އިޚްލާޞްތެރިކަމާއެކު ރޯދަ ހިފޭކަން އެނގޭނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
އިޚްލާޞްތެރިކަމާއެކު ރޯދަ ހިފޭކަން އެނގޭނީ ކިހިނެއް؟
ރަމަޟާން މަސް ފެށުމާއިއެކު އަހަރެމެން ދުވާލުގެ ވަގުތުތަކުގައި ނުކައި ތިބެން ފަށަމުއެވެ. ރޯދަ ހިފުމަށް ނިޔަތް ގަނެގެންނެވެ. ނަމަވެސް ރޯދައެއް ހިފޭކަން އެނގޭހެއްޔެވެ؟ ރޯދައެއް ހިފޭކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ޝައްކެއް ނެތެވެ. ރޯދަވެރިޔާގެ ރޯދަ އާއި އެހެން އަމަލުތައް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އެކަން އެހެން އެއްވެސް ފަރާތަކަށް ނުއެނގޭނެއެވެ.

އެހެންކަމާއިއެކުވެސް ރޯދަ ހިފަންޖެހޭ ގޮތުގައި ރޯދަ ހިފަމުން ގެންދެވޭނަމަ އެކަމުގެ އިޙްޞާޞްތަކެއް ތިބާއަށް ވެސް ކުރާނެއެވެ. އެކަން ތިބާއަށްވެސް އެނގެމުންދާނެއެވެ. މިކަމުގައި އިންސާނުން ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު ރޯދަ ރޯދައިގެ ގޮތުގައި ހިފެމުންދާނަމަ އަމިއްލަ ހަށިގަނޑަށް އެކަން އިޙްޞާޞްކުރެވޭނެއެވެ. ހިތްހަމަޖެހުން ލިބޭނެއެވެ. ކުރީ ދުވަހު ކުރި އަޅުކަންތައްތަކަށްވުރެ ގިނަ އަޅުކަން ކުރަން އަމިއްލައަށް ޝައުޤުވެރިވެވޭނެއެވެ.

އެއިގެ ބަދަލުގައި ރަމަޟާން މަސް ނިމޭނެ ދުވަސް ބަލަމުން ފާއިތުވާ ދުވަސްތައް ބެލުމަށްޓަކައި ކަލަންޑަރުގައި ފާހަގަލަމުން ދެވޭނަމަ އެމީހާއަށް އެދަނީ ރޯދަ ހިފެމުން ކަމަށް ބުނާކަށް ނެތީމެވެ. އެހެނީ ހެޔޮ ނިޔަތުގައި ރޯދަ ހިފާ މީހާ، ރަމަޟާން މަސް ނިމެން ބޭނުމެއް ނުވާނެއެވެ. ރަމަޟާން މަސް ވަކިވެގެންދާތީ އެކަމާއިމެދު ހިތާމަކުރާނެއެވެ. އެހެންކަމުން ކޮންމެ ރޯދައެއް ވީއްލުމަށްފަހު އެމީހާ އެކަމަށް ކުރާނީ އުފަލެއް ނޫނެވެ. ރަމަޟާން މަސް ނިމުން ގާތްވަމުން އަންނާތީ ކުރާނީ ހިތާމައެވެ. މިއީ އިތުރު ޞަހާބީން އަމަލުފުޅު ކުރެއްވެވި ގޮތެވެ. ހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ.

ދެން ނިކަން ބުނެބަލާށެވެ. ރަމަޟާން މަހުން 9 ދުވަސް ފާއިތުވެގެން ދިއައިރު ތިބާއަށް ކުރެވުނީ ކޮންކަހަލަ އިޙްޞާޞްތަކެއް ހެއްޔެވެ؟

މާދަމާ މިހިފަނީ 10 ވަނަ ރޯދައެވެ. މާދަމާގެ ރޯދައާއިއެކު ރަމަޟާން މަހުގެ ފުރަތަ 10 ދުވަސް އަހަރެމެންނާއި ވަކިވެގެން ދާނެއެވެ. ރަޙްމަތުން ފުރިގެންވާ 10 ދުވަސް ފާއިތުވެގެންދާއިރު ތިބާއަށް މާތް ﷲ ރަޙްމަތް ލެއްވެވުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ހެއްޔެވެ؟

ކަމެއް ހާޞިލުވާނެ ކަމަށް އުންމީދުކުރަންވާނީ އެކަށީގެންވާ ވަރަށް އެކަމެއް ހާޞިލުކުރުމަށް މަސައްކަތްކުރުމަށްފަހުގައި ނޫންހެއްޔެވެ؟ ފިލާވަޅު ދަސްނުކޮށް ހޯމްވޯކް ނުހަދައި އިމްތިޙާނުން ފާސްވޭ ހެއްޔެވެ؟ އިމްތިހާނުން ފާސްނުވެ ފާސްވިކަމުގެ ސެޓުފިކެޓް ލިބޭ ހެއްޔެވެ؟

މިދުނިޔޭގައި ބައެއް މީހުން ފައިސާދީފައި ސެޓުފިކެޓް އެބަ ގަނެލައެވެ. ނަމަވެސް ޤިޔާމަތް ދުވަހަކީ އެއްވެސް މީހެއްގެ އަތުގައި މިކިޔާ އެއްވެސް ފައިސާއެއް ހުންނަ ދުވަހެއް ނޫނެވެ. އެދުވަހު ތިމާއަށް ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ހުރިހާވެސް "ފައިސާ" އަކީ އެމީހާ މިދުނިޔޭގައި ހުރެ ކުޅަ ހެޔޮ އަމަލެކެވެ. ނުބައި އަމަލުތައް ވެގެންދާނީ ބޮޑު ދަރަންޏަކަށެވެ. ނުބައި އަމަލުތައް ގިނަވެއްޖެނަމަ އެ ދަރަނިން ސަލާމަތެއް ނުވެވޭނެއެވެ. އެފަދަ ދަރަނިވެރިންނަށް ހުރިތަނަކީ ނަރަކައެވެ.

ރަމަޟާން މަހަކީ އާޚިރަތް ދުވަހު ބޭނުން ހިފޭނެ، ތިބާއަށް ފައިދާކުރާނެ "ފައިސާ" ތައް އެކައުންޓަށް ޖަމާކޮށްލަން ލިބޭ އެންމެ އަގުހުރި ފުރުޞަތެވެ. ބުއްދިވެރިއަކީ އެމީހާގެ އެކައުންޓުތައް އެންމެ ބޮޑަށް މުއްސަނދިކޮށްލެވޭ މީހާއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން