދޭ އަދަދުގެ ސަބަބުންނެވެ. ރަނގަޅަށް ޙަރަމް ނުބަނދެވިގެން މިއުޅެނީވެސް ހަމަ އެހެންވެގެންނެވެ. ނަމާދަށް ހުންނައިރު އެހައި ގިނައިން ވައި ބޭރުވެ ކާތަކެތީގެ ވަސް މިސްކިތުގައި ހިފަނީވެސް ހަމަ އެހެންވެގެންނެވެ. އެފަދަ ދެ ތިން މީހަކު ސަފެއްގައި ތިބެއްޖެ ނަމަ އެހެން މީހުންނަށް އޮންނާނީ ނަމާދުކުރަންވެސް އުނދަގޫވާވަރުވެފައެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން