މާތް ﷲ އެންގެވި ގޮތަށް އަމަލުކުރާ މީހާ އާއިއެކުގައި މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް އަބަދުވެސް ދާނީ ފެންނަމުން.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މާތް ﷲ އެންގެވި ގޮތަށް އަމަލުކުރާ މީހާ އާއިއެކުގައި މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް އަބަދުވެސް ދާނީ ފެންނަމުން.
"ތިމަން ﷲ އާއި ބެހޭގޮތުން މީސްތަކުން ސުވާލުކޮށްފިނަމަ ވިދާޅުވާށެވެ. ތިއަބައިމީހުންނާއިއެކު ތިމަން ﷲ ވޮޑިގެންވަމެވެ." މިއީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ.

ނިކަން ވިސްނައިލަބަލާށެވެ! ދަރިން ނިދިން ހޭލެވުމާއިއެކު މަންމަ ހޯދަން ފަށައެވެ. ޚާއްޞަކޮށް ނިދީގައި ބިރުގަތުން ފަދަ ކަމެއް މެދުވެރިވެގެން ހޭލެވިއްޖެނަމައެވެ. އެހެން ހާލަތްތަކުގައިވެސް މަންމަ ހޯދައެވެ. ހަމަ ހޯދަން ފަށާއިރަށް މަންމަ ބުނާނެއެވެ. ދަރިފުޅާއެވެ. ކަންބޮޑުނުވާށެވެ! މަންމަ މިހިރީއެވެ! ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟

މާތް ﷲ ގެ މިބަސްފުޅުން އެނގެނީ ހަމަ އެއްކަމެއް ނޫންހެއްޔެވެ؟ އަހަރެމެންނަށް ކޮންމެ ކަމެއް މެދުވެރިވެގެން ކަންބޮޑުވި ނަމަވެސް މާތް ﷲ އަހަރެމެންނާއިއެކު ވޮޑިގެންވާކަން ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު ކަމެއް ބޮޑުވެގެން ނުވަތަ ކަމަކަށް އެދި އިތުރު އެއްވެސް ފަރާތެއް ހޯދަން އަހަރެމެން އުޅެންޖެހޭ ހެއްޔެވެ؟

ލޮބުވެތި މުސްލިމުންނޭވެ! އަހަރެމެން ކަމަކާއިމެދު ކަންބޮޑުވެގެން ނުވަތަ ނުތަތަ ކަމަކަށް އެދިގެން މިކުރާ ކަމަކީ މާތް ﷲ އަށް ދުޢާކުރުމެވެ. ދުޢާކުރުމަކީ ސީދާ މާތް ﷲ އާއި ކުރެވޭ މުޢާމަލާތެކެވެ. އިތުރު އެއްވެސް ފަރާތެއް ބައިވެރިކުރާކަށް ނުޖެހެއެވެ. އިތުރު އެއްވެސް މެދުވެރިއަކަށް ބޭނުމެއްވެސް ނުވެއެވެ. އަހަރެމެންގެ ދުޢާ އާއި މާތް ﷲ އާއި ދެމެދަށް ވަނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

އެހެންކަމަށްވާއިރު މާތް ﷲ އަށް ދުޢާކުރާއިރު ތިބާއަށް އެހުރެވެނީ މާތް ﷲ ގެ ކުރިފުޅުމަތީގައެވެ. މާތް ﷲ ގެ ކުރިފުޅުމަތީގައި ތިބާ ހުންނާނީ ސާފުޠާހިރު ކަމާއިއެކު ހެއްޔެވެ؟ މާނައަކީ ފުރިހަމައަށް ތައުބާވެގެން ހެއްޔެވެ؟ ނޫނީ ފާފަތައް ހިފައިގެންހެއްޔެވެ؟

ދުނިޔަވީ މިސާލެއް ބުނެދެން ހެއްޔެވެ؟ މީހެއްގެ ގާތަށް ކަމަކު ދާއިރު ދާނީ އެމީހަކު ރުޅިއަންނަ ކަންކަން ކުރަމުން ހެއްޔެވެ؟ އެމީހާ އެންމެ ރުޅި އަންނަ ސިފައިގައި ހުރެ ހެއްޔެވެ؟ އެމީހާގެ އަމުރުތައް ބޮލާލައި ޖަހައި ކަންކަން ހިތުހުރި ގޮތަކަށް ކުރަމުން ހެއްޔެވެ؟

މި މިސާލުން އިބްރަތް ޙާޞިލުކުރާށެވެ! އެންމެ ފުރަތަމަ ފަރުޟު ކަންކަން ފުރިހަމަކުރާށެވެ! އެއަށްފަހު އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރަން މަސައްކަތްކުރާށެވެ! ދިރިއުޅުމުގެ ހުރިހާ ކަންކަން މާތް ﷲ އެންގެވި ގޮތުގައި ބަހައްޓާށެވެ!

އެގޮތުގައި ހުރެ ދުޢާކުރާށެވެ! އެގޮތުގައި ދުޢާ ކުރާނަމަ އެމީހާ އެދޭ ކަންކަން ދާނީ ފުރިހަމަވަމުންނެވެ. ތިމާ އާއިއެކު މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ދާނީ ފެންނަމުންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން