ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ.
"ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެބައެއް ވެއެވެ. -- އެއްބައަކީ އެމީހުންގެ އަތުގައިވާ ގެރީގެ ނިގޫފަދަ ހަންމުށިތަކަކުން މީހުންގެ ގައިގާ ތަޅައި އަނިޔާކޮށް އުޅޭބައެކެވެ. އަދި ހެދުން ލައިގެން، އެހެން ނަމަވެސް އައުރަ ނިވާނުކޮށް ބަރަހަނާކަންމަތީ އުޅޭ އަންހެނުންނެވެ.
އެމީހުން ފިރިހެނުންގެ މައްޗަށް ލެނބިގެންވެއެވެ. އަދި އެމީހުންގެ މައްޗަށް ފިރިހެނުން ލެންބުވުމަށް އެމީހުން މަސައްކަތްކުރެއެވެ. އެމީހުންގެ ސުލޫކަށް މީސްތަކުން ލެންބުވުމަށް މަސައްކަތްކުރާ ބައަކު ފަހުޒަމާނުގައި އަންނާނެއެވެ. އެމީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނާނީ ޖަމަލުގެ ލެނބިފައިވާ ގޮންގަނޑުތަކެއް ފަދައިންނެވެ.
އެކަނބަލުން ސުވަރުގެ ނުވަންނާނެއެވެ. އަދި އެ ސުވަރުގޭގެ ވަސްވެސް ނުދެކޭނެއެވެ. ސުވަރުގޭގެ ވަހަކީ މިވެނި އެވެނި ރާސްތާއެއްގެ ދުރަށް ދުވާވަހެއް ކަމަށްވީނަމަވެސް."
މިޙަދީޘްފުޅުގެ ފުރަތަމަ ބައިގައި އެވަނީ މީސްތަކުންގެ ގައިގައި ތަޅައި އަނިޔާކުރާ ބައެއްގެ ވާހަކައެވެ. އިލްމުވެރިން ވިދާޅުވަނީ އެއީ އަނިޔާވރި ވެރިންގެ އެހީތެރިން ކަމަށެވެ. އެއްވެސް ޙައްޤަކާއި ނުލައި ރައްޔިތުންގެ ގައިގާ ތަޅައި އަނިޔާކުރާ ބައަކު ފަހުޒަމާނުގައި އަންނާނެއެވެ.
މިޒަމާނަށް ބަލައިފިނަމަ އެއީ ވެރިންގެ އަމުރަށް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ އެމީހުންގެ ތަޅައި އަނިޔާކުރާ މީހުންނެވެ. އެއީ ވަޢީދުގެ ތެރެއިން ހިމެނިގެންދާނެ ބައެކެވެ. މާތް ﷲ ވަނީ އަނިޔާ ޙަރާމްކުރައްވަވައިފައެވެ. ހައްޤަކާއި ނުލައި އެއްވެސް މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށްެގެން ނުވާނެއެވެ. އެއީ ޢާންމު ރައްޔިތެއްކަމުގައިވީ ނަމަވެސް އަދި ދައުލަތުގެ މުވައްޒިފެއް ކަމުގައިވީ ނަމަވެސް މީސްތަކުންނަށް އަނިޔާކުރާ މީހަކަށް ވެގެންނުވާނެއެވެ.
މިޙަދީޘްފުޅުން އެނގިގެން މިދަނީ އަނިޔާވެރިވާނެ ބައަކު ފަހުޒަމާނުގައި އަންނާނެކަމާއި އެމީހުންގެ ފަހަތުގައި ތިބޭ ޖަމާއަތެއްގެ ބައަކު ރައްޔިތުންގެ ގައިގައި ތަޅައި އަނިޔާކުރާނެ ކަމެވެ.
ހެދުން ލައިގެން އެހެން ނަމަވެސް އައުރަ ނިވާނުކޮށް އުޅުމުގައި މިސާލަކަށް އެއްގޮތަކީ ހެދުން ލައިގެން ތިބިނަމަވެސް އެކަނބަލުންގެ ހަށިގަނޑުގެ ވަނާތައް އެނގޭގޮތަށް ގައަށް ބާރުކޮށް ހެދުން ލައިގެން ތިބުމެވެ. ނޫންނަމަ ހެދުން ކުރުވެގެން ނަމަވެސް ފެނިގެން ނުވާނެ ތަންތަން ފެނުމެވެ. ނޫންނަމަ ލާފައި ހުންނަ ހެދުމުގެ ފޭރާން ތުނިވުމުން ހަށިގަނޑު ފެނުމެވެ.
މިއިން ކޮންމެ ހާލަތެއްގައި ނަމަވެސް ބޭރުފުށުން އޭނާ އެހުންނަނީ ހެދުން ލައިގެން ނަމަވެސް ޝަރުޢީ ހަމަތަކުގެ މަތިން ބަލައިފިނަމަ އޭނާ އެހުންނަނީ ނިވާވާންޖެހޭ މިންވަރަށް ނިވާ ނުވެ ކަމަށެވެ.
ޖަމަލު ގޮންގަނޑެއްހެން ހުޅިޖެހުމަކީ ބޮލުގެ އިސްތަށިގަނޑު އޮޅައި ކޮޅަށް ޖަހައި އަދި ހުޅިޖަހާފަދައިން އެއިގެ މަތީގައި ފޮތިގަނޑެއް އޮޅައި އިސްތަށިގަނޑު ކޮޅަށް ޖަހާފައި ހުންނަ ގޮތުގެ ވާހަކަ އެެވެ. މިފަދަ ސިފަތަކުގައި ތިބެ ފާޖިރު އަންހެނުން ފަދައިން މުސްލިމް އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުމެ އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ދުނިޔޭގައިވެސް އުޚުރަވީ ހަޔާތުގައިވެސް ކަނބަލުންނަށް އޮތް އެންމެ ރަނގަޅުގޮތަކީ އިސްލާމް ދީނުގައިވާ ފަދަ ޙިޖާބުން ހިޖާބުއަޅައި ނިވާވެގެން ތިބުމެވެ.
މިފަދައިން ހެދުން އަޅާ ކަނބަލުން އެންމެ ބޮޑަށް ވިސްނަންވީ އެއްކަމަކީ އެގޮތަށް ތިބެ މަގުމައްޗަށް، ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުންނަން މިއަދު ހިއްވަރުދޭ ހަމަ އެކަކުވެސް އެދުވަހު ތިބާމެންގެ ފަރާތުން ވަކާލާތު ނުކުރާނެ ކަމެވެ. ޤިޔާމަތް ދުވަހު މާތް ﷲ ގެ ޙަޟްރަތުގައި ތިބާގެ ފަރާތުން ޖަވާބުދާރީވާން އެއިން އެއްވެސް ޖަމާއަތެއް ، ޖަމިއްޔާއެއް އަދި ފަރުދެއްވެސް ނުހުންނާނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނީ ހަމަ އެމީހަކު އަމިއްލައަށެވެ.
މާތް ﷲ އާއި ޢާޚިރަތް ދުވަސް އަދި ޤިޔާމަތް ދުވަހު ހަމަ ކޮންމެ މީހަކާއިވެސް ސުވާލުކުރެވޭނެކަން ޤަބޫލު ނުކުރާ އަދި އެކަން ނުވެސް ދަންނަ ބައެއްގެ ބަހަށް މިކަންކަން ޤަބޫލުކުރާ މުސްލިމް އުޚުތުން އެއްވެސް ޙާލެއްގައި ލެނބިގެން ނުވާނެއެވެ.
މި ހަދީޘް ބަސްފުޅުގައި ނަރަކައިގެ އަހުލުވެރިން ކަމުގައި ބަޔާންކުރައްވަވާފައި އެވަނީ ވަޢީދުގެ ގޮތުންނެވެ. ތައުހީދުގެ މަތީގައި މީހަކު މަރުވެ ގޮސްފައިވާނަމަ އެއްވެސް އިސްލާމަކު ދާއިމަށް ނަރަކައިގައި ދެމިއެއް ނުއޮންނާނެއެވެ. ނަމަވެސް މިތަނުގައި ރަސޫލާ (ޞޢވ) އެ ބަޔާން ކުރައްވަވަނީ ވަޢީދުގެ ބަސްފުޅެވެ. އެހެންވީމާ މަރު އައިސް ޖެހުމުގެ ކުރިން މަރަށް ތައްޔާރުވާން އެބަޖެހެއެވެ. މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާން އެބަޖެހެއެވެ.
- އައްޝައިޚް އަޙްމަދު ސަމީރު ފުރްޤާން މިސްކިތުގައި (26 މެއި) ހޮނިހިރު ދުވަހު ދެއްވި ދަރުސުން
ދަރުސް (އޯޑިއޯ):