ދީނީ ބައެއް ސުވާލާއި ޖަވާބު

ކިޔުމަށް ހޭދަވާނީ 1މ 58ސ
ދީނީ ބައެއް ސުވާލާއި ޖަވާބު
މިއީ އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ސުވާލާއި އޭގެ ޖަވާބެވެ. މިސުވާލުތަކަށް ޖަވާބު ދެއްވީ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޛް އަބްދުއްލަތީފް އެވެ.

ސ. ރަށަށް ބަންގި ގޮވަނީ މާލެއިން ބަންގި ގޮވާތާ ތިން މިނެޓު ފަހުންނެވެ. މާލެއިން ބަންގި ގޮވާފަހުން ވެސް ފެން ބޮވިދާނެ (ރޯދަ ވީއްލިދާނެ) ތޯ އަދި އިމްސާކު ވަގުތުގެ ފަހުން ކެއުމާއި ބުއިން ހުއްދަ ވާނެތޯ؟
ޖ. އެމީހަކު ހުރި ރަށަކަށް ފަޖްރުލާ ހިސާބުން ކެއުމާއި ބުއިން ހުއްޓާލާނީއެވެ. އަދި އެމީހަކު ހުރި ރަށަކަށް އިރުއޮއްސޭ ހިސާބުން ރޯދަ ވީއްލާނީއެވެ.

ސ. ފިރިމީހާ އަނބިމީހާ ވަޒީފާއަށް ފޮނުވައިގެން އަނބިމީހާ ހޯދާ ފައިސާ، އަނބިމީހާގެ ހުއްދަ ނެތި ފިރިމީހާއަށް ބޭނުން ކުރެވިދާނެތޯ؟
ޖ. ނޫނެކެވެ. އެއީ އަނބިމީހާގެ މިލްކެކެވެ.

ސ. މަންމައާއި ބައްޕަ ވަރިވެފައި ތިބޭ އަންހެން ކުދިންގެ ވަލީވެރިއަކަށް ވާނީ ހަމަ ބައްޕަތޯ؟ މިނޫން އިތުރު ގޮތެއް އޮވޭތޯ؟
ޖ. ބައްޕަ ދުނިޔޭގައި ހުރިހާ ހިނދަކު ވަލީވެރިޔަކަށް ވާނީ ބައްޕައެވެ.

ސ. ތަރާވީސް ނަމާދު ގޭގައި ކުރާއިރު ދިގުކޮށް ކިޔެވުމަށްޓަކައި، ހަތިމް ކުރިމަތީ ނޫނީ އަރިމަތީ މޭޒެއް ކަހަލަ އެއްޗެއްގައި ބާއްވައިގެން، ބަލައިގެން ކިޔެވުން ރަނގަޅު ވާނެތޯ؟ އެއިރަށް އެބެލެނީ ނިތްކުރި ޖަހާތަނަށް ނޫން ވީމަ..
ޖ. ރަނގަޅު ވާނެއެވެ.

ސ. ތަރާވީސް ނަމާދު ޚަތިމަށް ކުރާއިރު މައުމޫމަކު ނުވަތަ އިގްތިދާ ވެގެން ތިބި މީހަކަށް މުސްހަފް ބަލައިގެން ހުރެވިދާނެތޯ؟
ޖ. ޚަތިމް ހިފައިގެން ހުންނާނީ ހަމައެކަނި އިމާމް މީހާ ކުށެއް ކީމަ ރަނގަޅު ކޮށްދޭން ހުންނަ މީހާއެވެ. އިތުރު މީހުން ޚަތިމް ބަލައިގެން ނުވާނެއެވެ.

ސ. ރޯދަ މަހު އަމިއްލައަށް އެދުންފުއްދާ މީހާގެ ރޯދާ ހިފަން ކިހިނެއްތޯ ހަދާނީ؟
ޖ. ރޯދައަށް ހުރެ އެފަދަ ކަމެއް ކޮށްފިނަމަ ރޯދަ ބާތިލުވާނެއެވެ. އެހެން ދުވަހަކުން އެރޯދަ ހިފަން ޖެހޭނެއެވެ. އަދި ތައުބާވާން ޖެހޭނެއެވެ.

ސ. ކަކުލު ހުޅުގައި ރިއްސާތީ ދެ ސަޖިދަ ދެމެދު އަދި އައްތަހިޔާތަށް ނީދެވޭ މީހާއަށް ގޮނޑިއެއްގައި އިނދެ ނަމާދު ކުރެވޭނެތޯ؟ އެހާލަތުގައި ކިހިނެއްތޯ ހަދަން ޖެހޭނީ؟
ޖ. ކޮޅަަށް ހުރެވޭ ހިސާބުގައި ހުރެފައި، ސަޖިދައަށް ދާންވީމާ ގޮނޑީގައި އިށީންނާނީއެވެ.

ސ. ނަމާދު އެޅެނީ ކަމުގެ ބިރު މީހެއްގެ ހިތުގައި އޮތުމުން، ނަމާދު ޖަމްޢު ކުރެވޭނެތޯ؟
ޖ. ނަމާދު ޖަމްޢު ކުރުމަކީ ހުއްދަ ކަމެކެވެ.
މިއަދު އޮންލައިން