މަލާއިކަތް ބޭކަލުން 2 ފަހަރަށް ރެކޯޑް ކުރައްވާ 2 ނަމާދަކީ ކޮބާ؟ - މާތް ﷲ މީސްތަކުންގެ އަމަލުގެ ރިޕޯޓް ދުވާލަކު 2 ފަހަރު ބައްލަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
މަލާއިކަތް ބޭކަލުން 2 ފަހަރަށް ރެކޯޑް ކުރައްވާ 2 ނަމާދަކީ ކޮބާ؟ - މާތް ﷲ މީސްތަކުންގެ އަމަލުގެ ރިޕޯޓް ދުވާލަކު 2 ފަހަރު ބައްލަވާ!
މީސްތަކުންގެ އަމަލުތައް ލިޔުއްވައި ބަލަހައްޓަވާ މަލާއިކަތް ބޭކަލުން ކޮންމެ ދުވަހަކު 2 ފަހަރަށް ރެކޯޑް ކުރައްވާ 2 ނަމާދެއް ވެއެވެ. ނަމަވެސް އެއީ ކޮން 2 ނަމާދެއް ކަމަށް ވިސްނައި ފަރުވާތެރިވާ މީހުން މިދަނީ މަދުވަމުންނެވެ.

އަހަރެމެންގެ އަމަލުތައް ބެލެހެއްޓެވުމަށްޓަކައި މާތް ﷲ ބައިތިއްބަވާ މަލާއިކަތްބޭކަލުން 2 ޝިފްޓެއް އަދާކުރައްވަވައެވެ. ޝިފްޓް ބަދަލުވެގެންދަނީ ފަތިސް ނަމާދާއި ޢަޞްރު ނަމާދުގައެވެ. އެހެންކަމުން ދުވާލުގެ ޝިފްޓް ޢަޞްރަށް ނިންމަވައިލައްވާ މަލާއިކަތް ބޭކަލުންގެ ފަތުގައިވެސް އެމީހާ ޢަޞްރު ނަމާދުކުރިކަން ރެކޯޑް ކުރައްވަވައެވެ. ހަމައެފަދައިން ރޭގަނޑުގެ ޝިފްޓަށް ވަޑައިގެންނެވި މަލާއިކަތް ބޭކަލުންވެސް ޢަޞްރު ނަމާދުކުރިކަން ރެކޯޑް ކުރައްވަވައެވެ. އެހެންކަމުން 2 ޝިފްޓްގެ މަލާއިކަތް ބޭކަލުންވެސް ޢަޞްރު ނަމާދުކުރިކަން ރެކޯޑް ކުރައްވަވައެވެ.

މާނައަކީ ދުވާލުގެ ޝިފްޓްގައި ތިއްބަވާ މަލާއިކަތްބޭކަލުން އެމީހާގެ ފަތުގައި ރެކޯޑް ލިޔުއްވެވުން ނިންމަވައިލައްވަނީ ޢަޞްރު ނަމާދާއި ހަމައިންނެވެ. އަދި ރޭގަނޑުގެ ޝިފްޓްގެ މަލާއިކަތް ބޭކަލުން އެމިހާގެ ރެކޯޑް ފަށްޓަވަނީ އެމީހާ ޢަޞްރު ނަމާދުކުރި ކަމުގެ ވާހަކައިންނެވެ.

ރޭގަނޑުގެ ޝިފްޓް ނިމި ދުވާލުގެ ޝިފްޓަށް ފެށުމުގައި ފަތިސް ނަމާދުވެސް ހަމަ މިމޭރުމުން 2 ޝިފްޓްގެ މަލާއިކަތް ބޭކަލުންވެސް ރެކޯޑް ކުރައްވަވައެވެ. ފަތިސް ނަމާދާއި ޢަޞްރު ނަމާދު މުހިންމުވެގެން މިދަނީ އެ ސަބަބަށްޓަކައެވެ.

ފަތިސް ނަމާދަށް ހޭލިއަ ނުދިނުމަށް އިބިލީސް އެވަރަށް ބާރުއަޅާ ސަބަބަކީވެސް ފަތިސް ނަމާދު ކުރިކަމުގެ ފަތުގައި ލިޔުއްވިއަ ނުދިނުމަށްޓަކައެވެ. ހަމައެއާއިއެކު ނަމާދުތައް ބަރާބަރަށް ކުރެވޭނަމަ ދެ ނަމާދުގެ މެދުގައި ކުރެވޭ ކުދި ފާފަތައް ދާނީ ފޮހެވެމުން ކަމަށްވާއިރު ފަތިސް ނަމާދުކޮށްފިނަމަ އެމީހާ އެރޭ ކުރި ފާފަތައް ފޮހެވިގެންދާނެ ކަމަށްޓަކައި އެކަން ވެސް ވިއަ ނުދިނުމަށެވެ.

ދުވާލުގެ މަސައްކަތުގައި އުޅޭ މީހުންނަށް ވަރަށް ގިނައިން ކުރިމަތިވާ އެއްކަމަކީ ޢަޞްރު ނަމާދު ވަގުތުގައި ނިދިފައި އޮތުމެވެ. އެގަޑީގައި މީހާ ނިންދަވާފައި ބާއްވަން ޝައިޠާނާ ވަރަށް ގަދައަޅައި މަސައްކަތްކުރާނެއެވެ. އެއީ ދުވާލު ކުރި ފާފަތައް ފޮހެވިގެންދިއަ ނުދިނުމަށްޓަކައެވެ.

މިކަންކަމަށް ރަނގަޅަށް ވިސްނާށެވެ. ހޭލުންތެރިވާށެވެ. ޝައިޠާނާ ކޮންމެހެން ހޯދަން ބޭނުންވެގެން އެއުޅޭ ފުރުޞަތު ހަމަ އެއްގޮތަކަށްވެސް ނުދޭށެވެ.

ނިކަން ވިސްނައިލަބަލާށެވެ.

މާތް ﷲ މީސްތަކުންގެ އަމަލުގެ ރިޕޯޓް ދުވާލަކު 2 ފަހަރު ބައްލަވަމުން ގެންދަވަވައެވެ. މިއީ ބޮހުން އެމީހުންގެ މުވައްޒިފުންގެ ރެކޯޑްތައް ނުބަލަހައްޓާ މިންވަރެވެ. މާތް ﷲ މިހައި ގާތުން އަހަރެމެންގެ ރެކޯޓްތައް ބަލަހައްޓަވަމުން ގެންދަވާއިރު އެ ރިޕޯޓްތައް ވީހައި ރީތިކުރަން ނުޖެހޭނެ ހެއްޔެވެ؟

މާތް ﷲ ގެ ޙަޟްރަތަށް ތިމާގެ ރިޕޯޓް ހުށަހެޅޭއިރު ނަމާދާއި ޛިކުރުކުރުންތަކުން ފެށިފައި އޮންނަނަމަ އަދި ނަމާދާއި ޛިކުރުކުރުންތަކުން ނިމިފައި އޮންނަ ނަމަ އެއީ ކިހައި ފުރިހަމަ ރިޕޯޓަކަށްވެގެންދާނެ ހެއްޔެވެ؟ ނަމާދުތައް، ޚާއްޞަކޮށް ފަތިސް ނަމާދާއި ޢަޞްރު ނަމާދު ޖަމާއަތުގައި ކުރާނަމަ އެމީހެއްގެ ރިޕޯޓް، މާތް ﷲ ގެ ޙަޟްރަތުގައި މަތިވެވެގެންދާނެ މިންވަރު ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ.

ހަމައެއާއިއެކު ހަފްތާއަކު ދެ ފަހަރު އަހަރެމެންގެ ރެކޯޑް މާތް ﷲ ގެ ޙަޟްރަތަށް ހުށަހެޅިގެންދެއެވެ. އެއީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގައެވެ. އެ 2 ދުވަހު ރޯދަ ހިފުން ސުންނަތްވެގެންވަނީ އެ ސަބަބަށްޓަކައެވެ. ތިބާ ރޯދައަށް ހުއްޓައި ރިޕޯޓް ހުށަހެޅުމުން ތިބާގެ ފާފަތައް މާތް ﷲ ފޮއްސަވައިލައްވަވައި ދެއްވަވާނެ ކަމުގެ އުންމީދު ބޮޑުކަމުންނެވެ.

"ތިމަން ރަސޫލާ (ޞޢވ)ގެ ރިޕޯޓް މާތް ﷲ ގެ ހަޟްރަތަށް ހުށަހެޅޭއިރު ރޯދައަށް ހުންނެވުމަށް ލޯބިކުރައްވަމޭ" ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ރޯދައަކީ އެންމެ ވަރުގަދަ "ޑިލީޓް ބަޓަން" ކަމަށްވާތީއެވެ.

މާތް ﷲ ގެ ދީލަތިވަންތަކަމަށް ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ. ކޮންމެ ނަމާދެއް ކުރުމުން ދެނަމާދު ދޭތެރޭގައި ކުރެވޭ ކުދި ފާފަތައް ފުއްސަވައި ދެއްވަވައެވެ. އަދި ހަފްތާއަކު ދެފަހަރު ހަފްތާ ތެރޭގައި ކުރެވޭ ފާފަތައް ފުއްސަވައި ދެއްވަވައެވެ. މާތް ﷲ އަންގަވާފައިވާ ގޮތުގައި އުޅެމުން، އަމަލުކުރަންދާ ނަމައެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން