އެހެން މީހަކު ނަފްރަތުކޮށްފާނެތީ ކަންބޮޑުވުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެހެން މީހަކު ނަފްރަތުކޮށްފާނެތީ ކަންބޮޑުވުމެއް ނެތް!
ބައެއް މީހުން އަބަދުވެސް ކަންބޮޑުވެގެން އުޅެނީ އެހެން މީހަކު ނުވަތަ ބައަކު ނަފްރަތުކޮށްފާނެތީއެވެ. ނަމަވެސް އެއީ ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. މުހިންމީ އެހެން މީހަކު ނަފްރަތުކުރުން ޙައްޤު ކަމެއް ނުކުރުމެވެ.

ޔަޤީން ކުރަންވީ ތިމާ ކުރާ ހުރިހާ އަމަލުތަކެއް މާތް ﷲ ދެކެދެނެވޮޑިގެންވާ ކަމެވެ. ބައްލަވައިވޮޑިގެންވާ ކަމެވެ. އެކަން ޔަޤީންކޮށްގެންހުރެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުންނަ މީހާއަށް މާތް ﷲ ރައްކައުތެރިކަން ދެއްވަވާނެތެވެ. އެހެންވީމާ މީހަކު ނަފްރަތުކޮށްފާނެ ކަމަށް ބިރުގަތުމެއް އަދި ފަސްޖެހުމެއް ނެތެވެ.

އެހެން މީހަކު ރުޅިއަތުވެދާނެކަމަށް ބިރުގަންނަން ޖެހޭނީ ކުށެއް ކުރެވިފައިވާނަމަ އެވެ. އެމީހާގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމައެވެ. އެމީހާއަށް އެއްވެސް ބާވަތެއްގެ ދެރައެއް ދެވިފައިވާ ނަމައެވެ. މުސްލިމުންނަކީ އެފަދަ ކަންކަން ކުރަން ހުއްދަ ބައެއް ނޫނެވެ. މުސްލިމުން އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ތިމާގެ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ފަދައިން އެހެން މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށެވެ.

މިބުނެވުނީ ވަރަށް ޢާންމު ކަމެއްގެ ވާހަކައެވެ. ނަމަވެސް މިވާހަކަ ދައްކަން މިޖެހެނީ މިހާރަކަށް އައިސް ދިމާވަމުން އަންނަ ވަރަށް ނުރައްކާތެރި މައްސަލަތަކެއްގެ ސަބަބުންނެވެ. މައްސަލައިގެ ނުރައްކައުތެރިކަން ގޮސްފައިވާ މިންވަރަށް ބަލާއިރު އެހެން މީހަކު ނަފްރަތުކޮށްފާނެތީ އެކަމަށް ވިސްނަމުން ގޮސް ނަފްސާނީ ބައްޔަކަށް އެކަން އެބަވެއެވެ. އަދި އެވަރުން ވެސް ނިމެނީއެއް ނޫނެވެ. މީހަކަށް ކުރެވޭނެ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ އަމިއްލައަށް މަރުވުމާއި ހަމައަށް ކަންކަން އެބަކުރެއެވެ.

ލޮބުވެތި މުސްލިމުންނޭވެ! އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެކަމަކަށް މާތް ﷲ މިންވަރު ކުރެއްވެވުމުންނެވެ. މާތް ﷲ ކަމެއް މެދުވެރިކުރައްވަވައިފިނަމަ އެކަމެއް ހުއްޓުވުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

މިހެން ބުނި ނަމަވެސް އެއިގެ މާނައަކީ ތިމާ އާއި ުދުޝްމިނުކަން ލައިގެން މީހަކު އުޅޭނަމަ އެކަމަށް ރައްކައުތެރިވުމަކީ އޮތްކަމެކެވެ. ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް މިބަހުގެ މާނައަކީ އެކަމަށް ވިސްނަމުން ގޮސް މީހާގެ ސިކުނޑި އެކަމުގައި "ގޮއްވައިލުމެއް" ނޫނެވެ.

ޔަޤީން ކުރަންޖެހޭ ކަމަކީ ހައްޤު ގޮތުގައި ހުންނަ މީހާއަށް މާތް ﷲ ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ. މާތް ﷲ ރައްކައުތެރިކަން ދެއްވަވައިފި މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ގޯނާއެއް ކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ ކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން