ކައްވަޅަށް އަލިކުރުމަކީ ދުނިޔޭގައި ހިންގާ އެއްވެސް ޖެނެރޭޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިސާލަކަށް މަހާނައެއް ކޮނެފަ އެތަނަށް އަލިކުރެވިދާނެއެވެ. ނަމަވެސް އެކަމަކުން ކައްވަޅުގައި އޮތް މައްޔިތާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
އެކަން އެނގެނީ ކިހިނެއްތޯ ވެސް ބައެއް މީހުން އެބަ ސުވާލުކުރެއެވެ. އެކަމުގެ ހެކި ވެސް ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. މިސާލަކަށް ފަސްގަނޑު ކޮންނަމުންދާއިރު އެތައް ފަހަރަކު މައްޔިތުންގެ ކަށިތައް އެބަ ފެނެއެވެ. އަދި މަހާނަ ކޮނެގެން ވެސް އެބަ ކަށިތައް ނަގައެވެ.
މިއިން އެއްވެސް ޙާލަތެއްގައި ކައްވަޅުގައި އެއްވެސް ކަމެއް ހިނގާތަން ފެނޭހެއްޔެވެ؟ އެއްވެސް މައްޔިތަކަށް ޘަވާބު ނޫނީ އަޒާބު ލިބެމުންދާތަން ފެނުނު ހެއްޔެވެ؟ ނުފެންނާނެ އެވެ. ނަމަވެސް ނުލަފާ ބައެއް މީހުންގެ ކައްވަޅުން އާދައާ ޚިލާފު ހަރުފަ. ބިޗޫ ފަދަ ތަކެތި ފެނުން ފަދަ ބިރުވެރި ކަންކަން ފެނިފައި އެބަހުއްޓެވެ.
ކޮންމެއަކަސް ކައްވަޅު އަލިކުރަން ބޭނުންނަމަ ޖެހޭނީ ކައްވަޅު އަލިކޮށްދޭ ވޮށް ދިއްލާށެވެ. ކޮންމެ މީހަކަށްވެސް މާތް ﷲ ވަނީ ވޮށެއް ދެއްވަވައިފައެވެ. އަޅަންޖެހޭ ތެލަކީ ކޮބައިކަންވެސް ވަނީ އަންގަވައިދެއްވަވައިފައެވެ. މީސްތަކުންނާއި ހަވާލުކުރައްވަވާފައި ވަނީ ހަމަ އެކަނި ތެޔޮ އަޅައި އަލި ގަދަކުރުވުމެވެ.
އެ ވޮށުގެ ތެލަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ނަމާދެވެ. އެހެންކަމުން ކައްވަޅު އަލިކުރަން އެދޭމީހާއަށް އޮތީ ވީހައި ގިނައިން ނަމާދުކުރުމެވެ. ފަރުޟު ނަމާދެއް ނުއަޅައި ބަރާބަރަށް ނަމާދުކުރުމެވެ. ވޮށުގެ އަލި އިތުރަށް ގަދަކުރަން ބޭނުން މީހާއަށް އޮތީ ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރުމެވެ.
ކައްވަޅުގައި ދިއްލަން މާތް ﷲ ދެއްވެވި ވޮށް ދިއްލުމާއި އަލިގަދަ ކުރުމުގެ ހުރިހާ އިޚްތިޔާރުތަކެއް އޮތީ ހަމަ ތިބާގެ އަމިއްލަ އަތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -