މާތް ﷲ އާއި ބައްދަލުކުރަން ޖެހޭނެކަން ޤަބޫލުކުރާ މީހާއަށް ސުވަރުގެ ލިބޭނެ - ޝައިޚް ޔޫސުފް ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މާތް ﷲ އާއި ބައްދަލުކުރަން ޖެހޭނެކަން ޤަބޫލުކުރާ މީހާއަށް ސުވަރުގެ ލިބޭނެ - ޝައިޚް ޔޫސުފް ޙުސައިން
މާތް ﷲ ގެ ޙަޟްރަތާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާއަށް ސުވަރުގެ ލިބޭނެއެވެ. އެކަން އެނގިގެންދަނީ ސުވަރުގެ ލިބޭނެ ދެ މީހުން ކަމަށް އެނގެން އޮތް 2 މީހުންގެ ތެރޭގައި މާތް ﷲ ގެ ޙަޟްރަތާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާ ހިމެނިފައިވާތީއެވެ. ދެވަނަ މީހާއަކީ ހަވާނަފުސަށް ބޯ ނުލަނބައި ނަފްސް ކޮންޓްރޯލްކުރާ މީހާއެވެ.

މާތް ﷲ އާއި ބައްދަލުކުރަންޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ފުރަތަމަ ސިފައަކީ މާތް ﷲ އަށް ބިރުވެތިވުމެވެ. މާތް ﷲ އަށް ބިރުވެތިވާ މީހާ ތެދުވެރިވާނެއެވެ. ތެދުވެރިއަކު ކޮންމެ ކަމެއްގައިވެސް ބުނާނީ ޙައްޤު ތެދުބަހެވެ. އަމަލުކުރާނީ ޙައްޤަށެވެ. މާތް ﷲ އެންގެވި ގޮތަށެވެ.

ތެދުވެރިކަމުގެ އިދިކޮޅަކީ ދޮގުވެރިކަމާއި މަކަރުވެރި ކަމެވެ. އަނިޔާވެރިކަމެވެ. މިސިފަތަކަކީ މީހާ ނަރަކައާއި ދިމާއަށް ދަމައި ގެންދާ ސިފަތަކެވެ.

މިސަބަބަށްޓަކައި މާތް ﷲ އަށް ބިރުވެތިވާ މީހާ އަށް ބަލައިފިނަމަ އެފަދަ މީހެއްގެ އެކުވެރިންގެ ގޮތުގައި ގެންގުޅޭނީ ވެސް އޭނާ ފަދަ މީހުންނެވެ. އަނިޔާވެރިންނާއި ދޮގުވެރިންނާއި މަކަރުވެރިންނެއް ނުގެންގުޅޭނެއެވެ.

ހަމަ އެއާއިއެކު ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ "ތިއަބައި މީހުން މާތް ﷲ އަށް ބިރުވެތިވުމަށާއި ތެދުވެރިންނާއިއެކު ވުމަށް" މާތް ﷲ ވަޙީކުރައްވަވާފައިވާ ބަސްފުޅެވެ. މި ބަސްފުޅަށް ބަލައިފިނަމަ އަޅުގަނޑުމެން ގުޅިގެން އުޅެންވީ ކޮން ބައަކާއިއެކުގައިކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ. ސުވަރުގެ ހޯދުމަށް އެދޭނަމަ އޮތީ މާތް ﷲ އެންގެވި ގޮތުގައި ސާބިތުވެ ދެމިތިބުމެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް ޔޫސުފް ޙުސައިން ދެއްވި ދަރުސުން
މިއަދު އޮންލައިން