މުސްލިމަކަށް ފާފައެއް ކުރެވިއްޖެނަމަ ދެކޭނީ ފަރުބަދައެއް ދަށުވެ ޗިސްވެއްޖެ ކަމަށް - ފާޖިރުން ދެކޭނީ ނޭފަތުކުރީގާ ކުނި މެއްސެއް ޖައްސާފަ ދިއައީ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
މުސްލިމަކަށް ފާފައެއް ކުރެވިއްޖެނަމަ ދެކޭނީ ފަރުބަދައެއް ދަށުވެ ޗިސްވެއްޖެ ކަމަށް - ފާޖިރުން ދެކޭނީ ނޭފަތުކުރީގާ ކުނި މެއްސެއް ޖައްސާފަ ދިއައީ ކަމަށް!
ފާފަކުރުމަކީ އެކަން ކުރަން ބޭނުންވާ މީހުންނަށް ކިތަންމެ ގިނައިން އަދި ކިތަންމެ ފަސޭހައިން ވެސް ކުރެވިދާނެ ކަމެކެވެ. ހިތާމައަކީ މަރުވާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭނެތީ ކަމަށާއި މަރުވުމާއިއެކު އެމީހަކު ދުނިޔޭގައި ހުރެ ކުރި އަމަލުތަކާއި ކުރިމަތިލާންޖެހޭނެއެވެ.

ފާފައާއިމެދު މުސްލިމުން ދެކޭނީ އެއީ ތިމާގެ މައްޗަށް ބޮޑު ފަރުބަދައެއް ވެއްޓުން ފަދަ ކަމެއްގެ ގޮތުގައެވެ. ފާފައެއް ކުރެވިއްޖަނަމަ މުސްލިމް މީހާ ދެކޭނީ އެމިހާގެ ގައި މައްޗަށް ބޮޑު ފަރުބަދައެއް ވެއްޓި ފިސްފިސް ވެއްޖެ ކަމަށެވެ. މާނައަކީ ފާފައަށް އެހައިވެސް ބިރުގަންނާނެއެވެ.

ފާޖިރުން ފާފަ އާއިމެދު ދެކޭނީ ކިހިނަކުންތޯއެވެ! އެމީހާގެ ނޭފަތުކުރީގައި ކުނަމެއްސެއް ޖައްސާލާފައި ދިއުން ފަދަ ކަމެއްގެ ގޮތުގައެވެ.

އަނަސްގެފާނަކީ އެބޭކަލަކަށް މުދަލާއި ދަރިން އިތުރުކޮށް ދެއްވެވުމަށާއި ޢުމުރުފުޅު ދިގުކޮށްދެއްވެވުން އެދިވަޑައިގެން ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ) ދުޢާކޮށްދެއްވެވި ބޭކަލެކެވެ. އެ ނިއުމަތްތައް މާތް ﷲ މިންވަރުކޮށްދެއްވެވިއެވެ. އަވަހާރަވީ ހިޖުރައިން 93 ވަނަ އަހަރުއެވެ.

"އަނަސްގެފާނު ތާބީ ބޭކަލުންނަށް ވިދާޅުވީ ތިމަންމެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޒަމާނުގައި ބޮޑެތި ފާފަތައް ކަމުގައި ދެކުނު ކަންތައްތައް އެއްވެސް ކަމެއްގެ ގޮތުގައި ނުދެކޭ ހިސާބަށް އެއިރުވެސް ކަންތައްތައް ގޮސްފައިވާ ކަމަށެވެ. "އަނަސްގެފާނު ދުނިޔޭގައި ހުންނެވިނަމަ މިއަދު އަޅުގަނޑުމެން މިކުރާ ކަންތައްތަކާއިމެދު ވިދާޅުވީ ކީކޭބާ؟"

"މިއަދު އަޅުގަނޑުމެން މީސްތަކުންނަށް އަނިޔާ ކުރަނީ. ރިބާކަނީ. ރިޝްވަތު ހިފަނީ. ރިޝްވަތު ދެނީ. ޖުވާ ކުޅެނީ. މަސްތުވާތަކެތި ބޭނުންކުރަނީ. ބަނގުރާ ބޮނީ. ޙައްޤު ނޫން ގޮތުގަ މީހުންގެ މުދާ ކަނީ. މީހުން ޤަތުލުކުރަނީ. މިހިރީ ބޮޑެތި ފާފަތައް. މިއެންމެހައި ކަންކަން އަޅުގަނޑުމެންގެ ތެރޭގައި ނުހިނގަތޯ؟ މިއީ މާތް ﷲ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ ބޮޑެތި ފާފަތައް."

- މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލް އައުޒަމްގައި އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވި ދަރުސުން
މިއަދު އޮންލައިން