ރަމަޟާން މަސް ފެށި 8 ދުވަސް ފާއިތުވީއެވެ. ފުރަތަމަ 10 ދުވަސް ވަކިވެގެންދާން ދެން އޮތީ އެންމެ 2 ދުވަހެވެ. ރަމަޟާން މަހު ކުރަން ނިންމައިގެންހުރި ކަންކަމުގެ ތެރެއިން ހާޞިލުކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
ރަމަޟާން މަހަށްޓަކައި ޕްލޭނެއް ތައްޔާރުކުރަން ކުރިންވެސް ނަޞޭޙަތްތެރިވީމެވެ. އެއީ ޕްލޭނެއް ނެތި އެއްވެސް ކަމެއް ރަނގަޅު ގޮތުގައި ކާމިޔާބުނުކުރެވޭނެތީއެވެ. ރަމަޟާން މަހުގެ 8 ދުވަސް ފާއިތުވެގެން ދިއައިރު އެމީހަކަށް ހާޞިލުކުރެވުނު މިންވަރެއް އެނގޭނީ އެމީހަކަށެވެ.
ކީރިތި ޤްރްއާން، މުޞްޙަފްގައި ވަނީ 604 ޞަފްހާއެވެ. ޚަތިމް ކުރަން ބޭނުންނަމަ، މަހުގެ 30 ދުވަހަށް ބަހާލައިފިނަމަ މަދުވެގެން ދުވާލަކު 20 ޞަފްޙާ ކިޔަވަން އެބަޖެހެއެވެ. 29 ދުވަސް ކަމަށްވެދާނެ ކަމަށް ބަލައިގެން ބަހާލައިފިނަމަ ދުވާލަކު 21 ޞަފްޙާ ކިޔަވަން އެބަ ޖެހެއެވެ. ބުއްދިވެރި ގޮތަކީ 29 ދުވަސް ކަމަށް ބަލައި 21 ޞަފްޙާ ކިޔަވަމުން ދިއުމެވެ.
މި އުޞޫލުން ބަލައިފިނަމަ 8 ދުވަސް ފާއިތުވިއިރު 168 ޞަފްޙާ މިހާރު އޮންނަންވާނީ ކިޔެވިފައެވެ. ތިބާއަށް ކިޔެވުނީ ކިތައް ޞަފްޙާ ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުވަހު ތާވަލު ރާވައި ފުރިހަމައަށް އަމަލުކުރަމުން ގެންދާށެވެ! އަޅުކަމަށް ޚާއްޞަކުރާ ވަގުތުން ހަމަ އެންމެ މިނިޓެއްވެސް އުނި ނުކުރާށެވެ. އުނިކުރަންޖެހޭނަމަ އެހެން ކަންކަމުގެ ވަގުތުން އުނިކުރާށެވެ. އެހެނީ މި 30 ނުވަތަ 29 ދުވަސް ފާއިތުވުމުން އެ ދުވަސްތައް އަނބުރައި ހޯދޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެތީއެވެ.
ހާރު ކެއުމުން ފެށިގެން އިރުއަރަންދެން އަޅުކަމުގައި ހޭދަކުރުން ދޫކޮށްނުލާށެވެ. އެއީ ޢާންމު ގޮތެއްގައި ކޮންމެ މީހަކަށްވެސް އެންމެ ފަސޭހަވާނެ ވަގުތެވެ. ކަންކަމުގައި މީހުން އެންމެ މަދުން ފޯނުކުރާނެ ވަގުތެވެ. ބާޒާރަށާއި އޮފީހަށްވެސް ދާން ނުޖެހޭނެ ވަގުތެވެ.
3:30 ގައި ހާރުކާށެވެ. ލަސްވެގެން 4 ޖަހާއިރު އަޅުކަމަށް ފަށާށެވެ. އެއިރުން ވަރަށް ފަސޭހަކަމާއިއެކު އަޅުކަމުގައި 2 ގަޑިއިރު ހޭދަކުރެވޭނެއެވެ. އެ ވަގުތުގެ ތެރެއިން ފަތިސް ނަމާދުވެސް އޮންނާނީ ކުރެވިފައެވެ.
މިބުނެދިނީވެސް ކަންކަން ކުރެވިދާނެ ގޮތެކެވެ. އެކި ޤައުމުތަކުގައި ކަންކަން ކުރެވެން އޮންނަ ގޮތް ތަފާތުވެދާނެއެވެ. އަދި އެކި މީހުންނަށް ކަންކަން ކުރެވެން އޮންނަ ގޮތްވެސް ތަފާތުވެދާނެއެވެ. މުހިންމީ އެމީހަކަށް އެންމެ ފަސޭހައިން ކަންކަން ކުރެވޭނެ ގޮތަކަށް ކަންކަން ތާވަލުކޮށްލުމެވެ. އަދި އެތާވަލަށް އަމަލުކުރުމެވެ. ކޮންމެ ގޮތެއްވީނަމަވެސް ހެޔޮ އަމަލުތައް ކުރުން ވީހައި ގިނަކުރަން އެބަޖެހެއެވެ. ރަމަޟާން މަސް ނިމިގެންދާއިރު ފާފަތައް ފޮހެވުނު މީހުންގެ ލިސްޓަށް އަރަން އެބަޖެހެއެވެ. ނޫންނަމަ އެމީހަކީ ގެއްލެނިވެގެންވާ މީހެއްކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -